މިނިސްޓަރު ތޯރިގު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތިމާވެށި

2025ގައި ތެޔޮ ގެންނަން 10 ބިލިއަން ރުފިޔާ؛ ރަށްރަށަށް ކަރަންޓު ދޭން އަހަރަކު 2.9 މިލިއަން ފީފާގެ ތެޔޮ

މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކުރިިއިރު އެއީ ޖީޑީޕީގެ %10؛ މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކު 7،965 ފީފާގެ ޑީސަލް ހޭދަވޭ

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް އަހަރަކު 2.9 މިލިއަން ފީފާގެ ތެޔޮ ހޭދަވާ ކަމަށާއި މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ހަކަތައިގެ ދާއިރާ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.

ތަފްސީލް - އެ ދާއިރާ އިން ބައެއް ތަފާސްހިސާބުތައް ހިއްސާ ކުރައްވަމުން ތޯރިގު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި މިއީ ޖީޑީޕީގެ %10 ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ:

  • މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކު 7،965 ފީފާގެ ޑީސަލް ހޭދަވޭ

  • ރިސޯޓުތަކުން ވެސް މިހާ ވަރު ހޭދަކުރާނެ

ރާއްޖޭގެ ޖަނެރޭޓަރު ކެޕޭސިޓީގެ ތަފާސްހިސާބުތައް ވެސް ތޯރިގު ހިއްސާ ކުރެއްވި އެވެ. އެގޮތުން:

  • މީހުން ދިރިއުޅޭ ރަށްރަށުގެ ކެޕޭސިޓީއަކީ 310 މެގަވޮޓް

  • ރިސޯޓުތަކުގެ ކެޕޭސިޓީއަކީ 298 މެގަވޮޓް

  • ސިނާއީ ރަށްރަށުގެ ކެޕޭސިޓީއަކީ 30 މެގަވޮޓް

ތޯރިގު ވިދާޅުވީ ތެލަށް ބަރޯސާވުން ކުޑަކޮށް، ރާއްޖެއިން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރަން ޖެހޭ ކަމަށެވެ. މި ދާއިރާއަށް އިންވެސްޓުކޮށް، މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިވަގުތު ވަރަށް ބޮޑު ފޯކަސްއެއް ކުރަމުން މި އަންނަނީ ރިނިއުބަލް އެނާޖީ އިތުރު ކުރުމަށް ގިނަ ފޯކަސް ކުރެވިގެން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް