ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ހައި ކޯޓު

އަލީ ޒާހިރު އެމްސީބީއަށް 2.3 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވި

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އާއި މޮރިޝަސް ކޮމާޝަލް ބޭންކު (އެމްސީބީ)އާ ދެމެދު އުފެދުނު ފައިސާގެ ދެބަސްވުމެއްގައި އޭނާ އެ ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން ހައި ކޯޓުުން އިއްޔެ ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - އަލީ ޒާހިރުގެ ނަމުގައި އެމްސީބީގައި ހުޅުވާފައި ހުރި އެކައުންޓަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުالله ނަސީރު މުހައްމަދު ޖަމާކުރުމަށް ހުށަހެޅި 4.13 މިލިއަން ރުފިޔާގެ ޗެކެއް ޑިޕޮޒިޓް ކުރިކަމުގެ ލިޔުން އަލީ ޒާހިރާ ހަވާލުކުރުމުން އޭނާ އަމިއްލަ އެކައުންޓުން 2.3 މިލިއަން ރުފިޔާގެ ޗެކެއް އަބްދުﷲ ނަސީރަށް ދޫކުރެއްވި އެވެ. އެގޮތުން:

  • ނަސީރު ދޫކުރި 4 މިލިއަން ރުފިޔާގެ ޗެކު އަލީ ޒާހިރުގެ އެކައުންޓަށް ޖަމައެއް ނުވޭ 

  • އެކަމަކު، އެ ޗެކު ޑިޕޮޒިޓްވި ކަމުގެ ލިޔުމަށް ބަލައި އަލީ ޒާހިރުގެ އެކައުންޓުން ނަސީރަށް ދޫކުރި 2 މިލިއަން ރުފިޔާގެ ޗެކަށް، އަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތީސް ބޭންކުން ފައިސާ ދޫކުރި 

  • އެ ހިސާބުން އަލީ ޒާހިރާއި ބޭންކާ ދެމެދު އެ ފައިސާ އަނބުރާ ދެއްކުމާ މެދު ހިޔާލު ތަފާތުވުމެއް އުފެދުނު

  • ބޭންކުން އަލީ ޒާހިރަށް ފޮނުވި ސިޓީއެއްގައި ބުނީ ޗެކަކީ ފައިސާ ދޫކުރުމަށް ބޭންކަށް ކުރެވޭ އަމުރަކަށް ވާތީ އެ ފައިސާއާ މެދު އޭނާ ޒިންމާވާން ޖެހޭނެ ކަމަށް 

  • އެ ފައިސާ 18 ޖޫން 2018 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި ބޭންކަށް ދެއްކުމަށް އެންގި

ވީ ކިހިނެއް؟ - ބޭންކުމުގެ އެންގުމާ ދެކޮޅު ހަދައި އަލީ ޒާހިރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި މައްސަލައިގައި އެދުނީ ބޭންކުން ފައިސާ ދެއްކުމަށް އަންގައި ފޮނުވި ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ ފައިސާއަށް އޭނާ ޒިންމާވާން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ޒާހިރު އެދިވަޑައިގެންނެވި އެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ އެ ފައިސާ އަނބުރާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގެ ހައްގު ބޭންކަށް ލިބިގެން ނުވާ ގާނޫނީ އަދި ޝަރުއީ ސަބަބެއް ދެއްކިފައި ނުވާތީ ސިޓީ ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުން އަލީ ޒާހިރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، އެ ކޯޓުން ބެލި މައްސަލައިގައި ވެސް އަލީ ޒާހިރުގެ ފަރާތުން ބުނެފައި ވަނީ:

  • އެކައުންޓުގައި ފައިސާ ނެތީސް، ބޭންކުން ޗެކަށް ފައިސާ ދޫކުރީ ޗެކަށް ފައިސާ ދޫކުރުމުގައި ބޭންކުން އާންމުކޮށް އަމަލުކުރާ އުސޫލާ ހިލާފަށް ކަމަށް

  • ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނާ ހަވާލާދީ ބުނީ، ޗެކުގައިވާ މިންވަރަށް އެކައުންޓުގައި ފައިސާ ނެތުމަކީ، ޗެކަށް ފައިސާ ދޫކުރުމަށް ބޭންކަށް ކޮށްފައިވާ އަމުރަށް ތަބާވުން ލާޒިމުނުވާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް

  • އެކައުންޓުގައި ފައިސާ ނެތް ނަމަ، އެކަން އަލީ ޒާހިރަށާއި ޗެކް ރައްދުވާ ފަރާތަށް އަންގައި ޗެކް ރިޓާން ކުރަން ޖެހޭނެ ކަމަށް

  • އޭނާ އެދިވަޑައިގަތީ ސިވިލް ކޯޓުގައި ވެސް އެދުނު ކަންކަމުގެ އިތުރުން، އެ ކޯޓުން އެ މައްސަލައިގައި ކުރި ހުކުމް ބާތިލުކުރުމަށް

މޮރިޝަސް ބޭންކުގެ ފަރާތުން ހައި ކޯޓުގައި ބުނެފައި ވަނީ:

  • ޗެކަކީ އެ ޗެކެއް ބޭންކަށް ދިނުމުން ޝަރުތަކާ ނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމުން ކުރެވޭ އަމުރެއް ކަމަށް

  • އަލީ ޒާހިރުގެ ފަރާތުން ބޭންކުގެ މައްޗަށް ކުރި އަމުރުގެ ދަށުން ފައިސާ ދޫކުރުމަށް ބޭންކަށް ލިބިފައިވާ ބާރު ނެތިގެންދާނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ފަދަ ހާލަތެއް ނެތް ކަމަށް

  • އެ ފައިސާ އަކީ އަލީ ޒާހިރު ބޭންކަށް ދައްކަން ޖެހޭ ފައިސާއެއްކަން އޭނާ އަމިއްލައަށް ގަބޫލުކުރާކަން އޭނާ ބޭންކަށް ފޮނުވި ސިޓީއަކުން އެނގޭ

  • އަލީ ޒާހިރަށް ޗެކުގައިވާ މިންވަރަށް ފައިސާ ލިބިފައި ވާއިރު، އޭގެ މުގާބިލުގައި އަލީ ޒާހިރުގެ ފަރާތުން ކޮށްފައިވާ ކަމެއް ނެތް ކަމަށާއި، އެހެންވެ، އެއީ އަލީ ޒާހިރަށް ލިބިފައިވާ ނުހައްގު މަންފާއެއް ކަމަށް

  • އެ ސަބަބުތަކާ ހެދި އެ ފައިސާ އަކީ އަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭ ފައިސާއެއް

ތަފްސީލް - މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ބެންޗުގެ ރައުޔު ތަފާތުވި އެވެ. އެގޮތުން، އެ ފައިސާއަށް އަލީ ޒާހިރު ޒިންމާ ނަންގަވަން ޖެހޭނެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހަސަން ޝަފީއުއަށް ފެނިވަޑައިގެންނެވިއިރު، ފަނޑިޔާރު މުހައްމަދު ފައިސަލްއަށް ފެނިވަޑައިގަތީ އެއާ ހިލާފަށެވެ.

ފަނޑިޔާރު ޝުއައިބުގެ ރައުޔުގައި ބުނެފައި ވަނީ އެކައުންޓުގައި ފައިސާ ނެތް ހާލަތެއްގައި ފައިސާ ދޫކުރުމަކީ މަނާ ކަމެއް ނޫން ކަމަށާއި ފައިސާ ދޫކުރުމަށް ބޭންކަށް ލިބިފައިވާ ބާރު ނެތިގެންދާ ކަމެއް ނޫން ކަމަށެވެ. ފައިސާ ދޫކުރުމަކީ އާންމުކޮށް އަމަލު ކުރާ އުސޫލާ ހިލާފަށް ކުރި ކަމަކަށް ވިޔަސް، އެކަމުގެ މައްޗަށް އެކަނި އެ ފައިސާ ބޭންކުން އަލުން އަނބުރާ ހޯދުން މަނާވާ ސަބަބެއް ނޫން ކަމަށް ވެސް އޭނާގެ ރައުޔުގައިވެ އެވެ.

އަލީ ޒާހިރުގެ ފަރާތުން ބޭންކަށް ފޮނުވި ސިޓީއެއްގައި އެ ފައިސާ އަކީ އޭނާ އަނބުރާ ބޭންކަށް ދައްކަން ޖެހޭ ފައިސާއެއްކަން އޭނާ އަމިއްލައަށް ގަބޫލުކުރާކަން އެނގޭ ކަމަށް ވެސް ފަނޑިޔާރު ޝުއައިބުގެ ރައުޔުގައިވެ އެވެ.

އެނގުން މުހިންމު - އެ ސިޓީގައި އޭނާ އެދިވަޑައިގެންފައި ވަނީ އެ ފައިސާ އަކީ ލޯނެއްގެ ގޮތުގައި ހަމަޖައްސައި ވަކި މުއްދަތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.

ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވަނީ ބޭންކަށް އެނގިގެން އޮވާޑްރާފްޓު ކުރުމާއި އެނގުމަކާ ނުލައި އޯވާޑްރާފްޓު ކުރާ ހާލަތްތައް އޮންނަކަން ފާހަގަކުރައްވައިފަ އެވެ. އަދި ބޭންކުގެ އެނގުމާ ނުލައި އޯވާޑްރާފްޓުކޮށްފައި ވާއިރު، އެކަމުގައި އަލީ ޒާހިރާއި ބޭންކާ ދެމެދު އެއްބަސްވުމެއް ނެތް ކަމަށް ވެސް ފާހަގަކުރި އެވެ

އޭނާގެ ރައުޔުގައި ވަނީ، އޯވާޑްރާފްޓަށް ނެގޭ ފައިސާއަކީ ދަރަންޏަށް ނެގޭ ފައިސާއެއް ކަމަށާއި އެ ފައިސާ އަނބުރާ ދެއްކުމަކީ ކަސްޓަމަރުގެ ޒިންމާއެއް ކަމަށެވެ.

އޭގެ އިތުރުން، އެކައުންޓުގައި ފައިސާ ނެތް ހާލަތުގައި އޮވާޑްރާފްޓު ކުރުމަކީ، ފައިސާ ދޫކުރުމަށް ޗެކުން އެންގުމުން ފައިސާ ދޫކުރުމަށް ލިބިގެންވާ ބާރު ބޭންކަށް ނެތިގެންދާނެ ހާލަތެއް ނޫންކަން ގާނޫނުން އެނގޭ ކަމަށް ފާހަގަކުރި އެވެ. 

ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔުގައި ވަނީ އެ ފައިސާ ދޫކުރީ ބޭންކުގެ އިހުމާލުން ކަމަށެވެ. އަދި އެ ފައިސާއަށް އަލީ ޒާާހިރު ޒިންމާވާން ނުޖެހޭނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް