ނިމިގެން ދިޔަ އިންތިހާބުގައި ކެމްޕޭން ކުރުމަށް މާލޭގެ މަގެއްގައި ބަހައްޓާފައި ހުރި ޕޯސްޓަރުތަކެއް (ދައުރު ފޮޓޯ/ މުހައްމަދު އަޝްހަލް ސައީދު)

ފަންނުވެރިން

ކެމްޕޭން ފަޅުފިލުވާލީ ރީތި ފޮންޓުތަކުން، އެކަމަކު އަގު ދައްކާކަށް ބޭނުމެއް ނުވި

ކެމްޕޭން ޕޯސްޓަރުތަކުގައި އަކުރުޓައިޕްގެ ފޮންޓުތައް ބޭނުން ކުރި ނަމަވެސް އެއަށް އަގުދައްކަން ގިނަ މީހުން ދެކޮޅުހެދި

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ޕޯސްޓަރުތަކުން އެއްކަމެއް ފާހަގަވި އެވެ. އެކިވަރުވަރުގެ، އެކި ގޮތްގޮތަށް ލިޔެފައިވާ ދިވެހި ފޮންޓުތަކެވެ. އެކަމަކު ހަގީގަތަކީ އޭގެ ތެރެއިން ގިނަ ފޮންޓުތައް ބޭނުންކޮށްފައި ހުރީ އޭގެ ވެރިފަރާތުގެ ހުއްދައާ ނުލާކަމެވެ.

ރީތި ދިވެހި ފޮންޓެއް މިހާރު އެންމެ ފަސޭހައިން އަތުޖެހޭނެ މާކެޓްޕްލޭސްއަކީ އަކުރުޓައިޕެވެ. އަމިއްލަ ބޭނުންތަކަށް ރީތި ފޮންޓުތައް އެތަނުން ލިބެން ހުރި ނަމަވެސް، ވިޔަފާރީގެ ބޭނުމަށް ނުވަތަ ޕްރޮމޯޝަންތަކަށް އެތަނުގެ ފޮންޓުތައް ޖެހޭނީ ގަންނާށެވެ. އެކަމަކު އަކުރުޓައިޕްގެ ގިނަ ފޮންޓުތަކެއް، ކެމްޕޭން ޕޯސްޓަރުތަކުން ފެނުނު އިރު އެއަށް އަގު ދެއްކީ މަދު ބައެކެވެ.

ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ގިނަ ކެންޑިޑޭޓުން ވެސް އެކަން ކުރީ ގަވައިދާހިލާފަށެވެ.

ކެމްޕޭންތެރޭގައި ބޭނުންކުރި އަކުރުޓައިޕްގެ ބައެއް ފޮންޓުތަކުގެ ތަފްސީލު (ފޮޓޯ/އަކުރުޓައިޕް)
ކެމްޕޭންތެރޭގައި ބޭނުންކުރި އަކުރުޓައިޕްގެ ބައެއް ފޮންޓުތަކުގެ ތަފްސީލު (ފޮޓޯ/އަކުރުޓައިޕް)

މަގުމަތިންނާއި ސޯޝަލް މީޑިއާތަކުން އަކުރު ފޮންޓަށް މި ފަދަ 173 ކޭސްއެއް ފާހަގަވި އެވެ. އެ ތަފާސްހިސާބުތަކަށް ބަލާއިރު:

  • 126 މީހުން ފޮންޓު ބޭނުން ކުރީ ހުއްދަ ނުނަގާ

  • ހުއްދައާ އެކު ފޮންޓު ބޭނުން ކުރީ ފަސް މީހުން

  • ސަމާލުކަމަށް ގެނައުމުން، ބައެއް މީހުން އަގު ދެއްކި

މި ތަފާސްހިސާބުތަކަށް ބަލާއިރު އެމްޑީޕީގެ 85 ކެންޑިޑޭޓުންނާއި ޕީއެންސީގެ 74 ކެންޑިޑޭޓުންގެ ފަރާތުން މި މައްސަލަ ފެންމަތިވި އެވެ.

"މިއުޅެނީ ހަމައެކަނި ކޮޕީރައިޓަށް ހޭލުންތެރިނުވުމުގެ މައްސަލަ އެކަންޏެއް ނޫން. މީގެން ދައްކައިދޭ އާޓިސްޓުންނަށް އިހްތިރާމް ނުކުރުން ވެސް،" އަކުރުޓައިޕްގެ އޮފިޝަލަކު ބުންޏެވެ.

ފޮންޓުތަކަށް އަގު ނުދައްކާ ބޭނުންކުރާތީ، އަކުރުޓައިޕުން ވަކިވަކިން އެ ބޭނުންކުރި މީހުންނާ ގުޅި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން، 'އެއީ ގަންނަން ޖެހޭ އެއްޗެއް ކަމެއް ނޭނގޭ' ކަމަށް ބުނެ ޖަވާބުދިން އިރު، 'އެ ގަންނާކަށް ނުޖެހޭނެ'އޭ ކިޔައިގެން ޒުވާބުކުރި މީހުން ވެސް އުޅެ އެވެ. އަނެއް ބަޔަކު ލާރި ބޭނުން ނަމަ ކޯޓަށް ދިޔުމަށް ވެސް އެދުނެވެ.

ކެމްޕޭންތެރޭގައި ބޭނުންކުރި އަކުރުޓައިޕްގެ ބައެއް ފޮންޓުތަކުގެ ތަފްސީލު (ފޮޓޯ/އަކުރުޓައިޕް)
ކެމްޕޭންތެރޭގައި ބޭނުންކުރި އަކުރުޓައިޕްގެ ބައެއް ފޮންޓުތަކުގެ ތަފްސީލު (ފޮޓޯ/އަކުރުޓައިޕް)

އަކުރުޓައިޕުން ބުނިގޮތުގައި ބައެއް ކެންޑިޑޭޓުން، އެތަނުގެ ފޮންޓުތައް އޭއައިގެ ޒަރީއާއިން ޓްރޭސް ނުވަތަ ކޮޕީކޮށްގެން ވެސް ބޭނުންކުރި އެވެ. އެހެންވެ، އެއަށް އަގު ދައްކަން އެ މީހުން ދެކޮޅު ހަދަ އެވެ. އެ މީހުންގެ ރައުޔަކަށް ވީ، ފޮންޓު ވެބްސައިޓުން ކޮޕީކޮށްފައި، އަތުގައި ނުބާއްވާ ނަމަ އެއަށް އަގު ދައްކަން ނުޖެހޭނެ ކަމަށެވެ.

ކެމްޕޭންގައި ބޭނުންކުރި އަކުރުޓައިޕުގެ ފޮންޓުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ބޭނުންކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުލިޔުމުގެ ފޮންޓު، 'މައުމޫން' އެވެ. އަމިއްލަ ބޭނުންތަކަށް އެ ފޮންޓު އަކުރުފޮންޓުން ޑައުންލޯޑް ކުރެވެން އޮތް ނަމަވެސް، ވިޔަފާރި އާއި ޕްރޮމޯޝަންތަކަށް އެ ފޮންޓު ޖެހެނީ 3،000 ރުފިޔާއަށް ގަންނާށެވެ. ކެމްޕޭންގައި 85 ބަޔަކު އެ ފޮންޓު ބޭނުން ކުރިއިރު އެއަށް އަގު ދެއްކީ އެންމެ %15 މީހުންނެވެ.

ދެން އެންމެ ގިނަ ބަޔަކު ބޭނުންކުރީ ދިވެހި ޓައިޕް ފައުންޑަރީގެ 'މަލަސް' އާއި ހުސެން ވަހީދުގެ 'ރޯނު' ފޮންޓެވެ. މިއީ ވިއްކާ ދެ ފޮންޓް ނަމަވެސް ގަނެގެން އެ ބޭނުންކުރީ މަދު ބައެކެވެ.

ލައިސަންސް ނުނަގައި ފޮންޓު ބޭނުންކުރާ މައްސަލަ މިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައި ވެސް ފެންމަތިވި އެވެ. އެކަމަކު އަކުރުޓައިޕުން ބުނިގޮތުގައި ކައުންސިލް އިންތިހާބުގައި އެ ނިސްބަތް ދެ ގުނަ އިތުރެވެ.

"ހަމައެކަނި ކެމްޕޭންތަކެއް ނޫން. ބޮޑެތި ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް އަގު ނުނަގާ އެބަ ބޭނުންކުރޭ ފޮންޓު. މީގެ ތެރެއިން ބައެއް ކުންފުނިތައް އަޅުގަނޑުމެން ވާނީ ޖޫރިމަނާ ވެސް ކޮށްފައި،" އޮފިޝަލް ބުންޏެވެ.

މި މައްސަލަ ފެންމަތިވުމުން، ބައެއް މީހުން ގުޅައި އަގު ދެއްކި ކަމަށް އޭނާ ބުންޏެވެ. އެކަމަކު އަކުރުޓައިޕް މާކެޓްޕްލޭސް ބޭނުންކުރާ ޓައިޕް ޑިޒައިނަރުންގެ ހައްގުތަކާއި ފިކުރީ މުދާ ރައްކާތެރި ކުރުމަށް، އަގު ނުދައްކާ މީހުންގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ވިސްނުން ހުރި ކަމަށް ވެސް އެތަނުން ބުންޏެވެ.

ކޮމެންޓް (3)

ހޯކޭ

16 އޭޕްރީލު 2026
ފޮންޓް ކޮންމެ ގޮތަކަށް ހުރިނަމަވެސް ބަސް އުފެއްދީ ތިއަށް ގޮތްގޮތް ހަދާ މީހުންނެއް ނޫން. އާދައިގެ ފޮންޓަކުން ނަންޖެހިޔަސް އެއީކީ މައްސަލައެއްނޫން. ކައުންސިލަށް ކުރިމަތިލެއްވި ބޭފުޅުން އާދައިގެ ފޮންޓް ބޭނުންކުރައްވާ. ދިވެހި ބަހަކީ ވަކި ބައެއްގެ ފިކުރީ މުދަލެއްނޫން. ނޫނިއްޔާ އަމިއްލަ ގޮތެއް ހަދާލާފަ ލިޔެލާ. ތިއީއަކީ މާ ކަންބޮޑުކުރާވަރުގެ ޒާތުގެ ކަމެއްނޫން. މާއްދިއްޔަތަށް ގޮސް ހުސްކުރާ ޒާތަށް ހުޅަނގުން އުފައްދާ ފިކުރުގަ ޖެހުނީމާ ވާނެ ހައެތި މިވަނީ. ކޮންމެ ކަމެއްގޮސް ފައިސާ އަށް. މިއީއަކީ އަހަރެމެން އިންސާނުން އުޅެންޖެހޭ ގޮތެއް ނޫން. ކޮން ފިކުރީ މުދަލެއްތަ. ދުނިޔެމަތީގަ ހުރިހާ އިންސާނުންނަށް ހުރިހާ ތަކެއްޗެއްވެސް ފްރީކޮށް ބޭނުންކުރެވޭގޮތް ހަދަންޖެހޭ. ވަރިހަމަ ރޮލާ ކާލިޔަސް. މި ނޫން ގޮތަކަށް ހައްލެއް ނުލިބޭނެ. ތިހެން ފިކުރީ މުދާ ހަދައިގެން މަ ނޫން ބަޔަކަށް ބޭނުން ކުރެވިޔަ ނުދޭން އުޅުމުން އިރާނުން އެ އުޅެނީ އަމިއްލައަށް އެތަކެތި އުފައްދަން. ގެޓު
4 1

ބެއްޔާގެ ދަރި

16 އޭޕްރީލު 2026
ކައުސިލަކީ ގާނޫނުތަކާއި ގަވާއިދުތައް ވަރަށް ބޮޑަށް އެނގިގެން ނޫނީ ކުރިމަތިލާން ހެޔޮވާވަރު ތަންތަނެއް ނޫން. ކޮޕީ ރައިޓްއަކީ ކޮބައިކަން ނޭނގޭ މީހުން ރަނގަޅުވާނީ މި ފަދަ ސިޔާސަތު ކަނޑައަޅާ މަގާމުތަކަށް ކުރިމަތިނުލުން.
2 0

އަލިފާންފޮށި

16 އޭޕްރީލު 2026
އަކުރުޓައިޕްގެ އިސްވެރިން، މިފަހަރު ފަންނުވެރިންގެ ހައްގުގަ ނަމަވެސް މި މައްސަލަ އެބަ ޖެހޭ ކޯޓަށް ހުށައަޅައިގެން ބަދަލު ހޯދަން. މި ރާއްޖޭގައި ފަންނުވެރިންގެ މަސައްކަތަކީ އެއްވެސް އަގެއް ހުރި ކަމަކަށް ނުވޭ، ފޮޓޯއެއް ނެގިއަސް، އެ ފޮޓޯ ބޭނުން ކުރަނީ، މުޅިން ނަހަމަ ގޮތުގަ.
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް