ކައުންސިލް އިންތިހާބަށް އެމްޑީޕީގެ މާލެ ސިޓީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/ އެމްޑީޕީ)
އިންތިހާބު ވަގަށް ނަގަން 3 މަސް ތެރޭ 15،000 ވަޒީފާ ދީފި: އެމްޑީޕީ
ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ "ވޯޓު ވަގަށް ނެގުމަށް" ސަރުކާރުން މިދިޔަ ތިން މަސް ތެރޭ 15،000 ވަޒީފާ އެކި ފަރާތްތަކަށް ދީފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މުސާ އެ ތުހުމަތު ސަރުކާރަށް އަމާޒު ކުރެއްވީ، މިއަދު އެ ޕާޓީން އިންތިހާބާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި ގަފޫރު ވިދާޅުވީ، އިންތިހާބު ވަގަށް ނެގުމަށް ސަރުކާރުން އެތައް ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، އިތުރު ވަޒީފާތައް އުފެއްދުމާއި ވަޒީފާގައި ތިބި މީހުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ހަޔާތުގައި [ސަރުކާރަކުން] ލޯކަލް ކައުންސިލް އިންތިހާބަކަށް ނުފޯރުވާ ވަރަށް ނުފޫޒު ފޯރުވަމުން އެބަގެންދޭ. ތެދަށް ބުނަންޏާ، އިންތިހާބު ވަގަށް ޖަހައިގަތުމުގެ ވިސްނުމުގައި ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ. ގާތްގަނޑަކަށް ސަރުކާރު ކުންފުނިތަކުން މިހާރު މި ޖެނުއަރީ، ފެބްރުއަރީ [އަދި] މާޗު މަސް ތެރޭގައި 15،000އެއްހާ މުވައްޒަފުންނަށް ވަޒީފާ ދީފި،" އެމްޑީޕީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގަފޫރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދަނީ.#HeyvallaThayyaru #GearUp #LCE2026 #WDC2026 #VoteMdp pic.twitter.com/a5O3kIAl9Y
— MDP Secretariat (@MDPSecretariat) March 19, 2026
ގަފޫރު ވިދާޅުވި ގޮތުގައި، އެ 15،000 ވަޒީފާތަކަށް ވެސް ނެގީ ޕީއެންސީގެ މެންބަރުންނެވެ. އަދި އެއީ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
"އޭގެ އިތުރުން، ކުރިން ވަޒީފާ ދީފައި ތިބި މީހުންނަށް ބިރު ދައްކަމުން އެބަދޭ. މަސައްކަތް ކުރާ ތަނުގައި އެ މީހުން މަސައްކަތް ކުރަމުން ދަނިކޮށް، އެހެން ތަންތަނަށް ބަދަލުކޮށް ވޯޓު ނުލެވޭ ގޮތަށް ވަރަށް ގިނަ މީހުންނަށް ހަދައިފި،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ގަފޫރު ވިދާޅުވީ:
-
މި ވޯޓަށް ރާއްޖެއިން ބޭރުގައި އެއްވެސް ވޯޓު ފޮއްޓެއް ނުބަހައްޓާ ގޮތަށް ހެދީ ވެސް ގަސްތުގައި އެ ރައްޔިތުންނަށް ވޯޓު ނުލެވޭ ގޮތަށް ހެދުމަށް
-
ރާއްޖެއިން ބޭރުގައި ހުރި ދިވެހި އެމްބަސީތަކުގެ ހުރިހާ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތައް ސަރުކާރުގެ ހަރަދުގައި މި ވޯޓަށް މާލެ ގެންނަމުން އެބަދޭ
"އަޅުގަނޑުމެން އަތުގައި އެބަހުރި ހެކި. މިއީ މިއަދުގެ ހާލަތު. އެކަމަކު މިއިން މައްސަލައެއް ޖެއްސި ނަމަވެސް އެކަން ބަލާނެ މުއައްސަސާއެއް މިއަދު ނެތް،" އެ މުއައްސަސާތަކުގެ ވެރިން ގާނޫނުގެ ކުރިމައްޗަށް ގެންނާނެކަމުގެ އިންތިޒާރު ދެމުން ގަފޫރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނޭ މި އިންތިހާބު ބޮޑުކޮށް އަޅުގަނޑުމެން ނަގާ ތަން. މި ވަގު ސަރުކާރާ އެކު ރައްޔިތުން އިތުރަށް ދެން ނުތިބޭނެ."
MDP in baavvaa noosveringe bahdhaluvun https://t.co/xRBmNlQHJa
— RaajjeTV (@Raajje_tv) March 19, 2026
ކޮމެންޓް (1)
ޝިޔާމް ޖޫނިއަރ