ޕީއެސްއެމްގެ އެމްޑީ ޝަކީބް އަދި އެމްޑީޕީން މިއަދު ޕިއެސްއެމް ތެރޭގައި ކުރި އިހްތިޖާޖުގެ ތެރެއިން

އެމްޑީޕީ

ދައުލަތުގެ މީޑިއާއިން ސަރުކާރުގެ ކޮޅު އެކަނި ގެންނާތީ އެމްޑީޕީން އެމްޑީއާ ބައްދަލުކުރުމަށް އެދެފި

އެމްޑީއާ ބައްދަލުކުރުމަށް އެދި އިއްޔެ އެމްޑީޕީން ސިޓީ ފޮނުވިއިރު، މިއަދު އެކަމާ ގުޅިގެން އެޕާޓީގެ ޓީމެއް ޕީއެސްއެމްގެ އޮފީހަށް ގޮސްފައިި

އަންނަ މަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އިދިކޮޅުން ދެކޭ ގޮތް ނުގެނެސްދީ، ހަމައެކަނި ސަރުކާރުގެ ސްޓޭންޑް، ދައުލަތުގެ މީޑީއާ ޕީއެސްއެމްއިން ގެނެސްދޭތީ އެކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީބްއާ ބައްދަލުކުރުމަށް އިދިކޮޅު އެމްޑީޕީން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހު ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓަކީ، މިހާރު އޮތް މަޖިލީހުގެ މުއްދަތު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓެވެ. އެގޮތުން:

  • މި ވޯޓުގައި ސަރުކާރު ހިންގާ ޕީއެންސީގެ ސްޓޭންޑަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެ ވޯޓުގައި "އާނއެކޭ" ބުނުން؛ އިދިކޮޅު އެމްޑީޕީގެ ސްޓޭންޑަކީ، މި ވޯޓުގައި "ނޫނެކޭ" ބުނުން

  • ސަރުކާރުގެ ސްޓޭންޑް ޕްރޮމޯޓުކުރުމަށް ޕީއެސްއެމްއިން ދަނީ "ހޭލުން" ނަމުގައި ޕްރޮގްރާމެއް ގެނެސްދެމުން؛ މިހާތަނަށް ޕްރޮގްރާމްގެ ތިން އެޕިސޯޑެއް ގެނެސްދީފައިވާއިރު، މެހެމާނުންގެ ގޮތުގައި ބައިވެރިވެފައިވަނީ ސަރުކާރުގެ ސްޓޭންޑް ޕްެރޮޕޯޓު ކުރާ މީހުން

  • މިކަމާ ގުޅިގެން އެމްޑީޕީ އާއި ބައެއް އާންމުންގެ ކަންބޮޑުވުން ޕީއެސްއެމްއަށް މިދިޔަ ހަފްތާއިން ފެށިގެން ދަނީ އަމާޒުވަމުން

ތަފްސީލު - ޕީއެސްއެމްއިން އަމަލު ކުރަމުންދާ ގޮތުން ހަމަހަމަ ފުރުސަތު ނުލިބޭތީވެ ކަންބޮޑުވުން ފާޅުކޮށް، އެމްޑީ ޝަކީބްއާ ބައްދަލުކުރުމަށް އެދި މިއަދު އެމްޑީޕީގެ ޓީމެއް އެ އޮފީހަށް ދިޔަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ޝަކީބްއާ ބައްދަލުކުރުމަށް އެދި އިއްޔެ ރަސްމީކޮށް ސިޓީއެއްް ފޮނުވި އެވެ. އަދި މިއަދު އެކަމާ ގުޅިގެން މައުލުމާތު ސާފު ކުރަން ދިއުމުން، ޝަކީބް މާލޭގައި ނޫޅުއްވާ ކަމަށް ޕީއެސްއެމްގެ ރިސެޕްޝަނުން މައުލުމާތު ދިން ކަމަށް އެމްޑީޕީން ބުންޏެވެ. 

"އަޅުގަނޑުމެން މިހާރު މި އެދެނީ، ޝަކީބް ނޫނަސް ތަނުގެ އިސްވެރިޔަކާ ބައްދަލުކުރުމަށް...އަޅުގަނޑުމެން މި އެދެނީ ދެފަރާތުގެ ބަސް ޕީއެސްއެމް އިން ގެނައުމަށް. މިއީ ގައުމީ ކަމެއް. މިކަމާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރަން ޖެހޭ.،"  ސަކީބްއާ ބައްދަލުކުރުމަށް މިއަދު ޕިއެސްއެމްއަށް ދިޔަ އެމްޑީޕީގެ ޓީމްގައި ހިމެނޭ އެޕާޓީގެ ކުރީގެ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވި އެވެ.

އަލީ ނިޔާޒު ވިދާޅުވީ ޕިއެސްއެމްއިން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށް މިދިޔަ ހަފްތާގައި އެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންއާ ވެސް ހިއްސާ ކުރި ކަމަށެވެ. އޭގެ ފަހުން ހަފްތާއެއްވީއިރު ވެސް މިކަމަށް ހައްލެއް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަކީބް އަދި ޕީއެސްއެމްގެ އިސްވެރިޔަކާ މިއަދު އެމްޑީޕީގެ ޓީމަށް ބަދައްލުވެފައެއް ނުވެ އެވެ. އަދި ޕީއެސްއެމްގެ ރިސެޕްޝަންގައި ތިބެ، އެމްޑީޕީން ވަނީ ޝަކީބްގެ އިސްތިއުފާއެއް ވެސް ގޮވާފަ އެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (2)

އޮނަރަބްލް ޓިނު

16 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގައި ދައުލަތުގެ މީޑިޔާ އެއް ނުފެނާނެ ،މީޑިޔާ އޮންނާނީ ތަންދޮށުގައި ފިލައިގެން.
1 0

ތެފައާސާ.

16 މާރިޗު 2026
ވަޓް؟ ޕީއެސްއެމްއަކީ ދައުލަތުގެ މީޑިއާތަ؟ މިހާދުވަސްވީއިރު އަހަރެމެން ހީކޮށްގެންމިތިބެނީ އެއީ މުއިއްޒު ޓީވީގެ ގޮތްޕެއްކަމަށް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް