އިކޮނޮމިކް މިނިސްޓަރު ސަޢީދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/މަޖިލިސް)

ސުވާލަށް ޖަވާބު ނުދީ ސައީދު ދެއްކީ ކުރީ ސަރުކާރުގައި ނުކޮށް ހުރި ކަންތައް

މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ސުވާލު ކުރެއްވީ ޑިވެލޮޕްމެންޓް ބޭންކު އެންމެ ފަހުން ހުޅުވުނީ ކޮން ދުވަހަކުތޯ

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ މިއަދު ސުވާލު ކުރެއްވުމުން، އެ ސުވާލަށް ސީދާ ޖަވާބު ނުދެއްވާ ކުރީ ސަރުކާރުގައި ފަށާނެ ކަމަށް ބުނެ ނުފެށި ހުރި ކަންތައްތަކުގެ ވާހަކައިން މިސާލު ޖައްސަވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވަނީ "ޑިވެލޮޕްމެންޓް ބޭންކު އެންމެ ފަހުން ހުޅުވުނީ [އެ ތަނުގެ ދޮރު ހުޅުވުނީ] ކޮން ދުވަހަކުތޯ؟" މިނިސްޓަރު އަރިހުން ސުވާލު ކުރައްވައިފަ އެވެ.

ތަފްސީލް - އެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ޑިވެލޮޕްމެންޓު ބޭންކަކީ މުހިއްމު ތަނެއް ކަމަށާއި އެ ތަން އޮޕަރޭޝަނަލައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށެވެ.

"އިއްޒަތްތެރި މެންބަރު މި ސުވާލު ކުރެއްވީމާ އަޅުގަނޑު ހަމަ ހިތަށްއަރާ، މިއީ ހަމަ އާ ކަންތަކުގެ ވާހަކަ މި ދެއްކީ. އަޅުގަނޑުމެން ކަނޑުން ބާނާ މަހުން ގޭދޮށު މަސްފެކްޓްރީ އަޅަން ފަސް އަހަރު އެހެން ކިޔަކިޔާ ދުއްވާލި ބޭފުޅުން ނޫންތޯ ތިއީ؟ އެންމެ މަސްފެކްޓްރީއެއް [ވެސް] އެޅުނުތޯ؟ އަދި އަސްދަނޑިން ބޭރުގައި ކަނދުފަތި އަޅާ އޭގައި އައިސްޕްލާންޓާއި އޭގައި އޭޓީއެމް ބަހައްޓަން ވިދާޅުވި ބޭފުޅުން ތިއީ. އެންމެ އެއްޗެއް ބެހެއްޓުނުތޯ؟،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި، ނާޒިލް ނިސްބަތްވެވަޑައިގަންނަވާ އައްޑޫގައި ގޭދޮށު މަސްފެކްޓްރީ އަޅަން ބިން ކަނޑާ، ރޯނު ދެމި ކަމަށާއި މިހާރު އެ ބިމުގައި އޮތީ ވިނަ ހެދި، ޖެހި ކާދަ ވެސް ފީވެފައި ކަމަށެވެ.

"ފަސް އަހަރު ދުއްވާލީ އެގޮތަށް. ދެން އަޅުގަނޑު ކުރީގައި މިތަނުގައި މެންބަރުކަން ކުރި މާވަށު ދާއިރާގައި، ތިބޭފުޅުންގެ ވެރިކަމުގައި ނޫންތޯ އެތަނުން ސީދާ ގަރުދިޔަ އެކްސްޕޯޓު ކުރީ. މި ވާހަކަ ދައްކަން މި ޖެހެނީ އިރުއިރުކޮޅާ ތި ވާހަކަ ދައްކާތީ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ޑީބީއެމްއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ އިންވެސްޓްމަންޓުތައް ހޯދަން އުފެއްދި، ސަރުކާރުގެ %100 ހިއްސާ އޮންނަ ބޭންކެކެވެ. އެމްއެމްއޭއިން ވަނީ އޮކްޓޫބަރު 2024ގައި އެ ބޭންކަށް ބޭންކިން ލައިސެންސް ދޫކޮށްފަ އެވެ. ޑީބީއެމްއަށް ބޭންކިން ވިޔަފާރި ފަށަން ބޭނުންވާ ހުއްދަ އެމްއެމްއޭއިން ދިނީ މިދިޔަ އަހަރުގެ 29 ޖެނުއަރީގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެސް ސައީދު ވަނީ ޑީބީއެމް އޮޕަރޭޝަނަށް ގެނެވޭނެ ސީދާ ތާރީހެއް ވިދާޅުނުވެ، އެ ބޭންކުގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޑީބީއެމް އުފެއްދުމަށް ފަހު އެތަނުގެ ސީއީއޯގެ ގޮތުގައި ހަމަޖެއްސީ، އިނގިރޭސި ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އެވެ. ނަމަވެސް، އެ ބޭންކުގެ މަސައްކަތް ރަނގަޅަށް ނުފެށެނީސް އޭނާ ވަނީ މިދިޔަ އަހަރުގެ މާޗު މަސް ތެރޭ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް