ބެޗް ކޮންސްޓްރަކްޝަން އާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތުގެ ކުރެހުމެއް. (ފޮޓޯ/މިނިސްޓަރު އަމީން، އެކްސް)

ޕާކުކުރުން

ހުޅުމާލޭގައި ބެޗުން އަޅާ 13 ބުރީގެ ޕާކިން ބިންޑިންގެ ބިންގާ އަޅައިފި

ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތް ހަވާލު ކުރި މަޝްރޫއު ނިމޭއިރު، 4 ފުރޮޅުލީ 800އަށް ވުރެ ގިނަ އުޅަނދު ޕާކު ކުރެވޭނެ ޖާގަ ހުންނާނެ އަދި ސައިކަލު ޕާކު ކުރާނެ 500އަށް ވުރެ ގިނަ ޖާގަ ހުންނާނެ

ބެޗު ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1ގައި ތަރައްގީ ކުރާ 13 ބުރީގެ ޕާކިން އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ޕާކިން އިމާރާތުގެ ބިންގާ އަޅަައިދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެވެ.

ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 13 ބުރީގެ ޕާކިން ބިލްޑިންގެ މަޝްރޫއުގެ ބިންގާ އެޅުން. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - މި މަޝްރޫއަކީ ޕްރައިވެޓް ސެކްޓާ އިނިޝިއޭޓިވް ޕްރޮޖެކްޓް ނުވަތަ އަމިއްލަ ކުންފުންޏެއްގެ އިސްނެގުމުގެ މަތިން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއަށް ހޭދަވާ ފައިސާގެ އަދަދެއް އަދި ނޭނގެ އެވެ.

'ނެކްސްޓް ބައި ބެޗު' (އެންއެކްސްޓީ)ގެ ނަމުގައި އަޅާ މި އިމާރާތަކީ ޕާކިން ބިލްޑިންއެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތަކާ އެކު ތަރައްގީ ކުރާ ޒަމާނީ ޕާކިން ބިލްޑިން އެކެވެ.

ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތް ހަވާލު ކުރި މަޝްރޫއު ނިމޭއިރު:

  • 4 ފުރޮޅުލީ 800އަށް ވުރެ ގިނަ އުޅަނދު ޕާކު ކުރެވޭނެ ޖާގަ ހުންނާނެ

  • ސައިކަލު ޕާކު ކުރާނެ 500އަށް ވުރެ ގިނަ ޖާގަ ހުންނާނެ

  • ޓްރެފިކަށް ދަތިނުވާނެހެން މި އިމާރާތުގައި ހީލިކްސް ރޭމްޕު ހުންނާނެ

ބުނީ ކީކޭ؟ - މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބެޗު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި އިމާރާތަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެ މަޝްރޫއެއް ކަމަށެވެ.

"މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ 4 ފުރޮޅުލީ އަދި 2 ފުރޮޅުލީ އުޅަނދުތައް ރައްކާތެރި މާހައުލެއްގައި ޕާކު ކުރެވޭނެ އިންތިޒާމު ފަހިކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި ތަން ވެގެންދާނީ ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވޭ ލައިފްސްޓައިލް އިމާރާތަކަށް ކަމަށެވެ.

ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 13 ބުރީގެ ޕާކިން ބިލްޑިންގެ މަޝްރޫއުގެ ބިންގާ އެޅުން. (ފޮޓޯ/ރައީސް އޮފީސް)

ނެކްސްޓް ބައި ބެޗު (އެންއެކްސްޓީ):

  • ބޭސްމެންޓާ އެކު ޖުމްލަ 13 ބުރީގެ އިމާރާތެއް

  • މުޅި އިމާރާތް އަޅަނީ ސިމެންތި ބޭނުންކޮށްގެން

  • އުޅަނދުތަކަށް އަރާ ފޭބުމަށް ޜޭމްޕުތަކާއި ވެހިކަލް އެލެވޭޓަރު ހުންނާނެ

  • އިމާރާތް ފަރުމާކޮށްފައިވަނީ ތަރައްގީވެފައިވާ ގައުމުތަކުގައި މިފަދަ އިމާރާތްތައް އެޅުމަށް ބޭނުންކުރާ ކޯޑުތަކާ އެއްގޮތަށް، އިމާރާތުގެ ޓްރެފިކް ފްލޯ އެކަށޭނަ ގޮތުގައި ދައުރުވާނެހެން

