އެ ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ ފަސް ލީޑަރުން(ކ-ވ): ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ޗެއާފާސަން ގަފޫރު، ކުރީގެ ރައީސް ސޯލިހް، ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު

އެމްޑީޕީ

އެމްޑީޕީގެ ހިންގުން 5 ލީޑަރުންގެ ވަގުތީ ކޮމިޓީއަކަށް؛ ނަޝީދު ގައުމީ މަޖިލީހަށް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނެ؛ އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި މި ފަސް ލީޑަރުންގެ ކޮމިޓީ ނެގުމާއި ކުރީގެ ރައީސުންނަށް ގައުމީ މަޖިލީހުގެ މެންބަރުކަން ދިނުމަށް ގަރާރެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައި

ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެން އެމްޑީޕީގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ ފަސް ލީޑަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ ކޮމިޓީއަކާ ހަވާލުކުރަން އެއްބަސްވެއްޖެ އެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގައުމީ މަޖިލީހުގެ ދާއިމީ މެންބަރުކަން ދިނުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ވީ ކިހިނެއް؟ - ނިމިގެން ދިޔަ އިންތިހާބުގެ ނަތީޖާއަށް ފަހު، އެމްޑީޕީގެ ފެކްޝަންތަކުގެ މެދުގައި އޮތް ކޯޅުން ބޮޑުވެ، މިހާރު ލީޑަރުންގެ މެދުގައި މަޝްވަރާކޮށްގެން ސުލްހަވެރި ހައްލަކަށް ވަނީ އައިސްފަ އެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހާމަކުރައްވާފަ އެވެ.

ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މި މަޝްވަރާތަކުން ހޯދުނު އެއް ހައްލަކީ، އެ ޕާޓީގެ ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެން ލީޑަރުންގެ މައްޗަށް އެކުލެވޭ ފަސް މެންބަރުންގެ އިންތިގާލީ ކޮމިޓީއެއް ހޮވުމެވެ. އެ ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ:

  • 1-

    ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ

  • 2-

    ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު

  • 3-

    ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

  • 4-

    ކުރީގެ ރައީސް މުހައްމަދު ނަޝީދު

  • 5-

    ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

"މި ކޮމިޓީގެ ބޭނުމަކީ އާ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެން ޕާޓީ ވަގުތީ ގޮތުން ހިންގުން،" އެމްޑީޕީގެ އިސް އޮފިޝަލަކު 'ދައުރު'އަށް މިއަދު ވިދާޅުވި އެވެ. 

އޭގެ އިތުރުން، ނަޝީދަށް ގައުމީ މަޖިލީހުގެ މެންބަރުކަން ދިނުމަށް ވެސް ލީޑަރުންގެ މެދުގައި އެއްބަސްވެފައިވެ އެވެ.

"އެއީ ގައުމީ މަޖިލީހުން ގަރާރެއް ފާސް ކުރާ ގޮތަށް، ކުރީގެ ރައީސްކަންކޮށްފައި ތިބި ބޭފުޅުންނަށް ގައުމީ މަޖިލީހުގެ ދާއިމީ މެންބަރުކަން ތިބޭ ގޮތަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނެ އެވެ. އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި މި ފަސް ލީޑަރުންގެ ކޮމިޓީ ނެގުމާއި ކުރީގެ ރައީސުންނަށް ގައުމީ މަޖިލީހުގެ މެންބަރުކަން ދިނުމަށް ގަރާރެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ސިއްރުކޮށްގެންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން އެމްޑީގެ ގައުމީ މަޖިލީހުން ނިންމައިގެން، މިދިޔަ އެމްޑީޕީ ސަރުކާރުގެ ކެބިނެޓްގެ ހުރިހާ ބޭފުޅުންނަކީ ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އޮތީ ކަނޑައަޅާފަ އެވެ. އެހެންވެ، ސޯލިހަކީ މިހާރު ވެސް ގައުމީ މަޖިލީހުގެ މެންބަރެކެވެ. 

ކޮމެންޓް (2)

ފުސްކެޔޮ

12 އޭޕްރީލު 2026
ކޮމިޓީއަކީ ލަފާދޭކޮމިޓީއެއް. ގޮތް ނިންމާނީ އަދި ނިންމުމުގެ ގާނޫނީ ބާރު އޮންނާނީ ޗެއަރޕާސަން އަތުގައި. ނަޝިދުގެ ގަޑުބަޑު ހިންގުމުކެ ކުޅީގަނޑު ދެން މިފެށުނީ
0 0

ވަހީދު

11 އޭޕްރީލު 2026
މައުމޫނު ނުވަތަ ވަހީދު ޖޮއިން ކުރީމާވެސް ދާއިމީ މެންބަރުކަން ދޭނެތަ؟ ފެންނަނީ އެމްޑީޕީ އިން އިންތިޚާބުވާ ރައީސުންނަށް ދާއިމީ މެންބަރުކަން ދޭން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް