ހުޅުމާލެ ފޭސް 2ގައިވާ ހިޔާ ފްލެޓްތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ހިޔާގެ 8 ޓަވަރަކާއި ވިނަރެސްގެ 2 ޓަވަރުން ކަރަންޓު ކެނޑި އެތައް އިރެއް
ހިޔާގެ އަށް ޓަވަރަކާއި ވިނަރެސްގެ ދެ ޓަވަރަކުން ކަރަންޓު ކެނޑިއްޖެ އެވެ. މިހާރު ކަރަންޓު ކެނޑުނުތާ ހަތަރު ގަޑިއިރަށް ވުރެ ގިނައިރުވެފައިވާއިރު، ސްޓެލްކޯއިން ބުނަނީ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 3 ހާއިރު އެވެ.
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ކަރަންޓު ކެނޑިފައި ވަނީ ހިޔާގެ ޓަވަރު 1 އިން ފެށިގެން 8 ވަނަ ޓަވަރަށް އަދި ވިނަރެސްގެ ދެ ޓަވަރަކުންނެވެ.
މިއަދު މެންދުރު 3:21ގައި ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ "ދިމާވި ޓެކްނިކަލް މައްސަލައަކާ" ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ ފަހުން އިރުއޮއްސި 6 ޖެހިރު ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ:
-
ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައި
-
އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް ކުންފުނީގެ ޓެކްނިކަލް ޓީމުން އަންނަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން
"މި ދަތި ވަގުތުގައި ވެސް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން…
— STELCO (@STELCOMALDIVES) April 12, 2026