އދ. ދިގުރަށުގައި އަލިފާނުގެ ހާދިސާ ހިނގި އެކޮމަޑޭޝަން ބްލޮކް: އެ ހާދިސާގައި ފަސް މީހުން މަރުވި

ދިގުރަށު އަލިފާނުގެ ހާދިސާ: އިދާރާތަކުން ޒިންމާއަދާކުރިތޯ ބަލަން އެދިއްޖެ

މެމްބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންނެވީ އެ ހާދިސާއާ ގުޅިގެން، ސަރުކާރު އިދާރާތަކުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރިތޯ ސާފުކޮށްދިނުމަށް

މިދިޔަ މަހުގެ ތެރޭގައި އދ. ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ، ފަސް ބިދޭސީން މަރުވި ހާދިސާއާ ގުޅިގެން، ސަރުކާރު އިދާރާތަކުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރިތޯ ސާފުކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟- މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ، ދަންވަރު 2 ހާއިރު އެ އިމާރާތުގައި ރޯވި އިރު، އެތަނުގައި 30އަކަށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުން ދިޔަ އެވެ. އެ ހާދިސާގައި އަށް މީހަކަށް އަނިޔާވި އިރު، ފަސް މީހުން މަރުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހްމާން އަބްދުﷲއަށް މެމްބަރު ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވީ، މި ހާދިސާއާ ގުޅިގެން ސަރުކާރު އިދާރާތަކުން ޒިންމާ އަދާކުރިތޯ، 'ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީ' މެދުވެރިކޮށް ބަލައިދެއްވުމަށެވެ.

މުހައްމަދު އިބްރާހިމް ސާފުކުރަން އެދިވަޑައިގެންނެވި ބައެއް ކަންތަކުގެ ތެރޭގައި ހިމެނެނީ:

  • އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ ކުއްޔަށް ދިނުމުގެ ގަވައިދާ އެއްގޮތަށް ހަދާފައިވާ، ދިރިއުޅުމަށް ބޭނުންކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއްތޯ 

  • މަރުވި ބިދޭސީންނަކީ ސައްހަ ޕާމިޓެއްގެ ދަށުން މަސައްކަތް ކުރަމުން ދިޔަ ބައެއްތޯ އަދި އެ މީހުން ރަޖިސްޓްރީ ކޮށްފައިވާ ވަޒީފާ ދޭ ފަރާތަކީ ކޮބައިތޯ

  • ރޯވިތަނަކީ ވިޔަފާރި އުސޫލުން ހިންގާތަނެއް ނަމަ، ގަވައިދުގެ ދަށުން، 'އެކްސްޕެޓްރިއޭޓް އެކޮމޮޑޭޝަން' ވިޔަފާރި ހަރަކާތެއްގެ ގޮތުގައި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި ރަޖިސްްޓްރީކޮށްފައިވޭތޯ

  • ބިދޭސީން މަސައްކަތް ކުރާ މީހުން ދިރިއުޅޭ ތަންތަން މޮނީޓާކުރުމުގެ ބާރު ޑިފެންސް މިނިސްޓްރީއަށް އޮތް އިރު، އެ އިމާރާތަކީ ގަވައިދާ އެއްގޮތަށް ބިދޭސީން ބޭތިއްބުމުގެ މިންގަނޑުތަކަށް ފެތޭ ތަނެއްތޯ ބަލާފައިވޭތޯ

  • އެ ފަދަ ތަންތަން މޮނީޓާކުރުމަށް ގެންގުޅޭ އުސޫލަކީ ކޮބައިތޯ

  • އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ، ބޭނުން ކުރަން ހުއްދަދިން ތަނެއްތޯ ކައުންސިލުން ބެލިތޯ

  • އެއީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެން ދޫކޮށްފައިވާ ތަނެއްތޯ ކައުންސިލުން ބެލިތޯ

އެ ހާދިސާ ހިނގީ ކައްކަން އުޅުމުގެ ތެރެއިން ގޭސް ލީކުވެގެން ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އޭރު އޭގެ ތެރެއިން ބައެއް މީހުން ތިބީ ނިދާފައި ކަމަށްވެ އެވެ.

 'ދައުރު' އަށް އެނގިފައިވާގޮތުގައި ގިނަ ބިދޭސީންތަކެއް އުޅޭ އެ އެކޮމޮޑޭޝަން ބްލޮކްގައި ވަދެނުކުމެވެން ހުންނަނީ އެންމެ ދޮރެކެވެ. އެ ދޮރު ހުންނަނީ، ބަދިގޭގެ އެއް އަރިމަތީގައި ކަމަށް އެނގިފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް