ޓޫރިޒަމް މިނިސްޓަރު ތޯރިމު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ބްރޭކިންގް
ކެބިނެޓް

ޓޫރިޒަމް މިނިސްޓަރު ތޯރިގު ވެސް އިސްތިއުފާ ދެއްވައިފި

މިހާތަނަށް 8 ވަޒީރަކު ވަނީ އިސްތިއުފާ ދެއްވާފައި

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމްް ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވީ ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓުގެ ބައެއް ވަޒީރުންނަށް އިސްތިއުފާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށެވެ.    

ތަފްސީލް - މި ސަރުކާރުގައި ތޯރިގު ފުރަތަމަ ހުންނެވީ އެންވަޔަރަމެންޓު މިނިސްޓަރުގެ މަގާމުގަ އެވެ. ފަހުން ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލާ އެ މިނިސްޓްރީގެ މިނިސްޓަރަކަށް ވެސް އައްޔަނު ކުރީ ތޯރިގެވެ.

ތަފްސީލް - ތޯރިގުގެ އިސްތިއުފާއާ އެކު މިއަދުގެ މިހާތަނަށް 8 ވަޒީރަކު އިސްތިއުފާ ދެއްވާފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.

މިހާތަނަށް އިސްތިއުފާ ދެއްވި އެހެން ވަޒީރުންނަކީ:

  • ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ހަލީލު

  • ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

  • ޝޯޝަލް މިނިސްޓަރު ޑރ.އައިޝަތު ޝިހާމް

  • ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

  • އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

  • ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް

  • ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު

މީގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ގުޅުން ހުރި - ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:

  • އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން

  • މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި

  •  އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި

  •  އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި 

  • ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް