އަލީ ޒާހިރު (ފައިލް ފޮޓޯ/ މަޖިލިސް)
އެމްސީބީއަށް 2 މިލިއަން ރުފިޔާ ދައްކަންޖެހޭ މައްސަލާގައި ސުޕްރީމް ކޯޓުން ވެސް އަލީ ޒާހިރަށް ނާކާމިޔާބުވެއްޖެ
މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މައްޗަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
މައްސަލައިގެ ފެށުން - އަލީ ޒާހިރުގެ ނަމުގައި އެމްސީބީގައި ހުޅުވާފައި ހުރި އެކައުންޓަށް 8 ފެބްރުއަރީ 2016ގައި އަބްދުالله ނަސީރު މުހައްމަދު ނަމަކަށް ކިޔާ މީހަކު 4.12 މިލިއަން ރުފިޔާގެ ޗެކެއް ޑިޕޮޒިޓް ކުރިކަމުގެ ލިޔުން އަލީ ޒާހިރާ ހަވާލުކުރުމުން، އޭނާގެ އަމިއްލަ އެކައުންޓުން 2.3 މިލިއަން ރުފިޔާގެ ޗެކެއް ނަސީރަށް ދޫކުރެއްވި އެވެ. އެގޮތުން:
-
ނަސީރު ދޫކުރި 4 މިލިއަން ރުފިޔާގެ ޗެކު އަލީ ޒާހިރުގެ އެކައުންޓަށް ޖަމައެއް ނުވޭ
-
އެކަމަކު، އެ ޗެކު ޑިޕޮޒިޓްވި ކަމުގެ ލިޔުމަށް ބަލައި އަލީ ޒާހިރުގެ އެކައުންޓުން ނަސީރަށް ދޫކުރި 2 މިލިއަން ރުފިޔާގެ ޗެކަށް އަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތީސް ބޭންކުން ފައިސާ ދޫކުރި
-
އެ ހިސާބުން އަލީ ޒާހިރާއި ބޭންކާ ދެމެދު އެ ފައިސާ އަނބުރާ ދެއްކުމާ މެދު ހިޔާލު ތަފާތުވުމެއް އުފެދުނު
-
ބޭންކުން އަލީ ޒާހިރަށް ފޮނުވި ސިޓީއެއްގައި ބުނީ ޗެކަކީ ފައިސާ ދޫކުރުމަށް ބޭންކަށް ކުރެވޭ އަމުރަކަށް ވާތީ އެ ފައިސާއާ މެދު އޭނާ ޒިންމާވާން ޖެހޭނެ ކަމަށް
-
އެ ފައިސާ 18 ޖޫން 2018 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި ބޭންކަށް ދެއްކުމަށް އެންގި
ވީ ކިހިނެއް؟ - ބޭންކުން ފައިސާ ދެއްކުމަށް އަންގައި ފޮނުވި ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށާއި އެ ފައިސާއަށް އޭނާ ޒިންމާވާން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަލީ ޒާހިރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރީ އެ ފައިސާ އަނބުރާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގެ ހައްގު ބޭންކަށް ލިބިގެން ނުވާ ގާނޫނީ އަދި ޝަރުއީ ސަބަބެއް ދެއްކިފައި ނުވާތީ ސިޓީ ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް މައްސަލަ ނިމުނީ އޭނާއާ ދެކޮޅަށެވެ.
ތަފްސީލް - ހައި ކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ސުޕްރީމް ކޯޓުގައި އަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ މައްސަލާގައި އެ ކޯޓުން މިއަދު އިއްވި ހުކުމުގައި ވެސް ބުުނީ ހައި ކޯޓުގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ. އެގޮތަށް ނިންމީ އެ ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އަގުލަބިއްޔަތުންނެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ވާގޮތުން:
-
އަލީ ޒާހިރުގެ ފަރާތުން 2 މިލިއަން ރުފިޔާގެ ޗެކެއް ދޫކޮށްފައިވަނީ ނަސީރުގެ އެކައުންޓަށް 4 މިލިއަންެ ރުފިޔާގެ ޗެކެއް ޖަމާވަމުން ކަމަށް އަލީ ޒާހިރު ބުނި ނަމަވެސް އަލީ ޒާހިރު ޗެކް ދޫކޮށްފައިވަނީ އޭގެ ކުރިންކަން ލިޔެކިއުންތަކުން އެނގޭ
-
އެހެންކަމުން އަލީ ޒާހިރު ނަސީރަށް ޗެކް ދޫކޮށްފައިވަނީ އޭނާގެ އެކައުންޓުގައި އެވަރު ހުންނާނެ ކަމަށް ގަބޫލުކޮށްގެންކަން ބެލޭނެ ހަމައެއް ނެތް
-
ބޭންކުން ފައިސާ ދޫކުރުމުގައި އެބޭންކެއްގެ ކެޕިޓަލް %15އަށް ވުރެ ބޮޑު ނުވާ ނަމަ ފައިސާ ދޫކުރެވިދާނެކަން އެނގެން އޮވޭ
-
އެމްސީބީއާ އަލީ ޒާހިރާ ދެމެދު ހިނގާފައިވާ މުއާމަލަތަކީ ސާދާ އަންއޮތޮރައިޒްޑް އޯވަޑްރާފްޓުގެ މުއާމާލަތެއް
-
މި މުއާމަލަތަކީ ބޭންކުގެ އިހުމާލުން ހިނގާފައިވާ މުއާމަލާތެއް ކަމަށް ބެލޭނެ ހަމައެއް އަލީ ޒާހިރަށް ބުނެދެވިފައި ނުވާތީ އެމްސީބީން ދޫކޮށްފައި 2 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަކީ އަލީ ޒާހިރުގެ ޒިންމާއެއް
މި މައްސަލާގައި ރައުޔު ތަފާތުވީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ އެކަންޏެވެ. އޭނާގެ ރައުޔުގައި ވިދާޅުވީ އެ މައްސަލާގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުންތަކަކީ ބޭންކުގައި އަމަލުކުރަމުން އަންނަ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމުން އެ ފަައިސާ އަލީ ޒާހިރު ދައްކަން ނުޖެހޭނެ ކަމަށެވެ.
ކޮމެންޓް (3)
ސިކުނޑި
އިބްރާހިމް
ބަކުރުތަކުރު