ލޭ ހަދިޔާ ކުރަނީ.

ތެލަސީމިއާ

ލޭ ހަދިޔާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލް ކުރަނީ

ލޭ ހަދިޔާކުރާ މީހުންގެ ރަޖިސްޓްރީ އާއި ލޭ ހަދިޔާކުރާ މީހުން ހޯދުމަށް ހާއްސަ ޕޯޓަލް ވެބްސައިޓާ އެކު ހާއްސަ އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރުގެ ނިޔަލަށް ބޭނުންކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި

ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން ލޭ ހަދިޔާ ކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް، އާންމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ލޭ ލިބުމުގައި ހުރި ދަތިތަކާއި އެކަމަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މިނިސްޓަރު ނާޒިމްއާ ސުވާލު ކުރައްވައިފަ އެވެ. 

މިދިޔަ 25 ޖެނުއަރީގައި މެންބަރު ކުރެއްވި ސުވާލަށް މިނިސްޓަރު ނާޒިމް ވަނީ 25 ފެބްރުއަރީގައި ޖަވާބު ދެއްވައިފަ އެވެ.

މެންބަރުގެ ސުވާލު:

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު އަދި ތެލެސީމިއާ ކޮންޓްރޯލު ކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރެވިފައިވިޔަސް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ދޭ ލޭގެ ހިދުމަތާ ބެހޭ  ގައުމީ ނިޒާމު ގާއިމްކޮށް، ތެލެސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައި، އެ ކުދިން ސެންޓަރަށް ތައާރަފުކޮށްދޭ ފަރާތްތަކާއި އެފަރާތްތަކުގެ ލޭގެ ތަފްސީލު ދަފްތަރެއް ގާއިމް ނުކުރެވިގެން މިހާ ގިނަ ދުވަސް މިދަނީ ކީއްވެތޯ؟ އަދި ލޭ ހޯދުމާއި ދިނުމުގައި މިހާރު މި ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނެވިގެން މިއުޅެނީ ކީއްވެތޯ؟

ތަފްސީލް - މެންބަރުގެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ، ލޭގެ ގައުމީ ހިދުމަތުގެ ނިޒާމު ގާއިމްކޮށް، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމްކޮށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، ގަވައިދުން ލޭ އަޅަންޖެހޭ މީހުންނަށް އެ ހިދުމަތް ދިނުމަށް ލެބޯޓްރީ ޓެކްނޮލަޖިސްޓުންގެ ވަޒީފާ ހަމަޖައްސައި އެ ހިދުމަތަށް 108 ރަށުގައި ޓްރާންސްފިއުޝަން ސެންޓަރުތައް ގާއިމްކޮށް، ލޭ އެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ:

  • ލޭ އެޅުމުގެ ހިދުމަތް ހަރުދަނާކޮށް، އެއް ވިއުގައަކާ ގުޅާލުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ނެޝަނަލް ބްލަޑް ސްޓޭންޑާޑު އެކުލަވާލާފައިވާ ކަމަށް

  • ތެލެސީމިއާ ކުދިން ރަޖިސްޓްރީކޮށް، އެ ރަޖިސްޓްރީ ބެލެހެއްޓުން ވަންގަވް މެދުވެރިކޮށް މިދިޔަ ޖެނުއަރީގައި ވަނީ ފަށާފައި

  • ލޭ ހަދިޔާކުރާ މީހުންގެ ރަޖިސްޓްރީ މިހާރު ބަލަހައްޓާ މެނުއަލް ސިސްޓަމުން އޮންލައިން ސިސްޓަމަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި

  • ޑޯނާ ރަޖިސްޓްރީ އާއި ޑޯނާ ރެކްރޫޓްމެންޓު ޕޯޓަލް ވެބްސައިޓާ އެކު ހާއްސަ އެޕްލިކޭޝަނެއް މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ބޭނުންކުރަން ފަށާނެ

މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ޒަމާނީ ކުރުމުން، ޖަމްއިއްޔާތަކާއި ކުންދުނިތައް އަދި އަމިއްލަ މީހުންގެ ތެރެއިން ލޭ ހަދިޔާކުރާ މީހުންނާއި އެ މީހުންގެ ލޭގެ ގްރޫޕް ހިމެނޭ ގޮތަށް ރަޖިސްޓްރީވުމާއި ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް އިންތިޒާމުކޮށް، ލޭގެ ގްރޫޕުތައް ހުރި ސަރަހައްދުތައް މެޕް ކުރެވި، ލޭ ހޯދުމަށް ދިމާވެފައިދާ ދަތިތަކަށް ވަށާޖެހޭ ހައްލެއް ހޯދޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް