ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް އައްޔަން ކުރި އަލީ ޝަރީފަށް ރައީސް މުއިއްޒު މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ކެބިނެޓް

ތިމާވެށީގެ މިނިސްޓަރު ސޯޝަލް މީޑިއާގައި ގެންގުޅުނު ހުތުރު ބަސްމަގަށް ފާޑުކިޔުން

އަލީ ޝަރީފްގެ ޕޯސްޓުތަކުގައި އޭނާ ވަނީ ގައުމުތަކުގެ ވެރިންނަށް ހަޖޫޖައްސަވައި އިބްރާހިމް އިސްމާއިލްގެ ނުކުޅެދުންތެރިކަމަށް ވެސް ފާޑުވިދާޅުވެފައި

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އަލަށް އައްޔަން ކުރެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންވާ ތިމާވެށީގެ މިނިސްޓަރު އަލީ ޝަރީފް، މީގެ ކުރިން ސޯޝަލް މީޑިއާގައި ހުތުރު ބަހުން ކޮށްފައިވާ ޕޯސްޓުތައް އާންމުވެ، ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަލީ ޝަރީފް މަގާމަށް އައްޔަން ކުރުމާ އެކު، އޭނާ އެކްސްގައި މީގެ އަހަރުތަކެއް ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ކުރެއްވި ޕޯސްޓުތައް ދައުރުވާން ފެށި އެވެ. 

ތަފްސީލު - އަލީ ޝަރީފް 2019ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)ގެ ހާލަތަށް ބަދުބަސް ވިދާޅުވެ، ފުރައްސާރަ ކުރައްވާފަ އެވެ.

"މީނާގެ ދެން ހުރި އަގުނުތައް [ގުނަވަންތައް] ސަލާމަތުން ﷲ ދެއްވީތީ މީނާ ޝުކުރުވެރިވާން އެބަޖެހޭ،" އިބްރާހިމް އިސްމާއިލްއަށް ނިސްބަތްކުރައްވައި އަލީ ޝަރީފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. 

ތިމާވެއްޓާ ބެހޭ މިނިސްޓަރީއަށް އައްޔަން ކުރި އަލީ ޝަރީފް މަގާމުގެ ލިޔުމުގައި ސޮއި ކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އަލީ ޝަރީފް 2020ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ "ބޮޑު ޓެރަރިސްޓެއް" ކަމަށް ވެސް ސިފަ ކުރައްވާފަ އެވެ.

އޭގެ އިތުރުން ވެސް އަލީ ޝަރީފްގެ ޕޯސްޓުތަކުގައި ބައެއް މީހުންނަށް ހުތުރު ބަހުން ނިސްބަތްކޮށް ހަޖޫ ޖައްސަަވާފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި 19 ވަނަ މަޖިލީހުގެ މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އެމްޑީޕީ ވެރިކަމުގައި އޮތް އިރު، އިދިކޮޅުގައި އޮތް ޕީޕީއެމްއަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައިވެ އެވެ.

މި ޕޯސްޓުތައް އާންމުވެ، ފާޑުކިޔުން އަމާޒުވުމުން އަލީ ޝަރީފް ވަނީ ޕޯސްޓުތައް ޑިލީޓް ކުރައްވަން ފައްޓަވާފަ އެވެ. ދައުރުވި ގިނަ ޕޯސްޓުތައް މިހާރު އޭނާ ވަނީ ޑިލީޓް ވެސް ކުރައްވާފަ އެވެ.

"މީހުންނަށް ފުރައްސާރަ ކުރުން، ނުކުޅެދޭ މީހުންނަށް ޖޯކް ޖެއްސެވުން. މުސްލިމުންނާ ދިމާލަށް ލާދީނީ ގޮވުން، އަވައްޓެރި ގައުމުތަކުގެ ވެރިންނަށް ހަޖޫޖެހުން. މިއީ ތިބޭޅާގެ ހޮބީތޯ؟،" އަލީ ޝަރީފް ޓެގްކޮށް އެކްސްގައި މީހަކު ސުވާލު ކުރި އެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއާމް ސައުދު ކުރި ޕޯސްޓެއްގައި ބުނީ، ބެކްރައުންޑް ޗެކް ނުހަދާ ވަޒީފާ ދިނުމަކީ މި ސަރުކާރުން ވަރަށް ގިނައިން ކޮށްފައިވާ ކަމެއް ކަމަށެވެ.

"ވަޒީރަކަށްވީމަ މީހާގެ ވިސްނުމާއި ފިކުރު އަދި ގަބޫލު ކުރާ ގޮތް އޯވާނައިޓެއް ތެރޭ ބަދަލުވަނީކީ ވެސް ނޫން. ވަޒީރުކަމުގައި ކުރިއަށްދާ ނަމަ، ކުރިން ދައްކާފައިވާ ހުރި މިފަދަ ވާހަކަތަކަށް ޖަވާބުދާރީވާން ޖެހޭ،" މިދުއާމް ބުންޏެވެ.

އަލީ ޝަރީފްގެ މި ބަސްމަގާ ގުޅިގެން އޭނާއަށް މަޖިލީހުން ރުހުން ނުދިނުމަށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.

ކޮމެންޓް (2)

މަށޭ

16 އޭޕްރީލު 2026
ރައިސް މުއިއްޒަކީ ތިކަހަލަ ކަންތަކަށް މާބޮޑަށް ކޮންސަރންވާ މީހެއް ނޫން. އެހެން ނޫން ނަމަ ސަރުކާރުގެ ސީނިއަރ މަގާމެއްގައި ހުރެ ޝިއުނާ އާއި އޭނާގެ ގްރޫޕް މީހުން ބޮޑެތި ސިންގާހާ މީހުންނާއި ފޮށެ އައުގުރާނަ ގޮވާއިރު، އެކަން ހުއްޓުވަން މަސައްކަތް ކުރާނެ. ސީޔާސީ މަސައްކަތަށް ނިކުންނަން ޖެހޭނީ ފާޑުކިޔާނެކަން ދަނެގެން އެކަން ހަޖަމުވެސް ކުރެވޭ މީހުން. އެކަމު ތިމާގެ އިސްކޮޅަށް ވުރެ ބޮޑެތި އަރާއަރަފޯދިގެން ނުވާ ފަދަ މީހުންނަށް ފުރައްސާރަކޮށްއުޅުމުން ވަރަށް އައިބު. ޝިއުނާ މެންނަށް ބޮޑެތި މަގާމުތައް މީހަކު ތަބަކަށް ލާފަ ދިނަކަސް އެއީ އެއްވެސް ފެންވަރެއް ނެތް ނައެއް.
8 1

ތެފައާސާ.

16 އޭޕްރީލު 2026
ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރު ދެބައިވީފަހުން، ރައްޔިތުންގެ ވިންދާއި އެއްގޮތަށް ވެރިކަން ފުރޮޅާލުމުގެ ގޮތުން އައްޔަންކުރެއްވި ބޭކަލެއް. ކީކޭ ދެން ބުނާނީވެސް؟
16 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް