ރައީސް އޮފީހުގެ ރަސްމިއްޔާތެއްގައި އެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު(ފައިލް ފޮޓޯ/ ރައީސް އޮފީސް)

ސިވިލް ކޯޓު

އަލީ ޒާހިރު އެމްސީބީއަށް ދައްކަންޖެހޭ 2 މިލިއަން އެއްފަހަރާ ދައްކައިފި

އެ ފައިސާ ދައްކާފައިވާތީ، ބޭންކަށް ލިބެންޖެހޭ 2.3 މިލިއަން ރުފިޔާގެ އިތުރު ކޯޓު ހަރަދަށް 50،000ރ. ނަގައިދިނުމަށް އެމްސީބީން ހުށަހަޅާފައިވާ މައްސަލަ މިިހާރު ވަނީ އަނބުރާ ނަގާފައި

މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)އަށް، ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދައްކަންޖެހޭ 2.3 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ދައްކާ ނިންމާފައިވާތީ، އެ ފައިސާ ހޯދަން ކޯޓަށް ހުށަހެޅި މައްސަލަ އެމްސީބީން ނަގައިފި އެވެ.

މައްސަލައިގެ ފެށުން - އަލީ ޒާހިރުގެ ނަމުގައި އެމްސީބީގައި ހުޅުވާފައި ހުރި އެކައުންޓަށް 8 ފެބްރުއަރީ 2016ގައި އަބްދުالله ނަސީރު މުހައްމަދު ނަމަކަށް ކިޔާ މީހަކު 4.12 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރި ކަމުގެ ލިޔުން އަލީ ޒާހިރާ ހަވާލުކުރުމުން، އޭނާގެ އަމިއްލަ އެކައުންޓުން 2.3 މިލިއަން ރުފިޔާގެ ޗެކެއް ނަސީރަށް ދޫކުރެއްވި އެވެ. އެގޮތުން:

  • ނަސީރު ދޫކުރި 4 މިލިއަން ރުފިޔާގެ ޗެކު އަލީ ޒާހިރުގެ އެކައުންޓަށް ޖަމައެއް ނުވޭ 

  • އެކަމަކު، އެ ޗެކު ޑިޕޮޒިޓްވި ކަމުގެ ލިޔުމަށް ބަލައި އަލީ ޒާހިރުގެ އެކައުންޓުން ނަސީރަށް ދޫކުރި 2 މިލިއަން ރުފިޔާގެ ޗެކަށް އަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތީސް ބޭންކުން ފައިސާ ދޫކުރި 

  • އެ ހިސާބުން އަލީ ޒާހިރާއި ބޭންކާ ދެމެދު އެ ފައިސާ އަނބުރާ ދެއްކުމާ މެދު ހިޔާލު ތަފާތުވުމެއް އުފެދުނު

  • ބޭންކުން އަލީ ޒާހިރަށް ފޮނުވި ސިޓީއެއްގައި ބުނީ ޗެކަކީ ފައިސާ ދޫކުރުމަށް ބޭންކަށް ކުރެވޭ އަމުރަކަށް ވާތީ އެ ފައިސާއާ މެދު އޭނާ ޒިންމާވާން ޖެހޭނެ ކަމަށް

  • އެ ފައިސާ 18 ޖޫން 2018 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި ބޭންކަށް ދެއްކުމަށް އެންގި

ވީ ކިހިނެއް؟ - ބޭންކުން ފައިސާ ދެއްކުމަށް އަންގައި ފޮނުވި ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށާއި އެ ފައިސާއަށް އޭނާ ޒިންމާވާން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަލީ ޒާހިރުގެ ފަރާތުން ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެކަމަކު ސިވިލް ކޯޓުގެ އިތުރުން ހައި ކޯޓު އަދި ސުޕްރީމް ކޯޓުން ވެސް ނިންމާފައިވަނީ އެއީ އަލީ ޒާހިރު ޒިންމާވާންޖެހޭ ފައިސާއެއް ކަމަށެވެ.

ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ ހޯދަން އެމްސީބީން 18 ނޮވެމްބަރު 2024ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެ މައްސަލާގައި އެދިފައިވަނީ، ބޭންކަށް ލިބެންޖެހޭ 2.3 މިލިއަން ރުފިޔާގެ އިތުރު ކޯޓު ހަރަދަށް 50،000ރ. އަލީ ޒާހިރުގެ އަތުން ނަގައިދިނުމަށެވެ.

ތަފްސީލް - މި މައްސަލަ އެމްސީބީން އެދިގެން ސިވިލް ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފަ އެވެ. ސަބަބަކަށް ބުނެފައިވަނީ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ދިން ފުރުސަތުގައި ކުރި މަޝްވަރާތަކަށް ފަހު އަލީ ޒާހިރު ދައްކަންޖެހޭ 2.3 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ދައްކާ ހާލާސްކޮށްފައިވާތީ ކަމަށެވެ. 

އެ ފައިސާ އެކީ އެއްފަހަރާ ދައްކާފައިވާތީ، ކޯޓުގެ ހަރަދުގެ ގޮތުގައި ނަގައިދޭން އެދިފައިވާ 50،000ރ. އިތުރަށް ބޭނުންނުވާ ކަމަށް ވެސް އެމްސީބީން ކޯޓުގައި ބުނެފައިވެ އެވެ. އެހެންވެ، ކޯޓުން އިއްޔެ ވަނީ އެ މައްސަލާގައި އަލީ ޒާހިރު ދައްކަންޖެހޭ އިތުރު ފައިސާއެއް ނެތް ކަމަށް ކަނޑައަޅައި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް