އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ (ފޮޓޯ/ރައީސް އޮފީސް)
ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މާރިޔާ އިސްތިއުފާ ދެއްވައިފި
މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މާރިޔާ މިއަދު މަގާމުން އިސްތިއުފާ ދެއްވި އިރު، މިއަދުގެ މިހާތަނަށް އިތުރު ފަސް ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ތަފްސީލް - މާރިޔާއަކީ މި ސަރުކާރިގައި އެގްރިކަލްޗާ މިނިސްޓްރީއަށް އައްޔަންކުރި ދެވަނަ މިނިސްޓަރެވެ. އޭގެ ކުރިން އޭނާ ހުންނެވީ މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކެބިނެޓުން މިއަދު މިހާތަނަށް އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ:
-
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
-
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
-
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
-
ސޯޝަލް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
-
ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް
-
އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ގުޅުން ހުރި - ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:
-
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
-
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
-
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
-
އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
-
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.