ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އުޅަނދު ދުއްވަން އިން އިންޑިއާގެ ބިލިއަނަރު އަދި އެ ރޭސިން ލޯންޗު މަރުކާގެ ބައެއް ލޯންޗުތައް ފެންނަ ފޮޓޯއެއް: މަސްތުގެ ހާލަތުގައި އިނދެ ބިލިނިއަރު އެރޭ ޑްރިފްޓް ކުރި ކަމަށް ބުނޭ.

'މީހުން ވިއްސައިގެން ދިޔައީ މަހުޖަނު ނުރައްކާތެރިކޮށް މަސްތުގެ ހާލަތުގައި ދުއްވުމުން'

ކައުންސިލުން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް އިދާރާތަކަށް ދޭން މަހުޖަނު ދެކޮޅު ހެދި؛ އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ އެނބުރި އިންޑިއާއަށް ގޮސްފައި

ވ. ފެލިދޫ އާއި އެ އަތޮޅު ކެޔޮދޫ ކައިރިން ދަތުރު ކުރަނިކޮށް ކުޑަ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އެ އުޅަނދު އެ ވަގުތު ދުއްވަން އިނީ މަސްތުގެ ހާލަތުގައި އިން އިންޑިއާގެ ބިލިއަނަރު ކަމަށާއި ފަޅުވެރިން ވިއްސައިގެން ދިޔައީ ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި އޭނާ ދުއްވުމުން ކަމަށް އިދާރާތަކުން މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހަތް މީހުންނާ އެކު ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލީ، ވ. ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދުއްވަމުންދަނިކޮށެވެ. މި ހާދިސާގައި ކަނޑަށް ގެލުނު ދެ މީހުން އަދިވެސް ނުފެނެ އެވެ.

ތަފްސީލު - މިކަމާ ގުޅިގެން ވ. އަތޮޅު ކައުންސިންލްގެ ރައީސް ޝުޖާއު އަލީ މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ލޯންޗަކީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ގޯތަމް ސިންގާނިޔާގެ ކުންފުނީގެ 'ޓީޓީ އަޝޭނާ' ނަމަކަށް ކިޔާ އަމިއްލަ ޔޮޓުގެ ލޯންޗެއް ކަމަށެވެ. އަދި އެ ލޯންޗަކީ ސިނގިރެޓް ރޭސިން މަރުކާގެ ސްޕީޑް ލޯންޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ވަގުތު ދުއްވަން އިނީ ބިލިއަނަރު. އަދި އޭނާ ހިމެނޭހެން އެ ލޯންޗުގައި ތިބި މީހުން ތިބީ މަސްތުގެ ހާލަތުގައި،" ޝުޖާއު ވިދާޅުވި އެވެ.

"މިހާތަނަށް އިދާރާތަކުން އެއްކުރި މައުލޫމާތުތަކުން އެނގެނީ މީހުން ވިއްސައިގެން ދިޔަައީ ބާެރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވުމުން."

ކެޔޮދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި، އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންގާނިޔާ އަދި ބަންޑުން ޖަހާލި ލޯންޗު.

އޭނާ ވިދާޅުވި ގޮތުގައި:

  • އިދާރާތަކުން އިއްޔެ ބެލިއިރު ލޯންޗުގެ ރިކޯޑްތަކުން ދައްކާ ގޮތުން އެ ލޯންޗު ގަޑިއަކު 72 މޭލަށް ދުއްވާފައިވޭ

  • އަތޮޅުތެރޭ ދުއްވާ ގަލްފް ކްރާފްޓުގެ ސްޕީޑް ލޯންޗެއް ވެސް އެންމެ ބާރަށް އާންމުކޮށް މި ދުއްވަނީ ގަޑިއަކު 42 މޭލަށް

"މި ލޯންޗަކީ ހަމަ ރޭސިންއަށް ބޭނުން ކުރާ ލޯންޗެއް. ބޮޑަށް ބެލެެވެނީ، ދަންވަރު އެ ވަގުތު ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވައި، ޑްރިފްޓް ޖައްސަމުން ސަކަރާތް ޖެހުމުގެ ތެރޭގައި ހިނގި ކަމެއްގެ ގޮތުގައި. އަދި ރޭގަނޑަށްވުމުން ރާޅެއް ނެގިޔަސް ނުފެންނާނެތާ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް މަސްތުގެ ހާލާތުގައި ތިބީ ރަށަށް ގެނައި އިރު ވެސް."

'ބިލިއަނަރު އިދާރާތަކަށް މައުލޫމާތު ދޭން ދެކޮޅު ހެދި'

މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި ބިލިއަނަރު ވެސް ހިމެނެ އެވެ. އަދި އޭނާއަށް ފެލިދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ. 

"ހޮސްޕިޓަލަށް ވެސް އަދި ފުލުހުންނާއި އެމްއެންޑީއެފްއަށް ވެސް މައޫލޫމާތު ދިނުމަށް އޭނާ ދެކޮޅު ހެދި. ޕާސަނަލް އެއްވެސް ޑޭޓާއެއް އޭނާ ނުދޭ. ހޮސްޕިޓަލުގެ އެއްވެސް ފޯމެއްގައި ވެސް ފުރުމަށް ވެސް އޭނާ ދެކޮޅު ހެދި،" ޝުޖާއު ވިދާޅުވި އެވެ.

"ހޮސްޕިޓަލަށް މައުލުމާތު ދޭން ދެކޮޅު ހެދި ނަމަވެސް ބަލި މީހަކަށްވުމުން އޭނާއަށް ހަމަ ރަނގަޅަށް ފަރުވާ ދިން. އަދި އޭނާ ބޭނުންވީ ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލުގައި މަޑުނުކޮށް ދާން."

ބަންޑުން ޖަހާލި ލޯންޗު ފެލިދޫ ފަޅުގައި އަޅާފައި. (ފޮޓޯ/ ޝުޖާއު)

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ، އެ ރޭ ދަންވަރު 1:15 ހާއިރު އެވެ. ޝުޖާއު ވިދާޅުވި ގޮތުގައި، އެ ރޭ 3 ހާއިރު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަގުތުން އޭނާ ޔޮޓަށް ދިޔަ އެވެ. ސަފާރީ އޮންނަނީ ފެލިދޫ ބޭރުގަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ވަނީ އިއްޔެ އެނބުރި ގައުމަށް ގޮސްފަ އެވެ. އަދި މުމްބާއީގައި ދަނީ ފަރުވާ ހޯދަމުން ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބަންޑުން ޖަހާލި ލޯންޗު މިހާރު އޮތީ ފެލިދޫ ފަޅުގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޝުޖާއު ދެއްކެވި ވާހަކަތާ ގުޅިގެން ކޮމެންޓަކަށް އެދުމުން ފުލުހުންގެ އޮފިޝަލް ވިދާޅުވީ، ޗެކް ކުރުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. އަދި ގެއްލުނު ދެ މީހުން ފެނުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ގެއްލުނު މީހުން ހޯދުމަށް އިއްޔެ އެމްއެންޑީއެފްގެ ޑްރޯން ވެސް ބޭނުންކޮށްފައިވެ އެވެ.

މި ހާދިސާ ހިނގުމުގައި ބިލިއަނަރުގެ ރޯލާ ގުޅޭ ގޮތުން އެމްްއެންޑީއެފްގެ ރަސްމީ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ އިދާރާގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ ކޮމެންޓެއް އަދި ނުލިބެ އެވެ.

ކޮމެންޓް (3)

ރޭމަންޑް

22 މާރިޗު 2026
ސަފާރީއެއް ނޫން. އަޝޭނާ އިޒް އަ ޔޮޓް
1 0

ހަމަހަމަ

21 މާރިޗު 2026
ބިލިއަނަރު ފިލަން އޯކޭ، ދެއްތޯ ފުލުސް؟
2 0

ކޮމޮޑަސް

21 މާރިޗު 2026
މިއީ ތަ ދިވެހި ފުލުހުންގެ އިދާރާގެ ފެންވަރަކީ؟ ކުޑަކުދިން މޮޑިފައި ކުރާ ބައިސްކަލު އަތުލާ އަދި ބެލުމުގެ ދަށަށް ގެނެވެއެވެ. ކަމަކަށް ވާ ކަހަލަ ކަމަކާ ލައްވާލީމާ ހަދާނެގޮތެއް އަދި ކުރަންވީ ކަމެއްވެސް ނޭނގެނީއެވެ. ސިޔާސީވިޔަސް މިއީ ފުކެއްބޮޑުވަރެވެ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް