ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިންނާއި ފީއަލީގެ އާއްމުން މަސައްކަތް ކުރަނީ (ފޮޓޯ/އެމްއެންޑީއެފް)

ފީއަލީ އަލިފާނުގެ ހާދިސާ: ތެޔޮ ދޯނީގެ ބިދޭސީއަކު ފިހިގެން ފަރުވާދެނީ

މި ހާދިސާގައި ތެޔޮ ޝެޑުގެ އިތުރުން ބަނދަރުގައި އޮތް ހަތަރު އުޅަނދެއް ވަނީ އަނދާފައި

މިއަދު ހެނދުނު ފ. ފީއަލީ ޕެޓްރޯލްޝެޑާއި ބަނދަރުގައި އޮތް ފަސް އުޅަނދެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއަކު ފިހިގެން ފަރުވާ ދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، އެންމެ ފުރަތަމަ ރޯވީ، ޕެޓްރޯލް ޝެޑާއި އެތަނުން ތެޔޮ އަޅަން ގާތްކޮށްފައި އޮތް ބީރައްޓެހި ތެޔޮ ދޯންޏެއްގަ އެވެ. ފިހިފައިވަނީ އެ ތެޔޮދޯނީގައި ހުރި ބިދޭސީއެކެވެ.

އެމްއެންއެޑީއެފުން ބުނީ އެ މީހާ ވަރަށް ބޮޑަށް ފިހިފައިވާއިރު، އެ ރަށު ސިއްހީ މަރުކަޒުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

ތަފްސީލު - ފުރަތަމަ ރޯވީ ޕެޓްރޯލް ޝެޑާއި ތެޔޮ ދޯނީގައި ކަމަށް ވިޔަސް، މާ ގިނަ އިރުތަކެއް ނުވެ، އަލިފާންގަނޑު ފެތުރި، ބަނދަރުގައި އަޅާފައި އޮތް އިތުރު އުޅަނދުތަކެއް ވަނީ ރޯވެފަ އެވެ.

ފ. ފީއަލީ ތެޔޮޝެޑާއި ބަނދަރުގައި އޮތް ދޯނިތަކުގައި އަނދަމުންދަނީ (ފޮޓޯ/އެމްއެންޑީއެފް)

އެމްއެންޑީއެފުން ބުނި ގޮތުގައި:

  • ބަނދަރުގައި އޮތް ދެ ދޯންޏާއި ޑިންގީއެއް ވަނީ އަނދާފައި

  • އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓުގައި ވެސް ވަނީ އަލިފާން ހިފާފައި

  • ފިއުލްޝެޑްގެ ޑިސްޕެންސަރާއި ޝެޑުގެ ބައިތަކުގައި އަލިފާން ރޯވެފައިވޭ

އެމްއެންޑީއެފުން އާއްމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، އެ އުޅަނދުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

މި އަލިފާންގަނޑު މިހާރު ވަނީ ސިފައިން ކޮންޓްރޯލްކޮށްފަ އެވެ. އަލިފާން ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް