މަތީ ސާނަވީއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރިވަރަކާ ސަލާމް ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

މަތީ ތައުލީމު

ރައީސްގެ ސްކޮލަޝިޕްތަކުގައި ދެން ކިޔެވޭނީ އެންމެ ބޭނުންތެރި ދާއިރާތަކުން

އެ ސްކޮލަޝިޕްގައި ދެން ކިޔެވޭނީ، އާ އުސޫލުގައި ބުނާގޮތުން، 'ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓު'ގައި ހިމެނޭ ދާއިރާތަކުން

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދާ ދަރިވަރުންނަށް ދޭ، ރައީސްގެ ސްކޮލަޝިޕްގެ ދަށުން ދެން ކިޔެވޭނީ ގައުމަށް އެންމެ ބޭނުންވާ ވަކި ހާއްސަ ދާއިރާތަކަކުން ކަމަށް ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟- އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ އެ ހާއްސަ ފުރުސަތުގެ ދަށުން މީގެ ކުރިން، ދަރިވަރުން ބޭނުން ދާއިރާއަކުން ކިޔެވެ އެވެ. އެކަމަކު އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކިޔެވޭނީ ވަކި ދާއިރާތަކަކުންނެވެ.

ސްކޮލަޝިޕާ ބެހޭ އާ އުސޫލު މިއަދު އާއްމުކޮށްފައިވާއިރު އޭގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުން ފެށިގެން އެ ސްކޮލަޝިޕް ދޭނީ، ރާއްޖެއަށް އެންމެ ބޭނުންވެފައިވާ ދާއިރާތަކުންނެވެ. އެއީ 'ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓު'ގައި ހިމެނޭ ދާއިރާތަކެވެ. ސިއްހީ، ތައުލީމީ އަދި ޓޫރިޒަމް ހިމެނޭހެން، ގައުމަށް އެންމެ ބޭނުންވާ 27 ދާއިރާއެއް އެ ލިސްޓުގައި ހިމަނާފައިވެ އެވެ. 

އުސޫލުގައި ބުނެފައިވާ ގޮތުގައި ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ކޯހެއް ވެސް އެ ދާއިރާތަކުން ކިޔެވޭނެ އެވެ.

އުސޫލުގައިވާ އިތުރު ކަންކަމަށް ބަލާއިރު:

  • ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ކުރިން އޮތް ނަމަވެސް، ދެން ކިޔެވޭނީ ރާއްޖޭން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ އަދި ރައްކާތެރި ގައުމުތަކުގައި

  • ރާއްޖޭގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 6،000 ރުފިޔާގެ އިނާޔަތެއް ދޭ

އެނގުން މުހިއްމު- ރައީސްގެ ސްކޮލަޝިޕް ލިބެނީ ދިވެހި މާއްދާ އާއި އިސްލާމް މާއްދާ ހިމެނޭ ގޮތަށް، ސާނަވީ އިމްތިހާނުގެ ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް