ފަނޑިޔާރު ހުސައިން ޝަހީދު - (ފޮޓޯ/ ޝަހީދުގެ އިންސްޓަގްރާމް)

ބިލު ސިއްރުތޯ ޝަހީދުގެ ސުވާލު؛ ޖަވާބަކީ އެންމެނަށް ބިލު ކިޔަން ނުޖައްސައި ވޯޓު ކަރުދާހުން އެނގެން ޖެހޭކަން

ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލުގައި މިހާރު ހިނގާ މަޖިލީހުގެ ދައުރުން ހަ މަސް އުނިވާކަން ނެތުމުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރު ޝަހީދު ސުވާލުކުރެއްވީ އެ ބިލަކީ ރައްޔިތުންނަށް ސިއްރުކޮށްފައިވާ ބިލެއްތޯ

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި އަަހާ ސުވާލުގައި މަޖިލީހުގެ ދައުރު ކުރުކުރާކަން ނެތުމުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި އެ ބިލު ރައްޔިތުންނާ ސިއްރުތޯ ފަނޑިޔާރަކު ސުވާލުކުރައްވައިފި އެވެ.

ވީކިހިނެއް؟ - ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅުއްވަނީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ. އެގޮތުން:

  • ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލަކީ: ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟

  • މައްސަލަ ހުށަހެޅި ވަކީލުން ފާހަގަކުރާ ގޮތުގައި، މި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާތީ؛ އެހެން ނަމަ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ

މަޖިލީހުން މިދިޔަ 10 ފެބްރުއަރީގައި ފާސްކޮށް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބިލު ސިއްރުތޯ، މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ސުވާލުކުރެއްވީ ފަނޑިޔާރު ހުސައިން ޝަހީދެވެ.

ބުނީ ކީކޭ؟ - "މި ބިލަކީ ސިއްރު ބިލަކަށް ނުވާ ކަމަށް ވަންޏާ، ރައްޔިތުންނަށް ފެންނަން ހުރި ބިލެއްގެ ވާހަކަ [ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލުގައި] ހިމެނިފައިވާއިރު ކޮން ކަމެއްތޯ މީގައި ސިއްރުވެގެން މި އުޅެނީ، ކޮން ކަމެއްތޯ މީގައި ވަންހަނާ ވެގެން އުޅޭ ކަމަށް ހަގީގަތުގައި ތިޔަ ވިދާޅުވަނީ،" ޝަހީދު ވިދާޅުވި އެވެ.

ތަފްސީލް - މި ސުވާލަށް ރައްދު ދެއްވަމުން މައްސަލަ ހުށަހެޅުއްވި ވަކީލު ޝިޔާމް ވިދާޅުވީ ބިލުންވާ ގޮތް ސާފުކުރުމަށް ރައްޔިތުން ކުރަން ޖެހޭ ކަމަކީ ބިލު ކިޔުމުގެ އިތުރަށް ހިސާބެއް ޖެހުން ކަމަށެވެ. އެއީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ނަމަ އެ ދައުރުން މަސްތަކެއް އުނިވެގެންދާތީ އެ ވަރެއް ހޯދުމެވެ.

"1 ޑިސެމްބަރު 2028ގައި ދައުރު ހަމަވާ ގޮތަށް އޭގެ ކުރިއަށް [ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ] ވޯޓު ނަގާ ކަމަށް ވަންޏާ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރަށް މި ވާ ގޮތެއް ހޯދަން ރައްޔިތުންނަށް މި ޖެހެނީ ހިސާބެއް ހަދަން،" ޝިޔާމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާންކުރާ މާއްދާއަށް އިސްލާހު ގެންނަނަމަ ރައްޔިތުން އެ ކަމަށް ރުހޭތޯ ބެލުމަށްފަހު އަގުލަބިއްޔަތު ރުހޭ ނަމަ އެ އިސްލާހެއް ތަސްދީގުކުރުމަށެވެ. އެހެންްވެ ރައްޔިތުންނަށް ހުށަހަޅާ ސުވާލުން މި ކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ނުޖެހޭނެ، އެ ބިލަށް ގޮސް ބިލު ބަލައިގެން މި ވަނީ ކީއްތޯ ބަލާކަށެއް. ހިޔާލު ހޯދަން ޖެހޭ ސަބަބަކީ ރައްޔިތުންގެ މަޖިލީހަށް އުމުރަށް ބަދަލެއް އަންނާތީ. ވޯޓު ހޯދަން ދާއިރު ރައްޔިތުންނެއް ނުދާނެ ބިލު ހިފައިގެންނެއް. ވޯޓު ހޯދަން ދާއިރު ވޯޓު ކަރުދާހުގައި ނޯންނާނެ އުނިވަނީ ކިހާ މިންވަރެއްކަން،" އޭނާ ވިދާޅުވި އެވެ.

ސުވާލުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސް އުނިގެވެގެންދާ ކަން ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުސްތޫރީ މައްސަލައިގެ އަޑުއެހުން:

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު ވިދާޅުވީ ދެން އިތުރު އަޑުއެހުމެއް ބާއްވާނީ މައްސަލަ ދިރާސާކުރަމުންދާއިރު މިހާތަނަށް ފާހަގަނުކުރެވޭ ނޫނީ އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ ކަމަށެވެ. އެހެން ނޫނީ ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކޮމެންޓް (4)

ދޯދި

26 މާރިޗު 2026
ގާނޫނު އަސާސީގައި ވާގޮތުން ރައްޔިތުން ކައިރީ އަހާކަށް ނުޖެހޭ ދެ އިންތިހާބު އެއްދުވަހެއްގަ ބާއްވަން ފެނޭތޯ އަދި އިންތިހާބު ބާއްވާނެ ދުވަހެއް އިރެއް ވަގުތެއް. ރައްޔިތުން ކައިރީ އަހަންޖެހޭނީ މަޖިލީހުގެ ދައުރު ނުވަތަ މުއްދަތު ނުވަތަ އުމުރު ދިގުކުރަން ނުވަތަ ކުރުކުރަން ފެނޭހޭ. މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު ކުރުކޮށްފަ ދެން އުފެދޭ މަޖިލީހުގެ އުމުރު ކުރިންވެސް އޮތްގޮތަށް ބާއްވަން ފެނޭހޭ. ދެން ކީއްކުރަން ދެއިންތިހާބެއް އެއްދުވަހެއްގަ ބާއްވަން ފެނޭހޭ އިސްލާހެއް ފާސްކުރަން ފެނޭހޭ ސުވާލު ކުރަނީ. ސާފު ސީދާ އޮޅުން ކުޑަކޮށް ސުވާލު އިސްލާހު ކުރުމަން ހުކުމް ކުރާށެވެ
1 0

ކުރުނީލަސް

26 މާރިޗު 2026
ޝަހީދަކީ އިތުބާރުކުރެވޭ މީހެއް ނޫން. ވީ މިސްޔޫ ކުރީގެ 3 ފަނޑިޔާރުން. އަދި ފެންނާނެ . ވީ ހޯޕް ސޯ
4 1

ސިކުނޑި

26 މާރިޗު 2026
ސިޔާސީ މީހުން ގާޒީންނަށްލީމާ ވާނީމިހެން! ތޮބީއަތުގައިވެސް އެމީހުންނަށް ބުރަވެވެނީ ސަރުކާރުކޮޅަށް! ތެޔޮ އަގުބޮޑު ޒަމާނެއްގައި ޚަރަދު ބޮޑުވާނީ ބޭކާރު ވަގުތު ހޭދަކުރީމަ! ހުޝާމު ލިޔެފަ ދިންގޮތަށް ހުކުމް ކޮށްލާފަ ނިންމާލާ! ވޯޓުން އަހަރުމެން ޖަވާބުދޭނަން!
6 0

ހޮޅިކޮޅު

26 މާރިޗު 2026
ތިޔަ ޚުކުމް އަންނާނެ ގޮތް ރައްޔިތުންނަށް އެނގޭ!!
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް