ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގެ ވީޑިއޯގެ ސްކްރީންޝޮޓެއް

ދިގުރަށު އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ 5 ބިދޭސީއަކު މަރުވެއްޖެ

ރޯވެފައިވަނީ 30އަކަށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަނެއްގައި؛ ބެލެވޭ ގޮތުގައި މިކަން ހިނގީ ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކްވެގެން

އދ. ދިގުރަށުގައި ބިދޭސީން މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ އަލިފާނުގެ ހާދިސާއެއްގައި ހިނގައި، ފަސް ބިދޭސީއަކު މަރުވެއްޖެ އެވެ. އަދި ދެ ބިދޭސީއަކު ވަރަށް ބޮޑަށް ފިހިގެން މާލެ ގެނެސް، ދަނީ ފަރުވާ ދެމުންނެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ރޭ ދަންވަރު 2 ޖަހާ އެހާކަންހާއިރު އެވެ.

ބުނީ ކީކޭ؟ - ފުލުހުން މީޑިއާ ގްރުޕުގައި ހިއްސާ ކުރި މެސެޖެއްގައި ބުނީ:

  • މި ހާދިސާގައި އަށް މިހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ

  • އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައި

  • އަނިޔާ ލިބުނު އަނެއް ތިން މީހުންގެ ތެރެއިން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވޭ

ފުލުހުން އިތުރަށް ބުނި ގޮތުގައި، މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވެ އެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ވެސް ހިމެނޭނެ އެވެ.

ކައުންސިލްގެ ބަސް - ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން 'ދައުރު'އަށް ވިދާޅުވީ، ރޯވި އެކޮމޮޑޭޝަން ބްލޮކްގައި ގާތްގަނޑަކަށް 30 މީހުން ދިރިއުޅެމުން ދިޔަ ކަމަށާއި މި ހާދިސާ ހިނގީ އޭގެ ތެރެއިން ބައެއް މީހުން ނިދާފައި ތިބި ވަގުތެއްގައި ކަމަށެވެ.

"މިހާތަނަށް ބެލެވޭ ގޮތުގައި މިކަން ހިނގާފައި ވަނީ، ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކްވެގެން... އެކަމަކު ކަން އަސްލުވީ ގޮތް އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު،" އުސްމާން ވިދާޅުވި އެވެ.

މަރުވި ފަސް މީހުންނަކީ ވެސް ބަންގަލަދޭޝަންގެ ފިރިހެނުންނެވެ. އަދި ފިހިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ތިން މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށް އުސްމާން ވިދާޅުވި އެވެ.

"ހާލު ސީރިއަސްވި ދެމީހުންނަށް މާލޭގައި ދަނީ ފަރުވާ ދެމުން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް