ދިވެހި ވަތަނީ ހިދުމަތަށް ހޮވުނު ދެ ވަނަ ބެޗުގެ ދަރިވަރުން. (ފޮޓޯ/އެމްއެންޑީއެފް)
ވަތަނީ ހިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވުން މާދަމާގެ ނިޔަލަށް އިތުރުކޮށްފި
ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން އެ ފުރުސަތު ހުޅުވާލާފައި އޮތީ އިއްޔެއާ ހަމައަށެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން ވަނީ އެ ފުރުސަތު މާދަމާގެ މެންދުރުފަހު 2އާ ހަމައަށް އިތުރުކޮށްފަ އެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް، އެކަމަށް ހާއްސަ ފޯމު އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅޭނެ އެވެ.
ތަފްސީލް - ވަތަނީ ހިދުމަތުގެ ޕްރޮގްރާމު ކުރިއަށް ގެންދަނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު، ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ މުއްދަތަށެވެ.
މި ތަމްރީނުގައި ބައިވެރިވެވެނީ އުމުރުން 16 އަހަރު ފުރި، 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ. އުމުރުން 18 އަހަރު ނުފުރޭ ކުދިން މި ތަމްރީނުގައި ބައިވެރިވުމަށް އޭގައި ބައިވެރިވުމާ މެދު އެ ކުއްޖެއްގެ ޝަރުއީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަން ހުށަހަޅަން ޖެހެ އެވެ. އެގޮތުން:
-
މި ޕްރޮގްރާމުގެ ދެވަނަ ބެޗުގެ ތަމްރީނުތައް މި މަހުގެ ނިޔަލަށް ކުރިއަށްދާނެ
-
ތިންވަނަ ބެޗުގެ ތަމްރީނުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހުކޮޅު
-
ޕްރޮގްރާމުގެ ފުރަތަމަ ބުރުން 344 ދަރިވަރުން ވަނީ ދަސްވެނިވެފައި
-
އޭގެ ތެރެއިން 66 ދަރިވަރުން އަންނަނީ ފަންނީ ތަމްރީނުތައް ފުރިހަމަކުރަމުން
އެނގުން މުހިންމު - މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ ހަރުދަނާ ޒުވާންޖީލެއް ބިނާކުރަން ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މަޝްރޫއެކެވެ.
އެ ހިދުމަތް އުފެއްދުމުގެ މަގްސަދުތަކުގެ ތެރޭގައި:
-
ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު އާލާކުރުން
-
އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާކުރުން
-
ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުަގއި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ބަޔަކު ބިނާކުރުން
-
ޒުވާނުންނަކީ އެއްބައިވަންތަކަމާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގެންފައިވާ، އަހުލާގު ރަނގަޅު ބަޔަކަށް ހެދުން
-
ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ޒުވާނުން ބައްޓަންކުރުން
ނެޝަނަލް ސާވިސް އިނީޝިއަން ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އެ ތަމްރީންގެ ސެޓްފިކެޓާއި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑްގެ އިތުރުން އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުމުގެ ސެޓްފިކެޓު ވެސް ލިބޭނެ އެވެ.