އައްޑޫ ސިޓީ ކައުންސިިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

އައްޑޫ

އައްޑޫގައި ހަވާ އެރުވުން އެމްއެންޑީއެފްއިން ފަހު ވަގުތު ކެންސަލް ކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް

"ބޭއިންސާފު އަމުރެއްގެ ދަށުން" ހަވާ އެރުވުން ކެންސަލް ކުރުން ހަރުކަށު އިބާރާތުން ކުށްވެރިކުރާ ކަމަށް ކައުންސިލުން ބުނި

އިއްޔެ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކުރި ހަވާ އެރުވުން އެމްއެންޑީއެފްއިން ފަހު ވަގުތު ކެންސަލްކޮށްފައިވާތީ އެ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. ކައުންސިލުން ތުހުމަތު ކުރި ގޮތުގައި، އެމްއެންޑީއެފްއިން އެކަންކޮށްފައިވަނީ ސިޔާސީ ނުފޫޒުންނެވެ.

ވީ ކިހިނެއް؟ - އިއްޔެ ފާހަގަ ކުރި އީދު ދުވަހުގެ މުނާސަބަތުގައި ހިތަދޫ ސެންޓްރަލް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި އޮތީ ހަވާ އެރުވުމަށް ނިންމާފަ އެވެ. ނަމަވެސް ހަވާ އެރުވުން ފަހު ވަގުތު އެމްއެންޑީއެފްއިން ކެންސަލް ކުރި ކަމަށް ބުނެ، އެ ކައުންސިލުން މިއަދު ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެ އެވެ. ރާއްޖޭގައި ހަވާ އެރުވުން ކުރިއަށްގެންދަނީ އެމްއެންޑީއެފްގެ ދަށުން ހިންގާ ސިފްކޯއިންނެވެ.

ތަފްސީލު - ކައުންސިލްގެ ބަޔާނުގައި ބުނީ:

  • ސެންޓްރަލް ޕާކް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެއަށް ތާވަލުކުރީ، އީދު ދުވަހުގެ މުނާސަބަތުގައި އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް

  • އެ ރަސްމިޔާތުގައި ހަވާ އެރުވުމަށް މީގެ ދެ މަސް ކުރިން ސިފްކޯއާ ކައުންސިލުން ހަވާލުކޮށް، ފައިސާ ދައްކާފައިވޭ

  • ހަވާ އެރުވުމަށް ބޭނުންވާ ބަނޑިބޭހާއި އެހެނިހެން ސާމާނު ގެނެސް ތައްޔާރީތައް ސިފްކޯއިން އިއްޔެ ކުރިއަށް ގެންދިޔަ

  • ނަމަވެސް އިވެންޓު ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން "ޓެކްނިކަލް މައްސަލައެއް ދިމާވެގެން" ކަމަށް ބުނެ ސިފްކޯއިން ހަވާ އެރުވެން ނެތް ވާހަކަ ބުނި؛ އެކަން ސިފްކޯއިން ކައުންސިލްއަށް އެންގީ އިތުރު މުއާމަލާތެއް ކުރުމެއްނެތި އީމެއިލްއަކުން

"[ހަވާ އެރުވުން ކެންސަލްކޮށް] ސިފްކޯއިން އެއްބަސްވުމާ ހިލާފަށް އެ [ރަސްމިއްޔާތު އޮތް] ތަނުން ތަކެތި ނަގައިގެން ގޮސްފައިވަނީ، ސިޔާސީ ނުފޫޒެއްގެ ތެރެއިން ލިބިފައިވާ ބޭއިންސާފު އަމުރެއްގެ ދަށުން ކައުންސިލްގެ އަގު ވައްޓާލުމަށް،" ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

އެމްއެންޑީއެފްއަކީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ފޯރުކޮށްދޭންޖެހޭ މުއައްސަސާއެއްކަން ފާހަގަކޮށް ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނީ، މިއީ އެފަދަ މުއައްސަސާއަކުން އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް ދެކޭ ކަމަށެވެ.

"މި ހިދުމަތް ފޯރުކޮށްދޭ ސިފްކޯގެ މި ބޭއިންްސާފު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް