ގާނޫނުއަސާސީ ފަސޭހައިން އިސްލާހުނުކުރެވޭ ގޮތް ހަދަން ޖެހޭ

ކުރީގެ އުއްތަމަ ފަނޑިޔާރު ގަބޫލުކުރައްވަނީ މިހާތަނަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުން ރަނގަޅު ހެޔޮ ބަދަލުތަކެއް ނާންނަ ކަމާއި އެ ބަދަލުތައް ގެނެސްފައި ވަނީ ގެންނަން ޖެހިގެން ނޫން ކަމަށް
16 ޖެނުއަރީ 2026
2

ސަރުކާރުން މިހާރު ވަނީ ދެ އިންތިހާބެއް އެއްކޮށްލުމަށް އަނެއްކާ ވެސް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފަ އެވެ. މީގެ ކުރިން ވެސް ޕާޓީން ވަކިކުރާ އަދި ވަކިވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ގޮޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ވަރަށް އަވަސް އިސްލާހެއް މި ސަރުކާރުން ވަނީ ގެނެސްފަ އެވެ. 

އެއްބަސްވެ ދެބަސްވަމައިގެ ހަތް ވަނަ އެޕިސޯޓްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މި ދެއްކެވީ އެހާ ފަސޭހައިން ގާނޫނުއަސާސީ އިސްލާހު ކުރެވޭ ގޮތަށް އޮތުމުން އޭގެ ނުރައްކަލެވެ.

އެއްބަސްވެ ދެބަސްވަމާގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވާހަކަ ދައްކަވަނީ

އަހުމަދު ދީދީ ގަބޫލުކުރައްވާ ގޮތުގައި ލިޔެވިފައިވާ ގާނޫނުއަސާސީއެއް އޮންނަ ގައުމުތަކުގައި ގާނޫނުއަސާސީ އެހާ ފަސޭހައިން އިސްލާހެއް ނުކުރެ އެވެ. އެއީ ވަރަށް މަދު ހާލަތްތަކެއްގައި ކުރާ ކަމެކެވެ. ރާއްޖޭގައި ވެސް އެމަގު ހަނިކުރަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެގޮތުން އޭނާ ހުށަހަޅުއްވާ ގޮތަކީ ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެންނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނޫން ގޮތަކަށް އެކަން ނުކުރެވޭ ގޮތަށް ބޭއްވުމެވެ. އަދި ގާނޫނުއަސާސީގެ އަސްލަށް ބަދަލު އަންނާނެ ފަދަ އިސްލާހުތައް ގެނައުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް ގެންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެތައް ޒަމާނަކަށް ކުރޭ. މިހާތަނަށް ގާނޫނު އަސާސީއަށް ގެނެސްފައި މިހިރަ ބަދަލުތަކަކީ އެ ބަދަލުތައް ގެންނަން ޖެހިގެން ރަނގަޅަށް ގެނެވިފައި ހުރި ބަދަލުތަކެއް ނޫން،" އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

'ދައުރު'ގެ އެއްބަސްވެ ދެބަސްވަމާ ވޮޑްކާސްޓް

އޭނާ ގާބޫލުކުރައްވާ ގޮތުގައި ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މި މަޖިލީހުން ޕާޓީ ބަދަލުކުރާ މެންބަރުންނާއި ޕާޓީން ވަކިކުރާ މެންބަރުން ގޮޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަކީ ގާނޫނުއަސާސީގެ އަސްލާ ހިލާފު އިސްލާހެކެވެ. އޭނާ ވިދާޅުވީ ރިޔާސީ ނިޒާމެއްގައި މެންބަރުން ޕާޓީ ބަދަލުކުރުމަކުން ވެރިކަން ހިންގުމަށް ހުރަހެއް ނޭޅެ އެވެ. އެއީ ބަރުލަމާނީ ނިޒާމުތަކުގައި އެގޮތަށް އޮންނަނީ ވެރިކަން ކުރާ ބާރާއި ގާނޫނު ހަދާ ބާރަކީ މަސްހުނި ބާރަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާސީ ނިޒާމެއްގައި ތިން ބާރު ވަކިވެފައި އޮންނައިރު އެއްބާރު އަނެއްބާރު މަސްހުނިވާކަށް ނުޖެހެ އެވެ. ގާނޫނު އަސާސީގެ އަސްލަކީ އެ ތިން ބާރުވަކިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު އަބްދުﷲ ދީދީ ގަބޫލުކުރައްވާ ގޮތުގައި ދެ އިންތިހާބު އެއްކޮށްލާ އިސްލާހަކީ ވެސް ގެންނަން ޖެހިގެން ހަރަދު ކުޑަކުރަން ޖެހޭތީ ގެންނަ އިސްލާހެއް ނޫނެވެ. ދެ އިންތިހާބު ވަކިން ބޭއްވުމުން އޭގެ ނުރައްކަލެއް މިހާރު ނުފެންނަ ކަމަށް ވެސް އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ. 

މިއީ ޝައުގުވެރި އިލްމީ ބަހުސެކެވެ. މި ބަހުސްގެ ތަފްސީލަށް ދިޔުމަށް، 'އެއްބަސްވެ ދެބަސްވަމާ' ބަލައިލާށެވެ.

ކޮމެންޓް (2)

މިނާ

20 ޖެނުއަރީ 2026
މިނާ ދައްކާ ވާހަކަ ކިހިނެތް ގަބުޅުކުރާނީ، މީނާ ބެންޗުގަ އިނދެގެން، މީނާ ތާއިދުކޮށްގެން، ޔާމީނުގެ ވެރިކަމުގައި، 11 މެންބަރުން އޭރުގައި ޕީ.ޕީ.އެމް އިން ވަކުވުމުން ގޮނޑިގެއްލޭގޮތަށް ހުކުމްކުރީ، މީ ފައްކާ... ބުނަން އޮތްއެތި ބޮޑުކަމުން ދެން ހުއްޓާލީ
1 1

ާދުރުމި

17 ޖެނުއަރީ 2026
ފުރަތަމަ ކުރަންވީ ކަމަކީ ރަގަަޅު ގއ އެއް ހަދަންވީ . ޤާނޫނީ ދާއިރާއިން އަލިފް ބާ ވެސް ނޭގޭ ފިލްމު ކުޅޭ މީހުންނާއި ރެފްރީންނާއި މުޒާހަރާ ތަކުގައި މަގުމަތީގައި ހަޅޭޖަހަމުން ދުވި މީހުން ހަދާފައި އޮތް ގއ އޮތީ ހަމަ އެކަނި މައުމޫނަށް ޖެއްސުން ކުރަން ހަދާފަ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް