ޗާގޯސް ޖަޒީރާ. (ފޮޓޯ/ގެޓީ އިމޭޖަސް)

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމަކީ ރާއްޖެއަށް ލިބުނު ފުރުސަތެއް: ފޮރިން މިނިސްޓްރީ

އިނގިރޭސިވިލާތުގެ ނިންމުމަށް މަރުހަބާ ކިޔާ، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ޗާގޯސްގެ ސިޔާދަތީ ބާރުތައް ރާއްޖެއަށް ދިނުމުގެ މަޝްވަރާތަަކަށް ލިބުނު ބާރެއް ކަމަށް

ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލާފައިވާތީ ރާއްޖޭން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ވީ ކިހިނެއް؟ - އެއްބަސްވުމަށް އަމަލުކުރުން އިނގިރޭސިވިލާތުން މަޑުޖައްސާލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުންނެވެ.

މޭ 2025ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް ފަހު، އަހަރަކު އެވްރެޖްކޮށް 101 މިލިއަން ޕައުންޑްގެ ކުއްޔަކަށް ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު އިނގިރޭސިވިލާތުން އަނބުރާ ކުއްޔަށް ހިފުމަށް އޮތީ ހަމަޖެހިފަ އެވެ. 

ތަފްސީލް - އިނގިރޭސިވިލާތުގެ ނިންމުމަށް މަރުހަބާ ކިޔާ، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗާގޯސްގެ މިލްކުވެރިކަން ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތަށް މިއީ މުހިއްމު ފުރުސަތެއް ކަމަށް ދެކޭ ކަމަށެވެ. އަދި މިއީ ޗާގޯސްގެ ސިޔާދަތީ ބާރުތައް ރާއްޖެއަށް ދިނުމުގެ މަޝްވަރާތަަކަށް ލިބުނު ބާރެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެ ބަޔާނުގައި ރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އެނގުން މުހިންމު - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ އުތުރު ކަނޑުގެ ސަރަހައްދުގެ ފުށުއަރާ އިމުގެ ސަރަހައްދާ މެދު ވެސް ގޮތެއް ނިންމައިފަ އެވެ.

އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:

  • ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު

  • މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު

ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ގެއްލުވާލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިޓްލޮސްއަށް މައްސަލަ ހުށަހަޅަން މަސައްކަތްކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ކުރިއަށްދާ ތަނެއް ނުފެނެ އެވެ.

ދެކުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް ވައުދުވެވަޑައިގަތުމުގެ އިތުރަށް ޗާގޯސްގެ ރަށްތައް ވެސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް ބަޔާންކުރައްވައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.

އަދި އެ ރަށްތައް ހައްގުވަނީ މޮރިޝަސްއަށް ކަމަށް ވިދާޅުވެ އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންދެވިކަން ވެސް، ވެރިކަމަށް ދެ އަހަރު ފަހުން ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވެ އެވެ. ނަމަވެސް އެ ސިޓީ އަނބުރާ ގެނައުމަށް ރައްޔިތުންގެ މަޖިލީހަކުން އަދި ނުނިންމަ އެވެ.

ކޮމެންޓް (3)

ހައްޕު

13 އޭޕްރީލު 2026
ކޮން ފުރުޞަތެއް! އަނެއްކާވެސް ވަތަނިއްޔަތާއި ގައުމިއްޔަތުގެ ގޭމް ކުޅޭނެ ކަމެއްނެތް. އިނގިރޭސި ވިލާތަކުން ފޯޅަވަހި ރާއްޖެއަކާއި ހަވާލެއް ނުކުރާނެ... ދިވެހިންނަށް ރަނގަޅުވާނީވެސް އެތަނާއި ގާތްނުވުން. މިއީ ލައްކަވާހަކަ. .......
1 0

ކައްޕު

14 އޭޕްރީލު 2026
@ހައްޕު ސާހިދު ފެކްޝަންތަ
0 0

ސިކުނޑި

13 އޭޕްރީލު 2026
ރައްޔިތުން ގުނބޯ ހައްދަން ސަރުކާރުން މަސައްކަތް ނުކުރުމަށް އިލްތިމާސްކުރަން! ތިކަމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް! އަދި ބައިނަލްއަގުވާމީ ސަލާމަތީ މަސްރަހު ބަދަލުވާގޮތުން ކުރުން އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫން!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް