ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
9 ވަނަ މިނިސްޓަރަކަށް ހައިދަރު އިސްތިއުފާ ދެއްވައިފި
ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު ވެސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވީ ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓުގެ ބައެއް ވަޒީރުންނަށް އިސްތިއުފާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށެވެ.
ތަފްސީލް - މި ސަރުކާރުގައި ހައިދަރު ފުރަތަމަ ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ. ފަހުން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލުމަށް ފަހު ހައިދަރު ބަދަލު ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށެވެ.
ތަފްސީލް - ހައިދަރުގެ އިސްތިއުފާއާ އެކު މިއަދުގެ މިހާތަނަށް 9 ވަޒީރަކު އިސްތިއުފާ ދެއްވާފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
މިހާތަނަށް އިސްތިއުފާ ދެއްވި އެހެން ވަޒީރުންނަކީ:
-
ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ހަލީލު
-
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
-
ޝޯޝަލް މިނިސްޓަރު ޑރ.އައިޝަތު ޝިހާމް
-
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
-
އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
-
ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް
-
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
-
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް
މީގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ގުޅުން ހުރި - ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:
-
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
-
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
-
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
-
އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
-
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.