ބަންޑާރަ ނައިބު އޮފީހުގައި އަހުމަދު އުޝާމް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އަހުމަދު އުޝާމް

ގާނޫނުއަސާސީގައި ބައިވަރު އުނި ކަންކަން އެބަހުރި، އެކަންކަން ރަނގަޅުކުރަން ޖެހޭ: ބަންޑާރަ ނައިބު

ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ބަހުސްއެއްގައި އަހުމަދު އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އެއްބަސްވެއްޖެ ނަމަ ކުއްލި ހާލަތުގައި މަޖިލީހުގެ އުމުރު ދަންމާލަން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި މިހާރު އޮތް މާއްދާ ބަދަލުކުރައްވާނެ ކަމަށް

މިހާރު މި އޮތް ގާނޫނުއަސާސީގައި ބައިވަރު އުނި ކަންތައްތަކެއް އެބަހުރި ކަމަށާއި މި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އެކަންކަން ރަނގަޅުކުރަން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 4ގަ އެވެ.

އުޝާމް މިގޮތަށް ވިދާޅުވީ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ބާ ކައުންސިލުން މިއަދު ބޭއްވި ހާއްސަ ފޯރަމުގަ އެެވެ. މި ފޯރަމްގައި އުޝާމްގެ އިތުރުން، ގާނޫނުއަސާސީ އެކުލަވާލުމުގައި މަސައްކަތްކުރެއްވި މަޝްހޫރު ގާނޫނީ ބައެއް ބޭބޭފުޅުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަތެވެ.

މަޖިލީހުގެ ދައުރު ދަންމާލަން ޖެހިދާނެ ހާއްސަ ހާލަތެއް ގާނޫނުއަސާސީގައި އޮތުމުން ދެ އިންތިހާބު އެއްކޮށްލާ ފަހުން އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ މުޅި އިސްލާހުގެ މަގުސަދު ގެއްލޭކަން މި ފޯރަމްގައި ބައެއް ބޭފުޅުން ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ އުމުރު ދިގުދެމިގެންދާނެ ހާލަތެއް އޮންނަނީ ގާނޫނުއަސާސީގެ 80 ވަނަ މާއްދާގަ އެވެ. އެ މާއްދާގައިވާ ގޮތުން، ގާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، އާންމު އިންތިހާބެއް ބާއްވަން ދަތިވެއްޖެ ނަމަ، މަޖިލީހުގެ އުމުރު އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އިތުރުކުރުމުގެ ގަރާރެއް އެ މަޖިލީހުން ފާސްކުރެވިދާނެ އެވެ.

ބުނީ ކީކޭ؟ - އެ ބަހުސްގެ ރައްދުގައި އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އެއްބަސްވެއްޖެ ނަމަ އެއާ ގުޅޭ ގޮތުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ވެސް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި 80ވަނަ މާއްދާގައިވާ ހާލަތު ވެސް ހިމެނޭ ކަމަށެވެ.

މަޖިލީހުގެ އުމުރަށް މިވަގުތު ހަމައެކަނި ބަދަލުގެނައީ، އެއާ ގުޅިގެން ގާނޫނުއަސާސީގައި ދެން ހުރި ކަންކަމަކީ، މަޖިލީހުގެ އުމުރު އޮންނަންވީ ގޮތާ މެދު ރައްޔިތުން ދެކޭ ގޮތެއްގެ މައްޗަށް ބިނާވާނެ ބަދަލުތަކަކަށް ވާތީ ކަމަށް އުޝާމް ވިދާޅުވި އެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން ނޫނެކޭ ބުނާ ހާލަތުގައި ބަދަލުގެންނަން ނުޖެހޭ މާއްދާތައް ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ.

އުޝާމް ވިދާޅުވީ އާ ގާނޫނުއަސާސީގައި އުނި ގިނަ ކަންތައްތަކެއް ހުރުމުން، އެއަށް ބައިވަރު އިސްލާހުތަކެއް ގެންނަން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ދުސްތޫރީ މައްސަލަތަކުގައި ވަރަށް ގިނައިން އުޅެވިފައި ހުރީމަ، މި މައްސަލަތަކުގައި އުޅޭއިރު އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ފާހަގަކުރެވޭ މި ގާނޫނުއަސާސީ އެއްކޮށް ކިޔާލާއިރު ވަރަށް ބައިވަރު އުނި ކަންތައްތައް އެބަހުރި. މި އުނި ކަންތައްތައް ރަނގަޅުކުރަން އެބަ ޖެހޭ. އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީ ރަނގަޅުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ބާވަތުގެ ކަމެއް ދިމާވުމުން، ރައްޔިތުންގެ ހިޔާލު ހޯދަނީ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމާ ގުޅިގެން އަންނާނެ ބަދަލުތަކާ އެކު، ދެން ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ފޯރަމްގައި 1997ގައި ފާސްކުރި ކުރީގެ ގާނޫނުއަސާސީ އާއި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރު އަދި ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވަނީ ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފަ އެވެ. އޭނާގެ އިތުރުން ދުސްތޫރީ އަދި ގާނޫނީ އެކި ދިރާސާތައްކުރައްވާ ޑރ. ޝަމްޝުލް ފަލާހު ވެސް މިހާރު ގެންނަން އުޅޭ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކޮމެންޓް (1)

ށަމީރު

28 މާރިޗު 2026
އޭޖީގެ ސިކުންޑީގެ އުނިކަންކަން ރަނގަޅު ކުރަންޖެހޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް