އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން (ފޮޓޯ/އެމްޑީޕީ)
މުޒާހަރާތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފުވާ ނަމަ ފިޔަވަޅު އަޅަން އެޗްއާރްސީއެމުން ގޮވާލައިފި
އިދިކޮޅުގެ މުޒާހަރާތަކުގައި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކާއި މީހުންގެ އަބުރު ގެއްލޭ ފަދަ ވާހަކަތައް ދައްކާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް، އެފަދަ އަމަލުތައް ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ރޭ ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ނިމިދިޔަ ކައުންސިލް އިންތިހާބަށް ފަހު އިދިކޮޅު އެމްޑީޕީ ހިމެނޭހެން، ޕީއެންއެފްއިން ވެސް އަންނަނީ މަގުމަތީގައި ސިލްސިލާ އެެއްވުންތަކެއް ބާއްވަމުންނެވެ. އެމްޑީޕީގެ ބައެއް މުޒާހަރާތަކުގައި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގާ ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ. އެކަމަކު އެމީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އިތުރަށް ކިޔާލަން
ބުނީ ކީކޭ؟ - މި އެއްވުންތައް ރޭ ވެސް ބާއްވާފައިވަނިކޮށް، އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުގައި ސިލްސިލާ ގޮތެއްގައި މާލޭގައި ބާއްވަމުންދާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކައި އެ ވާހަކަތައް މީޑިއާގެ ޒަރިޔާއިން އާންމުވެ، އެކަމުގެ ސަބަބުން އާންމުންގެ މެދުގައި ނަފްރަތު އުފެދި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމަށެވެ.
އެޗްއާރްސީއެމްއިން ބުނީ:
-
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ހައްގެއް ކަމުގައިވީ ނަމަވެސް އެ ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކާގެ ހައްގުތަކަށް އިހުތިރާމު ކުޑަނުވާނެ ގޮތަށް
-
ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފާޅުކުރެވޭ ހިޔާލުތަކުގައި ވެސް މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ ހަމަނުޖެހުން ނަގާލުމަށް ގޮވާލުމުގެ އިތުރުން އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅުކުރަމުންދޭ
-
އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ރޫހާ ހިލާފު އަމަލުތަކެއް ކަަމަށާއި އެކަމާމެދު ނުހަނު ކަންބޮޑުވާ ކަމަށް ބުނި
"އަދި މިފަދަ އަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށާއި ކަމާ ގުޅުންހުރި ދައުލަތުގެ މުވައްސަސާތަކުން މިކަން ކަމަށް އަޅުއްވަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ގާނޫނީ އިމުގެ ތެރެއިން އެޅުއްވުމަށް ކޮމިޝަނުން ގޮވާލަމެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކުރާއިރު އެހެން މީހުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި ހަމަނުޖެހުމާއި އަނިޔާވެރި އަމަލުތަކަށް ހިތްވަރުނުދިނުމަށް އިލްތިމާސްކޮށްފަ އެވެ. ސިޔާސީ ހަރާކާތްތަކުގެ އާންމު މަސްލަހަތު އިސްކޮށް މީހުންގެ އަބުރަށް ގެއްލުވާނެ ކަންކަން ނުވާނެފަދަ ގޮތަކަށް އެކަންކަން އިންތިޒާމުކުރުމަށް ވެސް ގޮވާލި އެވެ.
މީގެ އިތުރުން، ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް އެއްބާރުލުން ދިނުމަށް ގޮވާލި އެވެ.