2024ގެ ގްލޯބަލް ކޮރަލް ބްލީޗިން އިވެންޓުގައި ބ. އަތޮޅުގެ ފަރެއްގައި ގާހުދުވެފައިވާ މިންވަރު. (ފޮޓޯ/ އިންސްޓަގްރާމް، ރޯޒަލީ ބެއިލީ)

ގާ ހުދުވުން

ގާ ހުދުވުމުގެ މައްސަލަ: ބިން ހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލަން އެދިއްޖެ

12 ހަފުތާ ފަހުން ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް ކަމާ ގުޅޭ ފަރާތްތަކުން ބުނޭ

ހޫނުގަދަވެ، ރާއްޖޭގެ ފަރުތަކުގެ ގަލާއި މުރަކަ ހުދުވުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު އޮތުމުން، ސަރުކާރުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކާއި ގުޅުން ހުރި އެ ފަދަ މަސައްކަތްތައް މެދުކަނޑާލުމަށް، ކަމާ ބެހޭ ޖަމިއްޔާއަކުން އެދެފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ރިސިލިއެންޓް ރީފްސް (އެމްއާރުއާރު) އިން މިއަދު ބުނި ގޮތުގައި، ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވެދާނެތީ ސަމާލުވުމަށް 'ނޯއާ ކޮރަލް ރީފް ވޮޗު'ން ވަނީ މީގެ ދެ ދުވަސް ކުރިން އެލާޓް ނެރެފަ އެވެ. އަދި ކުރިއަށް އޮތް 12 ހަފުތާ ތެރޭގައި މި ހާލަތު އިތުރަށް ގޯސްވެދާނެތީ އެލާޓް ލެވެލް-1އަށް ގިންތި ކުރެވިދާނެ ކަމަށް ބުނެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ގުޅުން ހުރި ކަމެއް - ކަނޑުގެ ފިނިހޫނުމިން މަތިވެ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވާތީ، ބިން ހިއްކުމާއި ގުޅުން ހުރި ތަރައްގީގެ މަޝްރޫއުތައް 2024ގެ ތެރޭގައި ވެސް މެދުކަނޑާލި އެވެ. ސަރުކާރުން އޭރު މަސައްކަތްތައް މެދުކަނޑާލީ އެލާޓް ލެވެލް-1އަށް އެރުމުންނެވެ.

ބުނީ ކީކޭ؟ - އެމްއާރުއާރުން ބުނީ އަނެއްކާވެސް ހާލަތު ގޯސްވުމުގެ ފުރުސަތު އޮތުމުން މިހާރުއްސުރެ ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ. އެގޮތުން، އެ ޖަމިއްޔާއިން އެދުނީ:

  • ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އާދައިގެ މިންވަރަކަށް ރުޖޫއަވަންދެން ވެލިނެގުމާއި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް ވަގުތުން ހުއްޓާލުމަށް؛ ވެލިނެގުމާއި ބިން ހިއްކުމުން ކަނޑުގެ ސަރަހައްދުތައް ކިލަނބުވެ ކިސަޑުވޭ. އޭގެ ސަބަބުން މުރަކަތައް ބަލިކަށިވެފައިވާ މިދަނޑިވަޅު ފަރުތަކުގެ ހާލަތު އިތުރަށް ގޯސްވޭ

  • މި މުއްދަތުގެ ތެރޭގައި ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެލިނެގުމާއި ވެލި އަޅައިގެން ގޮނޑުދޮށް ބެލެހެއްޓުމުގެ މަސައްކަތްތައް މެދުކަނޑާލުން

  • ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ކަނޑަށް ދޫކުރާ ނަޖިސްފެން އެކަށީގެންވާ ގޮތަށް ސާފުކުރުމަށް ފަހުގައި ނޫނީ ބޭރު ނުކުރުމަށް

  • ފަރުތަކާއި ވަށައިގެންވާ ސަރަހައްދުތައް ބޭނުން ކުރުމުގައި އާއްމުން ވެސް ސަމާލުވުމަށް

ގާ ހުދުވުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި އެ ޖަމިއްޔާއިން ބުނީ، އެއީ ގިނަ ދުވަސްތަކެއް ވާންދެން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާހިލާފަށް މަތީގައި ހުރުމުން ކަމަށެވެ. އެ ހޫނުމިން އާދައިގެ މިންވަރަކަށް ދަށްވެއްޖެ ނަމަ، މުރަކަތަކަށް އަލުން ފެހިކަން ލިބި އޭގެ ކުލަ އިއާދަވުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު ހޫނުގަދަ ދުވަސްތައް ދެމިގެންދާ ނަމަ މުރަކަތައް މަރުވެ، ފަރުތައް މުޅިން ހަލާކުވެ އެވެ.

އެނގުން މުހިއްމު - ދުނިޔެއަށް ކުރިމަތިވި ގާހުދުވުމުގެ ހާދިސާތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ 1998 ވަނަ އަހަރާއި 2016 ވަނަ އަހަރާއި 2023 ވަނަ އަހަރު އެވެ.

ކޮމެންޓް (2)

ކޮސް

13 އޭޕްރީލު 2026
ގާހުދުވުމުގެ ހާލަތު ކުރިއަށް އޮތް ތަނުގައި މާގޯސްވާނެ. ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދަނީ... އެހެންވީމަ ފުށިދިއްގަރު ފަޅުގެ މަސައްކަތް މިޖެހުނީ ހުއްޓާލަން. ބިއްލޫރި ޓަނެލުގެ ހުވަފެންވެސް މިނިމުނީ... ޑުރެޖަރު ފޮނުވާނުލިއަސް ހީވަނީ ފިލައިގެން ދާނެހެން..
1 0

ސިކުނޑި

13 އޭޕްރީލު 2026
މިލަވައެއް މިހެން ކިޔާތާވެސް މިހާރު 10 ވަރަކަށް އަހަރުވެއްޖެ! ގައިމު ކަމެއް ވާނަމަ މިހާރު ރާއްޖޭގެ ހުރިހާ ފަރުތަކެއް ހުންނާނީ ހުދުކުލައިގަ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް