ބަންޑާރަ ނައިބު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ (ފޮޓޯ/ މަޖިލީސް)

އަހުމަދު އުޝާމް

ޖޭއެސްސީ އާއި މަޖިލިސް ބޮޑުނުވާނެ އިސްލާހު އޮތީ ފަހު މަރުހަލާގައި: އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް މިހެން ވިދާޅުވީ ޖޭއެސްސީ ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަ ބަދަލުތައް ބަހައްޓާފައި ހަމައެކަނި އިންތިހާބު ބާއްވާ ތާރީހުތައް ބަދަލުކުރަން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރަމުންދާތީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލަ ހައްލުކުރުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެއްފަހަރާ ގެނައުމުގެ ބަދަލުގައި ވަކިވަކި ތަންކޮޅު އިސްލާހުކޮށް މި ވަގުތަށް ހަމައެކަނި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން އުޅޭތީ ސަރުކާރުގެ ނިޔަތާ މެދު ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިތުރު ދެ އިސްލާހެއްގެ ވާހަކަ އުޝާމް ދެއްކެވީ، ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކާ ގުޅޭ ގޮތުން ސަރުކާރުގެ އެޖެންޑާ ސާފުކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއުދޫ ވިދާޅުވުމުން އޭނާއަށް ރައްދު ދެއްވަމުންނެވެ.

ސުއޫދު އިޝާރާތްކުރެއްވި ބައެއް ކަންކަމަކީ:

  • ދައުރަކަށް ފަހު ދައުރެއް މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަވެގެން ދިއުން

  • ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ފަދަ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން

  • ޖޭއެސްސީގައި ސިޔާސީ މީހުން ތިބުން

  • ސިޔާސީ މަގާމުތަކަށް ކޮންމެ ރައީސަކު ވެސް ހައްދެއް ނެތް މިންވަރަށް މީހުން އައްޔަން ކުރަމުން ދިއުން 

  •  މަޖިލީހުގެ މެޖޯރިޓީ 'ގަދަކަމުންް ހިފަހައްޓައިގެން' މެނުވީ ރައީސަކަށް ވެރިކަން ކުރަން ދަތިވާ މައްސަލަ ހައްލުކުރުން

ތަފްސީލް - ސުއޫދަށް ރައްދު ދެއްވަން އުޝާމް ކުރެއްވި ޕޯސްޓެއްގައި ފުރަތަމަ ވެސް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރި ކަމާއި، އެ ކަންކަން އިސްލާހުކުރަން ޖެހޭކަން އެއީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ.

އެ ކަންކަން ހައްލުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް ތިން އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އެއީ:

  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން

  • ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން

  • މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން

މި އިސްލާހުތަކުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުގެ މަސައްކަތް މި ވަގުތު ކުރިއަށް ގެންދަނީ އެއީ ފެންނަ ނުފެންނަ ވޯޓެއް ނަގަން ލާޒިމު އިސްލާހަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ގާނޫނުއަސާސީއަށް ދެން ގެންނަން ޖެހޭ އިސްލާހުތަކަކީ އެއަށް އަމަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައް ވެސް މާ ލަސްތަކެއް ނުވެ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ. މިހާރު ހިނގަމުން ދަނީ މި ކަމުގެ އެންމެ ފަހުގެ މަޝްވަރާތައް،" އުޝާމް ވިދާޅުވި އެވެ.

ސުއޫދު ފާހަގަކުރެއްވި ބައެއް އެހެން އިސްލާހުތަކާ ގުޅޭ ކަންކަމާ ގުޅޭ ގޮތުން އުޝާމް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެނގުން މުހިންމު - 11 ނޮވެމްބަރު 2024ގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގޮތުގައި ތިން ކަމަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގަސްތުކުރައްވާ ކަމަށެވެ. އެއީ:

  • ދެވަނަ ބުރެއް ބޭއްވުމަކާ ނުލައި ރައީސަކު އިންތިހާބުކުރުން

  • 11 ނޮވެމްބަރަށް ރިޔާސީ ދައުރު ފެށުން

  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން

ނަމަވެސް ހަމައެކަނި މައި ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީ އިސްލާހުކޮށް ފެންނަ ނުފެންނަ ވޯޓަކަށް ދާތީ، ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލުކުރުމުން ރައީސް ވިދާޅުވީ ދެވަނަ ބުރު އުވާލުން އަދި ދިރާސާކުރަމުންދާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް