އިބްރާހިމް އިސްމާއިލް (އިބުރާ)

ގާނޫނުއަސާސީ އޮތް ގޮތުން 2 އިންތިހާބު އެއްކޮށްލުމުގެ މަގުސަދު ހާސިލެއްނުވާނެ: އިބްރާހިމް އިސްމާއިލް

އިބްރާހިމް އިސްމާއިލް ވިދާޅުވީ، ސިޔާސީ މަގުސަދު ހާސިލުކުރުމަށް ގާނޫނުއަސާސީގެ ތަންތަންކޮޅު އިރުއިރުކޮޅާ ބަދަލުކުރުމުން ބޮޑެތި މައްސަލަތައް ނިކުންނާނެ ކަމަށް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލާ ގޮތަށް ބަދަލުކުރިޔަސް، މަޖިލީހުގެ ދައުރު ދިގުކުރެވިދާނެ ހާލަތެއް ގާނޫނުއަސާސީގައި މިހާރު ވެސް އޮތުމުން، އެ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ މަގުސަދު ހާސިލުނުވާނެ ކަމަށް، އާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ބިލު ތަސްދީގުކުރަން ވަނީ ފޮނުވާފަ އެވެ.

އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.

އެހެންވެ، މިދިޔަ މަހުގެ 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނަގަން ނިންމާފައިވަނީ އަންނަ މަހުގެ 4ގަ އެވެ.

ބުނީ ކީކޭ؟ - އިބްރާހިމް އިސްމާއިލް އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުގެ 4ގައި އޮންނަ ހިޔާލު ހޯދުމުގެ ވޯޓުގައި އެ އިސްލާހު ފާސްކުރަން ވޯޓުނުދެއްވާނެ ކަމަށެވެ. 

އިބްރާހިމް އިސްމާއިލް ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހެއް ގެނެސް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރުވަމުންދާ މައިގަނޑު ސަބަބަކީ، ރިޔާސީ އިންތިހާބާ މަޖިލިހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ކަމަށްވާއިރު، މި ބަދަލު ގެނައުމުން އެކަން އެގޮތަށް އަބަދު ވެސް ކުރެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ.

"ޖަވާބަކީ ނޫނެކެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލިހުގެ އުމުރަކީ 5 އަހަރު ކަމަށް ވިޔަސް، ބައެއް ހާލަތުގައި 6 އަހަރަށް ދިގުދެމިގެންދާނޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެފައި އޮތީމައެވެ. އެ ހާލަތުގައި ވާނީ ކިހިނެއް ހެއްޔެވެ؟،" އިބްރާހިމް އިސްމާއިލް ސުވާލު އުފެއްދެވި އެވެ.

މަޖިލީހުގެ އުމުރު ދިގުދެމިގެންދާނެ ހާލަތެއް ގާނޫނުއަސާސީގައިވާ ކަމަށް އިބްރާހިމް އިސްމާއިލް އެ އިޝާރާތްކުރައްވަނީ، ގާނޫނުއަސާސީގެ 80 ވަނަ މާއްދާ އަށެވެ. އެ މާއްދާގައިވާ ގޮތުން، ގާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، އާންމު އިންތިހާބެއް ބޭއްވުމަށް ދަތިވެއްޖެ ނަމަ، މަޖިލީހުގެ އުމުރު އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އިތުރުކުރުމުގެ ގަރާރެއް އެ މަޖިލީހުން ފާސްކުރެވިދާނެ އެވެ.

"ރައީސް އާއި މަޖިލިސް މެންބަރުން އެއް ދުވަހަކު ބާއްވާ އިންތިހާބަކުން 5 އަހަރަށް އިންތިހާބު ކޮށްފައި އޮއްވައި، މި ބުނި [ގާނޫނުއަސާސީގެ 80 ވަނަ މާއްދާގައި ބުނާ] ހާލަތުގައި މަޖިލިހުގެ މުއްދަތު 6 އަހަރަށް ދިގު ދެމިގެން ދިޔައީމާ، ރިޔާސީ އިންތިހާބު 5 އަހަރު ފަހުން ބޭއްވުން ލާޒިމު ވާއިރު، މަޖިލިހުގެ އިންތިހާބު ބޭއްވޭނީ 6 އަހަރު ފަހުންނެވެ. އެއަށްފަހު ދެން އަނެއްކާވެސް އެ ދެ އިންތިހާބު އަބަދު ވެސް އޮންނާނީ އެއް އަހަރުގެ ތަފާތަކާ އެކުގަ އެވެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުން:

  • ގާނޫނުއަސާސީ އެކުލަވައިފައި އޮތް ގޮތާއި މަގްސަދުތައް ރަނގަޅަށް ނޭނގި ތިބެ، ނުވަތަ އެކަން އެނގި ތިބެ ނުބައި ނިޔަތުގައި، އިރުއިރުކޮޅާ އެކި ގޮތް ގޮތަށް، ތަންތަންކޮޅު ބަދަލުކުރާ ނަމަ، ބޮޑެތި މައްސަލަތައް ދިމާވާނެ

  • ހެޔޮ ގޮތަކީ އެ އޮތްގޮތަށް ބާއްވައިގެން، އެ ހިންގޭތޯ ބެލުން 

  • މިހާރު މި ކުރެވޭ ކަމަކީ، ސިޔާސީ ވަކި މަގުސަދެއް މި ވަގުތަށް ހާސިލް ކުރުމަށް، އިންތިގާލީ ހާލަތެއް ނެތި، އިންތިގާލީ ކަމެއް ކުރުން؛ ގާނޫނުއަސާސީ އެކަމަކަށް ތަނެއް ނުދޭ

މި ބަދަލު މިއޮތް ގޮތަށް ގެނެސްފި ނަމަ، ގާނޫނުއަސާސީއިން ކަށަވަރު ކުރި ހައްގުތައް ގެއްލި، ހުދުމުހުތާރު ވެރިކަމަކަށް އަނެއްކާވެސް ފުރޮޅުމުގެ މަގު ހުޅުވޭނޭ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން، ދިވެހި ރައްޔިތުން ވެސް އެ ވޯޓަށް ނޫނެކޭ ބުނުމަށް އިލްތިމާސްކުރެއްވި އެވެ.

"ވަރަށް ފުންކޮށް ވިސްނުމަށް ފަހު، މި އިސްލާހަށް ވޯޓު ނުދޭން ނިންމައިފީމެވެ. ގާނޫނުއަސާސީގެ ޑްރާފްޓް އެކުލެވި ކޮމިޓީގެ 283 ޖަލްސާގެ ތެރެއިން 282 ޖަލްސާގެ ރިއާސަތު ބެލެހެއްޓި މީހާގެ ހައިސިއްޔަތުން، މި އިސްލާހަށް ނޫނެކޭ ބުނުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް އަހުރެން އިލްތިމާސްކުރަމެވެ،" އިބްރާހިމް އިސްމާއިލްގެ ޕޯސްޓުގައިވެ އެވެ. 

ގުޅުންހުރި ކަމެއް - ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައި ބޮޑެތި ފުށޫއެރުންތަކެއް ހުރުމުން، އެ ބިލު ބާތިލުކުރުމަށާއި އެކަމާގުޅޭ ހިޔާލު ހޯދުމުގެ ވޯޓު ބޭއްވުން ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލަތަކެއް ވެސް ހުށަހަޅާފަ އެވެ.

ކޮމެންޓް (4)

ސިކުނޑި

25 މާރިޗު 2026
ފޮރުވިފައިވާ މަގުސަދު ހާސިލުކުރުންވެސް ވެގެންދާނީ ބިލާހަކަށް ކަމަށްބެލެވޭ! ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި މިސަރުކާރުން އުޅޭނީ އަންނަ ދައުރު ހޯދޭނެގޮތަށް ކަންކަން ފަހިކުރަން! ވެރިކަމަކީ ﷲ ދެއްވާއެއްޗެއްކަން މިހާރުގެ ރައީސް ހަދާނެއްނެތް ކަންނޭނގެ!
3 1

މެކޭ

25 މާރިޗު 2026
އިބުރާ ކަލޭ ތީ ސިޔާސީ ބޮޑެތި ފެއިލިއަރުންގެ ތެރޭން ވެސް ބޮޑު ފެއިލިއަރ އެއް. އަނގަ ނުހުޅުވާ ރީތިކޮށް ހުރުން ދެން އެންމެ ރަގަޅުވާނީ.
1 4

ސިކުނޑި

25 މާރިޗު 2026
@މެކޭ އިބްރާއަކީ ފެއިލިއަރަކަސް، އެ ސުވާލުގެ ޖަވާބު ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭނެ!
4 1

ތެފައާސާ.

25 މާރިޗު 2026
ތިވެސް މައްސަލައެއް. އަދި ތިއަށްވުރެ ހެއްވާ މައްސަލައެއްވެސް މީގެއިން އެބަ ނިކުމޭ. ޚިޔާލު ހޯދުމަށް އެދި ހުށައަޅާ ސުވާލަކީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މާނައަކީ ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު މި ބިލު ތަސްދީގުކޮށް ގާނޫނަކަށް ވާ ހިސާބުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވަންޖެހޭނީ އެކުއެކީގައޭ. ދެން މިސާލަކަށް ރިޔާސީ ދައުރެއްގެ މެދުތެރެއިން ރައީސާއި ނައިބު ރައީސް އިސްތިއުފާދީގެން ނުވަތަ ޣަޒުލުކޮށްގެން ނުވަތަ އެނޫން ސަބަބަކާއިހުރެވިޔަސް އެ މަގާމު ހުސްވެގެން އަލުން ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭ ހާލަތެއްގައި އަނެއްކާވެސް މަޖިލިސް އިންތިޚާބުވެސް ބާއްވަން ޖެހޭނެއެއްނު؟ ސަބަބީ މި ދެ އިންތިޚާބު ބާއްވަންޖެހޭނީ އެކުއެކީގައި ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާތީ! މި ހުންނަނީ ބޮޑެތި ހޭޖެހޭ މީހުން ހާވާ ހަޑި.
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް