މިއަދު ކެޔޮދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި، އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންގާނިޔާ.

ކެޔޮދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އިންޑިއާގެ ރޭމަންޑުގެ ވެރިޔާއަށް އަނިޔާވެއްޖެ

އެ ހާދިސާގައި ލޯންޗުގައި ތިބި 7 މީހުންގެ ތެރެއިން އިންޑިއާގެ 2 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން އަންނަނީ ކުރަމުން

މިއަދު ވ. ކެޔޮދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އިންޑިއާގެ ރޭމަންޑް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ގޯތަމް ސިންގާނިޔާއަށް އަނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވ. ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

އެ ހާދިސާގައި ދެ މީހަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން އަންނަނީ ކުރަމުންނެވެ.

ތަފްސީލު - އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ހަތް މީހުންނެވެ. އެއީ އިންޑިއާގެ ފަސް މީހުންނާއި އިނގިރޭސިވިލާތުގެ މީހަކާއި ރަޝިއާ މީހެކެވެ.

އިންޑިއާގެ މީޑިއާއިން ބުނާގޮތުގައި އެ ހާދިސާގައި ލޯންޗުގައި އިން ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމްއަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފަ އެވެ. އަނިޔާތަކަށް ފަރުވާ ހޯދަން އޭނާ ވަނީ މިއަދު މުމްބާއީއަށް ގޮސްފަ އެވެ.

އެ ހާދިސާގައި ގެއްލިފައިވަނީ ވެސް އިންޑިއާގެ ދެ މީހުން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން މިރޭ ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް