19 ޟަޗް 2025: ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

އެންޑީއެމްއޭ

ކެމިކަލް ގުދަނުގައި ރޯވުން: އިވެކުއޭޝަން ސެންޓަރަށް 454 މީހުން

ބޯދުމުގެ އަސަރުކޮށްގެން އެ ސަރަހައްދުގައި ދިރިއުޅެމުންއައި ބައެއް އާއިލާތައް ވަގުތީ ގޮތުން އާއިލީ ގެތަކަށް ބަދަލުވިއިރު، ދުމުގެ އަސަރުކުރި 7 މީހަކަށް ހޮސްޕިޓަލުން ފަރުވާދީފައިވޭ

ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެތި ބަހައްޓާފައި ހުރި ޕްރައިމް ފާޓިލައިޒާސްގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކުރި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރޭ އަލިފާން ރޯވީ ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ އެވެ. 

މިއީ ޕްރައިމް ފާޓިލައިޒާސް ކުންފުނީގެ މައި ގުދަނެވެ. މި ގުދަނުގައި ބަހައްޓަނީ، އެނގިފައިވާ ގޮތުގައި، ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެއްޗެވެ.

ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ތަފްސީލު - އެންޑީއެމްއޭއިން ވަނީ އެ ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓަރުގައި އެމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ގާއިމްކޮށްފަ އެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާއާ ގުޅިގެން ރޭ ދަންވަރު 2:30އާ ހަމައަށް:

  • 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރި

  • އެއީ 69 އަންހެނުންނާއި 385 ފިރިހެނުން؛ އޭގެ ތެރޭގައި 203 ބިދޭސީ މަސައްކަތްތެރިން ވެސް ހިމެނޭ

  • ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީއިން ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައި

  • 280 ބިދޭސީންނާ އެމީހުންގެ ވެރިފަރާތުން ވަނީ ހަވާލުވެފައި؛ 20 ބިދޭސީއަކަށް ދިވެހި ރެޑް ކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދިން

ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

އޭގެ އިތުރުން އެންޑީއެމްއޭއިން ބުނި ގޮތުގައި ބައެއް އާއިލާތަކުން ވަނީ ވަގުތީ ގޮތުން އާއިލީ އެހެން ގޭގެއަށް ވެސް ބަދަލުވެފަ އެވެ.

އެގޮތަށް ފާހަގަކުރެވޭ 15 ގެއެއް ހުރިއިރު، އެ ހުރިހާ ގެތަކެއް ވެސް ހުސްކުރަން ޖެހުނީ، އެ އޮތޯރިޓީއިން ބުނި ގޮތުގައި ބޯދުމުގެ ސަބަބުންނެވެ.

މި ހާދިސާގައި އަސަރުކޮށްގެން ހަތް މީހަކަށް ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ. އެންޑީއެމްއޭއިން ބުނީ އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް