އެމްޓީސީސީއިން އަލަށް ތައާރަފް ކުރާ ޓެކްސީގެ ހިދުމަތް ފެއްޓުމަށް ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ބައިވެރިވެވަޑައިގަތުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްޓީސީސީ

މި މަހު އެމްޓީސީސީން 1،000އަށް ވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފި؛ ހުސްވި 2 ހަފްތާގައި އެކަނި 600

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އިންތިހާބާ ދިމާކޮށް މިގޮތަަށް ގިނަ ވަޒީފާތަކަކަށް މީހުން ނަގާފައިވޭ؛ އޭރު މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިބި އިރު އެކަމަށް ފާޑުކިޔުން އަމާޒުކޮށްފައިވޭ

ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު ބޯމަތިވެފައި އޮއްވާ، މާލީ ހުރަސްކަމުގެ ތެރެއިން ވެސް މި މަސް ތެރޭ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްޓިސީސީން އެކަނި 1،000އަށް ވުރެ ވަޒީފާއަށް އިއުލާންކޮށްފައިވާކަން ހާމަވެއްޖެ އެވެ. އޭގެ ތެރޭގައި 600އަށް ވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފައި ވަނީ ނިމިދިޔަ ދެ ހަފްތާ ތެރޭގަ އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު ފަހުކޮޅު އިޒްރޭލާއި އެމެރިކާ އިސްވެ އީރާންއަށް ދޭން ފެށި ހަމަލާތަކާ އެކު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާތީވެ، ރާއްޖެ ފަދަ ނާޒުކު އިގްތިސާދެއް އޮތް ގައުމަކަށް ދަނީ މާލީ އެތައް ހުރަސްތަކެއް ކުރިމަތިވަމުންނެވެ. އެގޮތުން:

  • ރާއްޖެއަށް ވުރެ ބޮޑެތި އިގްތިސާދުތައް އޮތް ގައުމުތަކުން ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، ދިވެހި ސަރުކާރުުން އަދިވެސް ވަޒީފާތަކަށް އިއުލާން ކުރަމުންދާތީވެ ބައެއް އާންމުންގެ ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުން

  • ސަރުކާރުން ބުނަމުން ދަނީ، އިއުލާންކޮށްގެން ހަރަދު ކުޑަނުކުރި ނަމަވެސް ބައެއް ދާއިރާތަކުން ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅު އަޅަމުންދާ ކަމަށް

ތަފްސީލު - ސަރުކާރުގެ ގެޒެޓްގެ އެމްޓީސީސީ ޓެގްގެ ވަޒީފާގެ ފުރުސަތުން ފެންނަން ހުރި އިއުލާންތަކުން އެނގޭ ގޮތުގައި، 91 އިއުލާނެއްގެ ދަށުން މި މަހު 1 އިން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 1،185 ވަޒީފާއަށް އިއުލާންކޮށްފައިވެ އެވެ. އެގޮތުން:

  • މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭ އެކަނި ވެސް 635އަށް ވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފައިވޭ؛ އޭގެ ތެރެއިން 242 ވަޒީފާ އިއުލާން ކުރީ މިދިޔަ ހަފްތާ ތެރޭ

  • މި ވަޒީފާތަކުގެ ތެރެެއިން ގިނައިން ހުރީ ވަގުތީ ގޮތުން ނަގާ މުވައްޒަފުން؛ އޭގެ ތެރޭގައި ހަ މަހަށް ނަގާ މުވައްޒަފުންނާއި އަހަރަކަށް ނަގާ މުވައްޒަފުން އަދި 'ޕްރޮޖެކްޓް ނިޔަލަށް' ނަގާ މުވައްޒަފުން ހިމެނޭ

  • ބައެއް ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައިވަނީ 24 ގަޑިއިރަށް ވުރެ ވެސް ކުރު ވަގުތުކޮޅެއް

  • ބައެއް ވަޒީފާތަކުގެ މުސާރައަކީ 5،000ރ. އާއި 15،000ރ. ނުވަތަ 'ކުންފުނިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް' ކަމަށް ބަޔާންކޮށްފައިވޭ

ރަށެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތެއް ފެށުމަަށްމިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން އެމްޓީސީސީގެ ބައެއް އިސްވެރިން ބައިވެރިވަނީ: އެ ކުންފުންޏަށް މި މަހު އެކަނި ހާހަކަށް ވުރެ ގިނަ މުވައްޒަފުން ނަގަން އިއުލާންކޮށްފައިވޭ. (ފޮޓޯ/އެމްޓީސީސީ)

މި މަހު އެމްޓީސީސީން އިއުލާން ކުރި 1،000އެއްހާ ވަޒީފާގެ ތެރޭގައި ސަރުކާރުގެ ޓެކްސީ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް ތިން ފަހަރެއްގެ މަތިން ކުރި އިއުލާންގައި ހިމެނޭ ވަޒިފާތައް ހިމެނެ އެވެ. އެއީ:

  • ފުރަތަމަ އިއުލާން ކުރީ 181 ޑްރަރިވަރުން ހޯދުމަށް؛ ދެވަނަ ފަހަރަށް 174 އަދި އެންމެ ފަހުން 107 ޑްރައިވަރުން ހޯދުމަށް އިއުލާންކޮށްފައިވޭ

  • ޖުމްލަ 462 ޑްރައިވަރުން

އެމްޓީސީސީގެ މިއިން އެއްވެސް އިއުލާނަކީ ކުރިން ނެރެފައިވާ އިއުލާން ބާތިލުކޮށްފައި، އަލުން އެ މަގާމަށް ހުޅުވާލި މަގާމުތަކެއް ނޫނެވެ. އެހެންވެ، ކުރީގެ އިއުލާންތަކުގެ ދަށުން ނެގީ ކިތައް މުވައްޒަފުން ކަމެއް ސާފެއް ނޫނެވެ.

ނަމަވެސް މުޅި ގެޒެޓަށް ބަލާލުމުން އެމްޓީސީސީގެ ފަރާތުން އެކަނި 91 އިއުލާންގެ ދަށުން 1،000އަށް ވުރެ ގިނަ ވަޒީފާތަކަށް މީހުން ބޭނުންވެގެން މި މަހުގެ މި ފާއިތުވި 28 ދުވަސް ތެރޭ އިއުލާންކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްޓީސީސީ ނޫނަސް ސަރުކާރުގެ އެހެން ކުންފުނިތަކާއި އެކި މިނިސްޓްރީތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ދަނީ ނަގަމުންނެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އިންތިހާބާ ދިމާކޮށް މިގޮތަަށް ގިނަ ވަޒީފާތަކަކަށް މީހުން ނަގާފައިވެ އެވެ. އޭރު މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިބި އިރު އެކަމަށް ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ. 

ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން އިންތިހާބުތަކާ ދިމާކޮށް ވަޒީފާތައް ނުނަގާނެ ކަމަށެވެ. އެއީ އެމްޑީޕީ ސަރުކާރުން ކަން ކުރި ގޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

28 މާރިޗު 2026
ސުބުހާނަﷲ. އިހަކަށްދުވަހުވެސް ރައީސް ވިދާޅު އިންތިޚާބާއި ދިމާކޮށް ވަޒީފާތަކަށް ނުނަގާނެކަމަށް. އެހެންވީމާ ސަރުކާރުގެ ކުންފުނިތަކުންނާއި މިނިސްޓަރީތަކުން ރައީސްގެ އިރުޝާދަށް ތަބާނުވަނީ، އެހެންނޫނީ ރައީސް ކަނޑައެޅިގެން އިތުރުފުޅުހައްދަވަނީ؟؟
3 0

ސިކުނޑި

28 މާރިޗު 2026
ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ނުދޭންވީ މިހެންވެގެން! ކޮންމެ ކަމެއް ކުރިޔަސް ލޯމަރައިގެން ތިބެނީ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް