މަގުތަކުގައި ހަރުކޮށްފައިވާ ނަންބޯޑުތަކުގައި ބައެއް ނަންތައް ނުބައިކޮށް ލިޔެފައި (ފޮޓޯ/ނާޖިހު)
މަގުމަތީ އާ ނަންބޯޑުތައް: 'ކޮންމެ އެއްޗެއް ލިޔެފައި ހުއްޓަސް ފަރުވާލެއް ނެތް'
މަގަށް ނަން ދީފައި އޮތީ، މާ މާތްބޭކަލަކާ ގުޅުވައިގެންނެވެ. އެކަމަކު މަގުމަތީގައި އަލަށް ހަރުކުރި ނަންބޯޑުން ދޭހަވީ އެއީ 'މާ ފައި ބޮޑު' މީހެއް ކަމަށެވެ. މަގަށް ކިޔަނީ 'ތަނޑިރަތްމާ ގޯޅި' އެވެ. އެކަމަކު މަގުގައި ހަރުކުރި ބޯޑުން ދޭހަވީ މުޅިން އެހެން މާނަ އެކެވެ.
މާލޭގައި މި ފަހުން މަގުތަކުގެ ނަންބޯޑު ބަދަލުކޮށް، އަލަށް ހަރުކުރި ބޯޑުތަކުގައި މުޅިން ވެސް ހުރީ މި ފަދަ ގޮތަކަށެވެ. ލިޔެފައި ހުރީ ނުބައި ނަންތަކެވެ. ދޭހަވަނީ ވެސް ނުބައި އެއްޗެކެވެ.
"ކޮންމެ އެއްޗެއް ލިޔެފައި ހުއްޓަސް ހަމަ ފަރުވާލެއް ނެތީއޭ،" އެކަމަށް ފާޑުކިޔައި، ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.
"މަގުތަކަށް ނެރުމުގެ ކުރިން އެ ޗެކްކޮށްލާނެ މީހަކު ވެސް ނެތީތަ؟.'
މިކަހަލަ ކަންކަން ކުރާއިރު ދަންނަ މީހުން ގާތުން އަހައިގެން ނުވަތަ ކަމާގުޅުން ގުޅުންހުރި ތަންތަނަށް ފޮނުވައިގެން ނަންތައް ލިޔެވިފައި ހުރީ ރަނގަޅަށްތޯ އޮޅުންފިލުވަންވާނެ! އަދި އަމުދުން ޚަރަދުކޮށްގެން ކުރާ ކަންކަމުގައި!
— Dhivehi Archives by Naajih Didi (@NaajihDidi) April 8, 2026
މީގެ ރަނގަޅު ގޮތަކީ "ލޮނުޒިޔާރަތް" "މާފަތް"@adamazim… pic.twitter.com/nhw6HL7H4D
މާލޭ ސިޓީ ކައުންސިލުން ހަރުކުރި ނަން ބޯޑުތަކުގައި، މަގުތަކުގެ ނަން ލިޔެފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ނަންތައް ތާނައިން ނުބައިކޮށް ލިޔެފައި ހުރި އިރު، ބައެއް ނަންތައް ލެޓިނުން ވެސް ހުރީ ނުބައިކޮށް ލިޔެފަ އެވެ.
ރެހެނދިހިނގުން ތާނައިން ލިޔެފައި އޮތީ 'ރެހެނދީ ހިނގުން'ގެ ނަމުގަ އެވެ.
ކޮއިމަލާހިނގުން ލެޓިނުން ލިޔެފައި އޮތީ 'ކޮއިމަލަ ހިނގުމުގެ' ނަމުގަ އެވެ.
ބައެއް ނަންތައް ލެޓިނުން ލިޔެފައި އޮތް ގޮތުން އޭގެ މާނަ މުޅިން ނުބައި ވެ އެވެ. ބައެއް ނަންތަކުގައި ސުކުން ނުބަޔެވެ.
ނަންބޯޑުތަކުގެ ފޮޓޯތައް އާއްމުކޮށް، ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ އެނަލިސްޓް އަދި ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ދީދީ ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކަހަލަ ކަންތައްތައް ކުރަންވާނީ، ދަންނަ މީހުން ގާތު އަހައިގެން ނުވަތަ ކަމާ ގުޅޭ ތަންތަނަށް ފޮނުވައިގެން ނަންތައް ލިޔެވިފައި ހުރީ ރަނގަޅަށްތޯ ބަލައިގެންނެވެ. ހާއްސަކޮށް ހަރަދުކޮށްގެން ކުރާ މި ކަހަލަ ކަންކަމުގައި ސަމާލުވާން ޖެހޭނެކަން ނާޖިހު ފާހަގަ ކުރެއްވި އެވެ.
ދިވެހި ތާރީހު ދިރާސާކުރާ އަހުމަދު އަލާ (އަލާދީދީ) ބުނި ގޮތުގައި، މި ފަދަ ކަންކަމުން ދޭހަކޮށްދެނީ 'އައިޑެންޓިޓީ ކްރައިސިސް' އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމެވެ.
"ގައުމީ ހެދުން ވެސް ގޯސް. ވާހަކަ ދައްކާ ބަސްވެސް ގޯސް. ތާނައިން ލިޔަން ވެސް ނޭނގޭ،" އޭނާ ބުންޏެވެ.
އަލާ އެދުނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުން ވެސް، އެ ހަގީގަތާ މެދު ވިސްނުމަށެވެ.
3.9 މިލިޔަން ރުފިޔާގެ މަޝްރޫއެއް
މާލޭ ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސަސްމާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ވިހި ދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމަން ހަވާލުކުރީ 3.9 މިލިއަން ރުފިޔާ އަށެވެ.
ބޮޑު އަގެއްގައި ކުރަން ހަވާލުކުރި މި މަސައްކަތާ މެދު އެހާބޮޑަށް ފަރުވާކުޑަކޮށްފައިވާތީ، ގިނަ ބަޔަކު ދުށީ މިއީ ވެފައިވާ ބޮޑު އިހުމާލެއް ކަމަށެވެ. އެހެންވެ، މިކަން ބެލުމަށް އެ މީހުން ދަނީ ގޮވާލަމުންނެވެ.
ކޮމެންޓް (4)
ސަނައްޓޭ
ސިކުނޑި
ޙީޠާޟާ
ތާނަ