ހޫނުން ރައްކާތެރިވުމަށް މީހަކު ކުޑައެއް އަޅައިގެން: އިހުސާސް ކުރެވޭ ހޫނުމިން މިހާރު ވަނީ ވަރަށް މަތިވެފައި (ދައުރު ފޮޓޯ/ މުހައްމަދު އަޝްހަލް ސައީދު)

އިހުސާސްކުރެވޭ ހޫނުމިން 37 ޑިގްރީއަށް؛ ކުރިއަށް އޮތީ ވެސް ގަދަހޫނު

މެޓު އޮފީހުން ބުނީ އޭޕްރީލް މަހުގެ މެދަކާ ހަމައަށް މި ހޫނު ދެމިގެންދާނެ ކަމަށް

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް، އިހުސާސް ކުރެވޭ ހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށް އެރިއިރު، ކުރިއަށް އޮތީ ވެސް ހޫނު ގަދަ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހު)ން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެކެވެ. އަދި ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެފައިވާއިރު، ހޫނުމިން ވަނީ މަތިވެފަ އެވެ.

ތަފްސީލް - މެޓު އޮފީހުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު:

  • އެންމެ ހޫނު ގަދައީ އުތުރުގެ އަތޮޅުތަކަށް؛ އެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން އިއްޔެ 37.2 ޑިގްރީ ސެލްސިއަސްއަށް އެރި

  • ހުޅުލޭގެ ހޫނުމިން 35.1 ޑިގްރީ ސެލްސިއަސްއަށް އެރި

  • ދެކުނުގެ އަތޮޅުތަކަށް ހޫނުމިން ދަށް؛ އެގޮތުން ގދ. ކާޑެއްދު އާއި ސ. ގަމުގައި އިއްޔެ އިހުސާސް ކުރެވޭ ހޫނުމިން ހުރީ 27 ޑިގްރީ ސެލްސިއަސްގައި

މެޓު އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް އޮތީ ވެސް ހޫނުގަދަ ދުވަސްތަކެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އޭޕްރީލް މަހުގެ ފުރަތަމަ ދެ ހަފުތާއާ ހަމައަށް މި ހޫނު ދެމިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ލަފާކުރެވޭ ގޮތުން، އޭގެ ފަހުން ވިއްސާރަކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ހޫނުގަދަވުމުގެ ސަބަބުން، ބޭރަށް ނުކުމެ އުޅޭއިރު ސަމާލުވުމަށް، ކަމާ ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް