ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ގަސްކާނާ ކެމިކަލް ގުދަނުގައި އަލިފާން ރޯވި ގޮތް ބަލަން ހާއްސަ ތަހުގީގެއް ފަށައިފި

ފުލުހުން ބުނި ގޮތުގައި، މި އަލިފާނުގައި މުޅި ގުދަން ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި ޕިކަޕަކަށާއި ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވޭ

މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ހާއްސަ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 9:57 ހާއިރު އެވެ. އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާ، ޕެސްޓިސައިޑްސް އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއް ވެސް ހުރި ތަނެއް ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި، މި އަލިފާންގަނޑު ރޭ 10:49 ހާއިރު ކޮންޓްރޯލްކުރެވުނަސް، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:58 ހާއިރެވެ.

ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ތަފްސީލް - ފުލުހުން މިއަދު ބުނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ،" ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި:

  • މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވޭ 

  • މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ 

  • އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި ޕިކަޕަކަށް އަދި ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވޭ

  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަމާ އެކު ވަނީ ވަގުތީ ބޯހިޔާވަކިން ފޯރުކޮށްދީފައި

ކޮމެންޓް (1)

ސިކުނޑި

19 މާރިޗު 2026
ދެން ކީއްކުރަން ރޯވި ގޮތެއް ބަލަނީ، ކެމިކަލް ގުދަންތައް ރޯވެ އެކަމަށް ސިޔާސަތު ކަނޑައަޅައި އުސޫލުތައް ހަދާތާ އެތައް ދުވަހެއްވެއްޖެ! ދެން ތަނުގެ ހާލަތު ބަލާފަ ފަޔަރުގެ އިންސްޕެކްޝަނަށްފަހު އާކުރާ ހުއްދައެއް ދޫކުރާކަށް ނުވޭތަ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް