ކަށިމިޔަރު

ހައި ކޯޓު

ކަށިމިޔަރު މަސްވެރިކަން ހުއްޓުވަން 2 ވަނަ ފަހަރަށް ހުށަހެޅި މައްސަލަ ވެސް ބަލައެއްނުގަތް

ކަށިމިޔަރު މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމީ، އެކަން ނުކުރުމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ގިނަ އަދަދެއްގެ ޑައިވަރުން ވެސް ގޮވާލަމުން ދަނިކޮށް

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަދީ ހުޅުވާލަން ސަރުކާރުން ނިންމައި އާންމުކުރި ގަވާއިދާއި ޕްލޭން ބާތިލްކުރަން ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ވެސް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

ވީކިހިނެއް؟ - ކަށިމިޔަރު މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމީ، އެކަން ނުކުރުމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ގިނަ އަދަދެއްގެ ޑައިވަރުން ވެސް ގޮވާލަމުން ދަނިކޮށެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ދެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސީނީން އެވެ.

ތަފްސީލް - ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމަކީ، ގާނޫނުއަސާސީ އަދި އެހެނިހެން ގާނޫނުތަކަކާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެ މި މައްސަލަ ފުރަތަމަ ހުށަހެޅީ މިދިޔަ ޑިސެމްބަރުގަ އެވެ.

ދުސްތޫރީިި މައްސަލައަކަށް ވާނީ ގާނޫނެއް ނުވަތަ ގަވާއިދެއް ގާނޫނުއަސާސީއާ ހިލާފުވުމުން ކަމަށް ބުނެ، ހައި ކޯޓުން އޭރު އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ. ރަޖިސްޓްރާގެ މި ނިންމުން މުރާޖައާކުރަން ހުށަހެޅުމުން ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމީ، އާންމު މަސްލަހަތު ހިމެނޭ ދުސްތޫރީ މައްސަލަތަކަކީ ހައި ކޯޓުގެ އިހުތިސާސްގެ ބޭރުގައިވާ މައްސަލައަކަށްވާތީ ބަލައިގަނެވެން ނެތް ކަމަށެވެ.

ފަނޑިޔާރުންގެ މި ނިންމުމާ ގުޅިގެން، ކުރިން ހުށަހެޅި މައްސަލަ އިސްލާހުކުރުމަށް ފަހު، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އަލުން އެ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ 2 ފެބްރުއަރީގަ އެވެ. 

ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމާ، ހައި ކޯޓުގެ ރެޖިސްޓާގެ ނިންމުމުގައި ވަނީ:

  • ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭ ގޮތުން ސަރުކާރުން ހެދި ގަވާއިދާއި އެކަމާ ބެހޭ ޕްލޭން ގާނޫނުއަސާސީ އަދި މަސްވެރިކަމާ ބެހޭ ގާނޫނާ ހިލާފުވާ ގޮތެއް ބުނެދީފައި ނުވާ ކަމަށް

  • އެހެންވެ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް

އެނގުން މުހިންމު - ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ވެސް ހިމެނޭ ގޮތަށް މިކަން ނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވި އެވެ. ސަބަބަކަށް ފާހަގަކުރީ:

  • ކަށިމިޔަރުގެ ސްޓޮކް އެސެސްމަންޓެއް ނެތުން

  • ދިރުންތަކުގެ ނާޒުކުކަމާއި އާބާދީ އަވަހަށް ދިޔުމުގެ ތާރީހީ ރެކޯޑު އޮތުން

  • މޫސުމަށް އަންނަ ބދދަލުގެ ސަބަބުން ކަނޑުގެ މާހައުލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން

ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް (1)

ރާއްޖެތެރެމީހާ

16 އޭޕްރީލު 2026
ތިޔަ މިނިސްޓުރީތަކުގަ ނޫޅޭނެ ކަށިމިޔަރު މަސްވެރިކަން ކުރިއެއްވެސްމީހަކު ކަށިމިޔަރު އުޅެނީ ކިހާހިސާބަކުކަންވެސް ނޭނގޭނެ ކިމީހުންނަކައް ކަށިމިޔަރަކީ މަސްބޭނުން ކުރެވޭ އެއްޗެއްނޫން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް