ބަންޑާރަ ނާއިބު އަހުމަދު އުޝާމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހިޔާލު ހޯދުމުގެ ވޯޓު ނަގަނީ ގާނޫނުއަސާސީއާ އެއްގޮތަށް: އޭޖީ އޮފީސް

އޭޖީ އޮފީހުން ބުނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލު އޮތީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތަށް ކަމަށް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ވީކިހިނެއް؟ ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.

އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި ވަނީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމަވައިފަ އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.

ރައީސްގެ ގަރާރުގައި، ފެންނަ ނުފެންނަ ވޯޓުގައި ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ:

  • "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

އެ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައީސްގެ ގަރާރުގައި، ހިނގަމުންދާ މަޖިލީހުގެ އުމުރު ކުރުކުރުމަށް ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ސުވާލުކޮށްފައި ނެތް ކަމަށެވެ.

ތަފްސީލް - އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާއި އެ ވޯޓު ނެގުމަށް ގާނޫނުން ތަސައްވުރުކުރާ އިޖުރާއަތާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ގެންދަނީ މިދިޔަ މަހުގެ 10ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްކަން ފާހަގަކޮށް، އޭޖީ އޮފީހުން ބުނިގޮތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ އޮތީ ދެ މަގުސަދެކެވެ. އެއީ:

  •  ރިޔާސީ އިންތިހާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން

  • ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެމްބަރުގައި ފެށޭ ގޮތަށް މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކޮށް ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރު ދުވަހަށް ވުރެ ކުރުކުރުން

ގާނޫނުއަސާސީން ރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ގާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތަކަކީ ރައްޔިތުންގެ ބަހެއް ނެތި، ތަސްދީގުކޮށް އަމަލުކުރަން ފެށޭނެ އިސްލާހުތަކެއް ނޫންކަން ފާހަގަކޮށް އޭޖީ އޮފީހުން ބުނީ:

  • ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައިވާ މާއްދާތަކެއް އިސްލާހުކުރާ ނަމަ، އެ ބިލެއް ތަސްދީގު ކުރަންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓު ދިން މީހުންގެ އަގުލަބިއްޔަތުން އެ އިސްލާހެއް ގެނައުމަށް ފެންނަ ކަމަށް ނިންމައިފި ނަމަ

  •  262 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ)

  • ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކުރުމަށް އިސްލާހުކުރާ މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ). ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށޭނީ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީގުކުރަން ފެންނަ ނަމަ

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ލާޒިމްކުރަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް އިސްލާހު ކުރުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓެއް ނެގުމަށް ކަމަށާއި އަދި އެކަން ކުރުމުގެ އިޖުރާއަތު ބަޔާންކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމަށެވެ.

އެ ސުވާލަކީ ގާނޫނުއަސާސީއަށް ގެންނަ އަށްވަނަ އިސްލާހުން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް ތައާރަފުކުރާ އުސޫލަށް އަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލެއް ކަމަށާއި ގާނޫނުއަސާސީން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުތު ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މިކަން މި ނޫން ގޮތަކަށް މާނަކުރުމަކީ ގާނޫނީ އަދި ދުސްތޫރީ އުސޫލުތަކާ ތައާރަޒުވާނެ ކަމެކެވެ،" އޭޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ގުޅުންހުރި - ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށާއި އެކަމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް މިއަދު ވަނީ ހުށަހަޅައިފަ އެވެ.


ކޮމެންޓް (3)

ސިކުނޑި

18 މާރިޗު 2026
ހުރިހާވެސް ތުރާލަކީ ޅެން ބަހުރުވައިން ހުރިހާ އެއްޗެއް ލިޔާތީ! ތިކަމުގައި އެންމެ ރަނގަޅުވީހީ: *މަޖިލީހަށް ފޮނުވުން *މަޖިލީހުގައި މަޝްވަރާކޮށް އާންމު ވޯޓަށް އެހުމަށް ރައީސަށް ހުށަހެޅުން. *ވޯޓު ނިމުމުން ތަސްދީގު ކުރަން ފޮނުވުން / އަނބުރާ ފޮނުވާލުން. މިވަރުގެ އާދައިގެ ކަމެއްގައި ތިޔަ ހަފުސްވަނީ ސަރުކާރެއް! ނާގާބިލުވީމާ އަހަރުމެންނަށް އަބަދުވެސް ހީވަނީ މަކަރާއި ހީލަތުން އުޅޭހެން! އެހެންތާ ވާނީވެސް މިސަރުކާރުއައީ ހުސް ގޮނޑިއެއް ދައްކައިގެން!
2 0

ތެފައާސާ.

18 މާރިޗު 2026
އޭޖީ މަނިކުފާނަށްވެސް ވަކާލާތު ކުރެވެން އޮންނާނީ އެންގެވި ކަމެއް އެންގެވި ވަގުތަކު އެންގެވި ގޮތަކަށް ނޫންތޯ؟
4 0

ކޮސް

18 މާރިޗު 2026
އޭޖީ ބުނާނެތަ ގޯހޭ!!! މީ ޕަޕެޓެއްނު. މާދަމާ އޭޖީ ބުނެފާނެ މުއިއްޒަކީ ރަސްކަލެކޭވެސް. ސަބަބަކީ ރަސްރަސްކަލުންގެ އަމުރު މައުރޫފާއި މުއިއްޒު އެއްގޮތްކަމުންނޭ..
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް