ހިޔާ ފްލެޓެއްގެ ފިނިޝިން މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފޮޓޯ/މުހައްްމަދު މުޒައްޔިން ނާޒިމް)

ހިޔާ ފްލެޓްތައް

ހިޔާ ފްލެޓުގެ ސްޓްރަކްޗާގެ ބައެއް ތަންތަން ތަޅާލި މީހުން ޖޫރިމަނާކުރަނީ

އެޗްޑީސީން ބުނީ ފްލެޓުގެ އެތެރޭގެ މަސައްކަތްތައް ކުރާއިރު ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ފްލެޓު ލިބުނު މީހުންނަށް އަންގާފައިވާނެ ކަމަށް

ހުޅުމާލޭގައި އަލަށް އާބާދުވަމުން އަންނަ 'ހިޔާ' ފްލެޓުތަކުގެ ބައެއް ތަންތަން ތަޅާލާ މީހުން ޖޫރިމަނާކުރަން ފަށައިފި އެވެ. އެޗްޑީސީން ބުނާ ގޮތުގައި، މި ގޮތަށް ޖޫރިމަނާ ކުރަނީ، ޓަވަރުގެ ސްޓްރަކްޗާއަށް ބަދަލު ގެނައުމުގެ ސަބަބުން ލިބޭ ގެއްލުމަކުން އަނބުރާ އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެތީ އެވެ.

މައްސަލައިގެ ފެށުން - ހިޔާ ފްލެޓުތައް ލިބުނު މީހުންނާ ހަވާލުކުރީ އަމިއްލައަށް ފިނިޝިން މަސައްކަތް ކުރާ ގޮތަށެވެ. އެ މަސައްކަތް ކުރުމުގެ ތެރޭގައި ބައެއް މީހުން ވަނީ ސިންކު ބަހައްޓަން ރާނާފައި ހުރި ތަނުގެ އިތުރަށް، ބެލްކަނީގައި ދޮންނަމެޝިން ބަހައްޓަން ހަދާފައި ހުރި އޮޅިގަނޑު ވެސް ތަޅާލާފަ އެވެ.

'ދައުރު'އާ ވާހަކަދެއްކި ގިނަ މީހުން ޖޫރިމަނާކޮށްފައި ވަނީ ބެލްކަނީގެ އޮޅިގަނޑު ތަޅާލުމުންނެވެ. ބައެއް މީހުންނަށް 10،000ރ.ގެ ޖޫރިމަނާއެއް ކޮށްފައިވެ އެވެ.

ނަމަވެސް، ޖޫރިމަނާކުރި މީހުންގެ އަދަދާއި ފައިސާގެ އަދަދު އެޗްޑީސީއަކުން އަދި ނުބުނެ އެވެ. ނަމަވެސް، ސްޓްރަކްޗާއަށް ގެއްލުން ލިބޭ ގޮތަށް މަސައްކަތްކުރި ބަޔަކު ޖޫރިމަނާކުރިކަން އެ ކުންފުނިން ޔަގީންކޮށްދިނެވެ.

އެނގުން މުހިންމު - ހިޔާ ފުލެޓްތަކުގައި އެއްވެސް މަސައްކަތެއް ކުރެވޭނީ ނުވަތަ ފްލެޓަށް އެއްވެސް ބަދަލެއް ގެނެވޭނީ:

  • އެ ބަދަލެއް ގެނައުމުގެ ކުރިން ނުވަތަ މަސައްކަތެއް ފެށުމުގެ ކުރިން، 'ހިޔާ ފުލެޓް އެތެރޭގެ މަސައްކަތްތައް ނިންމުމަށް އެދި ހުށަހަޅާ ފޯމް' މެދުވެރިކޮށް އެޗްޑީސީގެ ހުއްދަ ހޯދަައިގެން 

  • މަސައްކަތްކުރުމުގެ ހުއްދަ ދޫކުރަނީ 'ހިޔާ 7000 މަޝްރޫއުގެ ފުލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލު'ގައިވާ ކަންތައްތަކަށް އިގުރާރުވުމުން

ހިޔާ ފްލެޓެއްގެ ފިނިޝިން މަސައްކަތް ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'ޖޫރިމަނާކުރަނީ އުސޫލާ ހިލާފަށް މަސައްކަތްކުރުމުން'

ބުނީ ކީކޭ؟ - އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހިޔާ ޓަވަރުތައް ފަރުމާކޮށްފައި ވަނީ އިމާރާތުގެ ތަނބުތަކާއި ފާރުތަކުން މުޅި އިމާރާތުގެ ބަރުދަން ހިފަހައްޓާ ގޮތަށެވެ. އެހެންވެ، ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާ ހިލާފަށް، ކޮންކްރީޓް ސްޓްރަކްޗާއަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ފަރާތްތައް ޖޫރިމަނާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓަވަރަށް ލިބޭ ގެއްލުމަކުން އަނބުރާ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް އިމާރާތަށް ލިބިދާނެތީ. ނޭނގި ނަމަވެސް ކުރެވޭ ކަމަކުން ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވެދާނެތީ އެކަމުން ރައްވާތެރިވުމުގެ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.

ހިޔާ ފްލެޓެއްގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެޗްޑީސީން ބުނީ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ކުރަމުންދާއިރު ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ފްލެޓު ލިބުނު މީހުންނަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް، ފްލެޓު ލިބިފައިވާ ބައެއް ފަރާތްތަކުން ނުވަތަ މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތްތަކުން އެ ކަންތައްތަކަށް ބެލުމެއް ނެތި އިމާރާތަށް ގެއްލުން ލިބޭ ގޮތަށް މަސައްކަތް ކުރާ ނަމަ، އެޗްޑީސީން އަމަލުކުރާ ގޮތަކީ:

  • އެ ކަންތައްތައް ހުއްޓުވުން 

  • އިމާރާތަށް ލިބިފައިވާ ގެއްލުން ދިރާސާކުރުމަށް ފަހު، ފްލެޓު ލިބިފައިވާ ފަރާތާ އެކު ހަދާފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށް ފްލެޓު ލިބިފައިވާ ފަރާތް ޖޫރިމަނާކުރުން 

  • ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށް އެންގުން

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓެއްގެ އެތެރޭގެ މަސައްކަތް ކުރަނީ.

ފްލެޓުތަކުގެ މަސައްކަތް ކުރުމުގެ އުސޫލުގެ ބައެއް މުހިންމު މާއްދާތައް:

  • ފްލެޓުގެ އެތެރޭގައި ޕާޓިޝަނެއް ހަރުކޮށްގެން ބައި ކުރާ ނަމަ، އިމާރާތުގެ އެތެރޭގައި ވައި ދައުރުވުމަށް ހުރަސް ނޭޅޭނެ ގޮތަށް، ޓަވަރަށް ލޯޑު އިތުރު ނުވާނެ ގޮތަށް ބަރުދަން ލުއި ތަކެތި ބޭނުންކުރުން

  • ފުލެޓްގެ ފާރެއް ތަޅާލުމަށް ފަހު ކޮޓަރި ވަކިކޮށް ނުވަތަ ގުޅުވުމަކީ ކަނޑައެޅިގެން މަނާކަމެއް

  • އިމާރާތުގެ ބޭރު ފާރުގައި ހަރުކޮށްފައިވާ އެއްވެސް ދޮރެއް ނުވަތަ ކުޑަ ދޮރެއް މިހާރު ހުރި ތަން ފިޔަވައި އެހެން ތަނަކަށް ބަދަލުކުރުމަކީ މަނާ ކަމެއް

  • އިމާރާތުގެ ސްޓްރަކްޗާއަށް ގެއްލުން ނުވާނެ ގޮތަށް، އިމާރާތުގެ އެތެރޭގެ ދޮރުތައް ހުރި ތަން ބަދަލުކުރުމުގައި މޭސަނަރީ ވޯލްސް (ކޮންކްރީޓް ފާރު ފިޔަވައި) ގްރައިންޑާ ބޭނުންކޮށްގެން ކަނޑައިގެން ބަދަލު ކުރެވިދާނެ؛ މަސައްކަތް ފެށުމުގެ ކުރިން، ދޮރުތަކަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ކުރެހުން ހުށަހަޅައި އެޗްޑީސީގެ ހުއްދަ ހޯދަން ޖެހޭ

  •  އިމާރާތުގެ ކޮންކްރީޓް ސްޓަރަކްޗާއަށް އެއްވެސް އުނިކަމެއް އަންނަ ފަދަ ބަދަލެއް ގެނައުމަކީ މަނާކަމެއް؛ އޭގެ ތެރޭގައި ހިމެނެނީ: ކޮންކުރިޓް ފާރުތައް (ލޯޑް ބެއަރިން ފާރުތައް)، ބެރި އާއި ތަނބު (ބީމް އަދި ކޮލަމް) އަދި  ކޮންކްރީޓް ޝީޓް (ސްލެބް/ފުލޯ ސްލެބް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް