މޫސާ ފަތުހީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ޕީއެސްއެމް)
ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި އުވާލެއްވި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މޫސާ ފަތުހީ، ވެރިކަން ކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެކަން ވަނީ ހާމަކޮށްފަ އެވެ.
ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް އައްޔަނު ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް އިޚްލާޞްތެރި ތަހުނިޔާއައި މަރުޙަބާއެއް ދަންނަވަން.#DhiveheengeRaajje#CongressPartyMV pic.twitter.com/55TdhEr6Hb
— PNC Secretariat (@pnc_secretariat) April 20, 2026
ތަފްސީލް - ފަތުހީއަކީ ސަރުކާރުގެ ކުންފުނިތައް ބަލަަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި ރައީސްގެ ފަރާތުން ހުންނަވާ މަންދޫބެވެ.
ޕީއެންސީގެ އެސްޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއާޒު ހަލީމް މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ މުއާޒު ޕީއެންސީގެ އެސްޖީ ކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.
ފާހަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒަށް އެއްބާރުލުން ދެއްވުމަށް އެސްޖީ ކަމުން މުއާޒު ވަކިވެވަޑައިގަތްއިރު، ހަމަ މިގޮތަށް ވިދާޅުވެ ސަރުކާރުގެ 10 މިނިސްޓަރަކު ވެސް މިދިޔަ ހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެއަށް ފަހު އެ މަގާމުތަކަށް އާ ބޭފުޅުން މިހާރު ވަނީ އައްޔަންކުރައްވާފަ އެވެ.
މި ބަދަލުތައް ރައީސް މުއިއްޒު ގެންނަވަމުން މި ގެންދަވަނީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި މައި ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވަނިކޮށެވެ. އެ އިންތިހާބަށް ފަހު ރައީސް މުއިއްޒު ވަނީ ކަންކަން އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް (1)
ކުރިކީލަ