  • ކޮމާޝަލް ސަރަހައްދުތައް ވެސް ހިމެނޭނެ؛ އުޅަނދުތަކަށް ބޭނުންވާނެ ހިދުމަތްތަކާއި ވިޔަފާރި އައުޓްލެޓުތައް އަދި ކުޅިވަރު ކުޅެވޭނެ ޖާގަ ހިމެނޭ

  • އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ އިންތިޒާމު ވެސް ހުންނާނެ

  • ޕްރައިވެޓް އަދި ޕަބްލިކް ޕޭ ޕާކިން ޔުނިޓުތައް ވެސް ހުންނާނެ

ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 13 ބުރީގެ ޕާކިން ބިލްޑިންގެ މަޝްރޫއުގެ ބިންގާ އެޅުން. (ފޮޓޯ/ރައީސް އޮފީސް)

މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިން ތަރައްގީކުރަން ނިންމާފައިވާއިރު، ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވިދާޅުވީ ބާކީ 6 އިމާރާތުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލްތައް ގިނަވެ، ޕާކު ކުރާނެ ޖާގަ ނުލިބުމާއި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ޖާގަ ނުލިބޭ ހާލަތު މި އިމާރާތްތަކާ އެކު ބަދަލުކުރެވޭނެ ކަމަށެވެ.

"ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ހުޅުމާލޭގައި އިމާރާތްކުރާ 7 ޕާކިން ބިލްޑިން އިން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އާންމު ހިދުމަތް ރާވާފައިވާ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވާނީ ވަކި އިންސައްތައެއް ކަނޑައެޅިފައި،" އަމީން ވިދާޅުވި އެވެ.

ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 13 ބުރީގެ ޕާކިން ބިލްޑިންގެ މަޝްރޫއުގެ ބިންގާ އެޅުން. (ފޮޓޯ/ރައީސް އޮފީސް)

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޕްލޭންކޮށްފައިވާ ޕާކިން އިމާރާތްތައް ނިމުމާ އެކު މާލޭގެ މަގުތަކަކީ އަމާން ތަނަކަށްވެ، ވެހިކަލް ރަޖިސްޓްރީ ކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ:

  • ހުޅުމާލެ ފޭސް 1ގައި 3 ޕާކިން އިމާރާތް އަދި ފޭސް 2ގައި 4 އިމާރާތް އަޅާނެ

  • މި އިމާރަތްތަކުގައި 4 ފުރޮޅުލީ އުޅަނދުތަކަށް 2،600 އަދި 2 ފުރޮޅުލީ އުޅަނދުތަކަށް 1،000 ޕާކިން ޖާގަ ލިބޭނެ

"ޕާކިން ބިލްޑިންގެ މަސައްކަތްތައް ނިމުމުން މާލެ އަދި ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށް [އަދި] ދުއްވާ ވެހިކަލްތަކަށް އަމާން، ފަހި، ރައްކާތެރި އަދި ތަރުތީބުވެފައިވާ މަގުތަކަކަށް ވެގެންދާނެ،" އަމީން  ވިދާޅުވި އެވެ.

އެނގުން މުހިއްމު - ނެކްސްޓް ބައި ބެޗު އިމާރާތުން ޕާކިން ޖާގަ ގަންނަން ބޭނުންވާ ނަމަ އަދި މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެ މަޝްރޫއަށް ހާއްސަ ވެބްސައިޓުން ލިބޭނެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

30 މާރިޗު 2026
އޭ މިއީ އަދި އަމިއްލަ ކުންފުންޏަކުން ކުރާ ކަމެއް ދޯ؟ ރައީސުލްޖުމްހޫރިއްޔާއާއި މުޅި ސަރުކާރު ބޮޑު ސިންގާ ވަފުދު ހަދައިގެންގޮސް ރަސްމިއްޔާތު ބާއްވާފައި ބިންގާ އެޅީމާ އަހަރެމެން ހީކޮށްގެން މި ތިބީ މިއީ ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށޭ!!!
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް