ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތަށް ގެނެސްފައިވާ ކާރުތައް (ފޮޓޯ/ އެމްޓީސީސީ)

ޓެކްސީ

ސަރުކާރުން ހިލޭ ޓެކްސީ ކުރަން ފެށުމުން އާއްމު ޑްރައިވަރުންނަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބޭނެ: ޑްރައިވަރުން

ޑްރައިވަރުން ބުނާގޮތުގައި ސަރުކާރުން މިކަން ކުރަނީ ގަވައިދުތަކާ ވެސް ހިލާފަށް

ސަރުކާރުން މި ދުވަސްކޮޅު ހިލޭ ޓެކްސީ ކުރަން ފެށުމަކީ އާއްމު ޓެކްސީ ޑްރައިވަރުންނަށް ލިބޭނެ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް، ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.

ވީ ކިހިނެއް؟- ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރާ އެކު، ސަރުކާރުގެ ޓެކްސީ ލައިން މި މަހުގެ ދެ ވަނަ ދުވަހު ވަނީ އިފްތިތާހުކޮށްފަ އެވެ. އަދި އެ ހިދުމަތުގެ އެޕްލިކޭޝަން ތައްޔާރުވަންދެން، ހިލޭ ޓެކްސީ ދަތުރު ކުރެވޭނެ ގޮތަށް ވަނީ ނިންމާފަ އެވެ.

އާއްމު ޓެކްސީ ޑްރައިވަރުން ތިބީ މިކަމާ ހިތްހަމަނުޖެހިފަ އެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއީ، އިގްތިސޯދީ ގޮތުން ދަތި މި ދުވަސްވަރު ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.

"ޑްރައިވާސް އެސޯސިއޭޝަނުން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއަށް ހުރަސް އެޅޭގޮތަށް ސަރުކާރުން ސީދާގޮތުން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއަށް ވަދެގެން ނުވާނެ އެވެ." އެ ޖަމިއްޔާގެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.

އެމްޓީސީސީއިން ފެށި މި ހިދުމަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ނެރުނު އެ ބަޔާނުގައި ބުނީ:

  • ޓެކްސީގެ ހިދުމަތަކީ އެތައް ސަތޭކަ އާއިލާއެއްގެ ދިރިއުޅުމާއި އެ މީހުންގެ އާމްދަނީއާ ސީދާގޮތުން ގުޅިފައިވާ ދާއިރާއެއް ކަމަށް

  • އެކަމަކު ސަރުކާރުން މިކަމުގެ ތެރެއަށް ވަނުމަކީ، އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލި، ރެގިއުލޭޓްކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށް

އޭގެ އިތުރުން އެ ޖަމިއްޔާއިން ބުނީ، އަމިއްލަ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކާއި ޓެކްސީ ޑްރައިވަރުންނަށް، ހަރުކަށި އުސޫލުތަކަކުން ރެގިއުލޭޓްކޮށް، ބޮޑެތި އަދަދުތަކުން ފިޔަވަޅު އަޅަމުން އަންނައިރު، ސަރުކާރުގެ ޓެކްސީ ހިދުމަތުން އެކަން ކުރަމުން ދަނީ ޓެކްސީ ކުރުމުގެ ގިނަ ގަވައިދުތަކާ ހިލާފަށް ކަމަށެވެ. އަދި ގަވައިދު ތަންފީޒު ކުރުމުގައި ގެންގުޅޭ މި ފަދަ ބޭއިންސާފު އަމަލުތަކުގެ ސަބަބުން، ރެގިއުލޭޓަރީ އޮނިގަނޑަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށް ވެސް ބުންޏެވެ.

"ދައުލަތުގެ ވަސީލަތްތަކުގެ އެހީގައި، އަމިއްލަ މީހުންގެ ވިޔަފާރީގެ މާކެޓަށް ސަރުކާރުން ވަނުމަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓެމުގެ ގާނޫނުގެ އެތައް މާއްދާއަކާ ހިލާފުކަމެކެވެ." ޖަމިއްޔާގެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.

އެނގުން މުހިއްމު- ސަރުކާރުގެ ޓެކްސީ ހިދުމަތާ ދެކޮޅަށް މީގެ ކުރިން ވެސް އާއްމު ޑްރައިވަރުން އަޑުއުފުލާފައި ވެ އެވެ.

ސަރުކާރުން މި ހިދުމަތް ފަށަން ބޭނުންވާ ކާރުތައް ގެނައީ މިދިޔަ މަހު ފަހުކޮޅުގަ އެވެ. އެމްޓީސީސީން ފޯރުކޮށްދޭ މި ހިދުމަތަށް އެ ކުންފުނިން ގެނައި 150 ކާރުގެ ތެރޭގައި މާލޭގެ ކުދިކުދި ގޯޅިތަކުގައި ދުއްވޭ ވަރުގެ ކުދި ސައިޒުގެ 70 ކާރު ވެސް ހިމެނެ އެވެ.

ކޮމެންޓް (4)

ސިކުނޑި

12 އޭޕްރީލު 2026
ހޮޅި ވާހަކަ! ރިޒުގު ދެއްވަނީ ހެއްދެވި ފަރާތުން! މިންވަރަށް އީމާންވެ ހެޔޮނިޔަތުގައި މައްކަތް ކުރޭ! ޝަކުވާ ކުރުމުގެ މާނައެއް ނެތް!
0 1

ދަތުރު

12 އޭޕްރީލު 2026
އެއްޗެއް މަދުވާތީއެއްނޫން. އެހެންމީހަކަށް އެއްޗެއް ލިބެން ނޭދެނީ. ހިތަށްއެރި އަގެއް ނުނެގޭނެތީ. ހިތަށްއެރިއިރަކު ދަތުރު ނުކުރެވޭނެތީ. އެމީހަކަށްވީމަ ދަތުރުކުރެވޭ އުސޫލު ބަދަލުވާނެތީ. އެއްކަމެއްވެސް ނުވޭ.
2 2

ފަސިންޖަރު

11 އޭޕްރީލު 2026
މާލެ އެތެރޭ ދަތުރުތަކޭ އެމީހުން ގިނައިން ކުރަނީ، ކަލޭމެންކުރޭ ހުޅުމާލެ އާއި އެއަރޕޯޓް ދަތުރު
1 2

ބޮޑު ދޮގެއް

11 އޭޕްރީލު 2026
އަދި ވެސް ޓެކްސީ އެޕް ތަކުން ޓެކްސީއެއް ހޯދަން ވަރަށް އުޅެގެން ލިބެނީ. މާނައަކީ އެމީހުންނަށް ދަތުރުތައް ލިބޭވަރު މަދެއް ނުވެޔޭ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް