ޕީއެސްއެމްއަށް މީގެ ކުރިން ދެއްވި އިންޓަވިއެއްގައި އަމްރު ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ އަމްރު)

ހަނގުރާމައިގެ ހަގީގީ އަސަރު 6 މަސް ފަހުން ރާއްޖެއަށް ކުރާނެ؛ އަވަސް ފިޔަވަޅު މިހާރު އަޅަން ޖެހޭ: އަމްރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން އެއަށް ދައުލަތުން ކުރަން ޖެހޭ ހަރަދު ބޮޑުވެ، އޭގެ އަސަރު ރިޒާވްއަށް ކުރާނެކަން އަމްރު ފާހަގަ ކުރެއްވި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މާލީ ގޮތުން ރާއްޖެއަށް ކުރިމަތިވާނެ ގޮންޖެހުންތަކުގެ ހަގީގީ އަސަރު ކުރާނީ ހަ މަހެއްހާ ދުވަސް ފަހުން ކަމަށާއި މި ލިބޭ ވަގުތުކޮޅުގައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ އަމްރު މިގޮތަށް ވިދާޅުވީ، މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި އަމްރު ވަނީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ މާލީ ހުރަސްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރާއްޖެއަށް އެތެރެ ކުރާ ތެލަށް [އެސްޓީއޯއިން] ފައިސާ ދައްކަން މި ޖެހެނީ ހައެއްކަ މަސް ފަހުން. މާނައަކީ މިހާރު ދައްކަމުން މިދަނީ މީގެ ހައެއްކަ މަސް ކުރިން އެތެރެކޮށްފައިވާ ތެލުގެ ފައިސާ. އެހެންވީމަ އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ލިބޭ ވަގުތުކޮޅެއް ކަންކަން ރަނގަޅު ކުރަން.

ހުސައިން އަމްރު/އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު

ތަފްސީލު - އަމްރު ވިދާޅުވީ، މިއީ ރާއްޖެއާ ފުދޭ ވަރަކަށް ދުރުގައި ކުރާ ހަނގުރާމައެއް ނަމަވެސް މިކަމުގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ކުރަމުންދާ ކަމަށެވެ. އަދިވެސް ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާއިރު، މިކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރާއްޖެ ކަހަލަ ކުޑަ އިގްތިސާދަކަށް މިއީ ދުރުގައި ހިނގާ ހަނގުރާމައެއް ނޫން. ހަގީގަތުގައި މިއީ އަޅުގަނޑުމެންގެ ކަނޑުއޮޅީގައި ކުރާ ހަނގުރާމައެއް ކަމަށް ބޮޑަށް ގަބޫލު ކުރެވެނީ. އެއީ، ރާއްޖޭގެ އިގްތިސާދަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ،" އަމްރު ވިދާޅުވި އެވި އެވެ.

އެގޮތުން، އަމްރު ވިދާޅުވީ:

  • ތެލުގެ އަގު މިވަގުތަށް ދަށްވި ނަމަވެސް މީގެ ދެ ދުވަސް ކުރިން 120 ޑޮލަރާ ހަމައަށް އެރި؛ ފަހުގެ ތާރީހެއްގައި މިހާ ބޮޑަށް ތެލުގެ އަގު އުފުލިފައެއްނުވޭ

  • ރާއްޖެއަކީ ވަރަށް ބޮޑަށް ބޭރުން ތެޔޮ ގެނައުމަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު،  ތެޔޮ އަގުބޮޑުވުމުގެ ސަބަބުން މީގެ ކުރިން ތެޔޮ ގަންނަން ބޭރު ކުރާ ޑޮލަރު ދެން އިތުރު ވެގެންދާނެ 

  • އޭގެ އިތުރުން، ކަރަންޓު އުފެއްދުމަށް ކުރާ ހަރަދު ވެސް ބޮޑު ވެގެންދާނެ. މަސްވެރިން ޑީސެލް އަދި ރާއްޖޭ އާއި ރާއްޖެއިން ބޭރުން މުދާ އުފުލުމާއި ދަތުރުފަތުރު ހަރަދު ބޮޑުވެގެންދާނެ. އެއާ އެކު ނަތީޖާއެއްގެ ގޮތުން ދިރުއުޅުމުގެ އަގު އުފުލިގެން ދިޔައީ

"ތެލުގެ އަގު %10އަށް އުފުލުނަސް، އޭގެ މާނައަކީ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ރާއްޖެއިން ބޭރުވެގެން އެބަދޭ. ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑުވެގެން. އެހެންވީމަ، ރިޒާވްއަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރޭ،" އަމްރު ވިދާޅުވި އެވެ.

"މިސާލަކަށް ހަނގުރާމައިގެ ކުރިން ސަރުކާރުން މި ބުނަނީ ދެ މަސްދުވަހުގެ ރިޒާވް އެބަހުއްޓޭ. އެކަމަކު އެ އަދަދު އެއީ އޭރު ހުރި ތެލުގެ އަގަށް ބަލައި ޑޮލަރު ބޭރުވާނެ އަދަދަށް ބަލައިގެން. އެކަމަކު ކުއްލިއަކަށް ތެލުގެ އަގު ދެގުނަ ބޮޑުވުމީ، އޭގެ މާނައަކީ ދެ މަސް ދުވަހުގެ ރިޒާވް އެ ބަދަލުވީ ވަގުތުން އެއް މަހަށް."

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވާހަކަ ދައްކަވަނީ

އެއާ އެކު، އޭނާ ވިދާޅުވީ، ތެޔޮ އަގު ބޮޑުވުމުގެ މައްސަލައަށް ވުރެ ހަގީގީ މައްސަލައަކީ ރާއްޖެއަށް އަސާސީ ކަންކަމަށާއި ދަރަނި ދެއްކުމަށް ބޭނުންވާ ޑޮލަރު ނުލިބިގެން ދެން ދިމާވެދާނެ ކަންތަކެވެ. އަދި ރާއްޖެއަށް ވަންނަ ޑޮލަރުގެ %80އަކީ ފަތުރުވެރިކަމުގެ ދާއިރާއިން ވަންނަ ފައިސާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ވަރަށް ބޮޑު އަސަރެއް ހަނގުރާމައިގެ ސަބަބުން ކުރަމުންދާ ކަމަށެވެ.  

"އެންމެ ބޮޑު ކަންބޮޑުވުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެގެން ދިއުން. އަދި އޭގެ ސަބަބުން އިމްޕޯޓަށް ކުރަން ޖެހޭ ހަރަދު ޑޮލަރު އިތުރުވެގެން ދިއުން. އެއާ އެކު ދިރިއުޅުމުގެ އާންމު ހަރަދު އިންތިހާއަށް ރައްޔިތުންނަށް ބޮޑު ވެގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އަމްރު 'ދައުރު'އަށް ދެއްވި އިންޓަވިއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އަމްރު ވިދާޅުވި، މިވަގުތު ސަރުކާރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކުރަންވީ ކަމަކީ، ވަގުތުން ވަގުތަށް ފިޔަވަޅުތައް އެޅުން ކަމަށެވެ. އެހެން ނޫނީ ފަހުން ކުރިމަތިވާނެ ގޮންޖެހުން ބޮޑުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރާއްޖެއަށް އެތެރެ ކުރާ ތެލަށް [އެސްޓީއޯއިން] ފައިސާ ދައްކަން މި ޖެހެނީ ހައެއްކަ މަސް ފަހުން. މާނައަކީ މިހާރު ދައްކަމުން މިދަނީ މީގެ ހައެއްކަ މަސް ކުރިން އެތެރެކޮށްފައިވާ ތެލުގެ ފައިސާ. އެހެންވީމަ އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ލިބޭ ވަގުތުކޮޅެއް ކަންކަން ރަނގަޅު ކުރަން،" އަމްރު ވިދާޅުވި އެވެ.

"އެހެންވީމަ، ކުރު މުއްދަތުގައި ހަނގުރާމަ ހުއްޓާލިޔަސް، މީގެ އަސަރު އަޅުގަނޑުމެންނަށް ފަހުން އެބަ ކުރޭ."

އޭގެ އިތުރުން އަމްރު ފާހަގަ ކުރެއްވި ގޮތުގައި، ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ، އަދި އޭގެ ނުރައްކާތައް މާ ބޮޑު ވާނެ އެވެ. އެހެންވީމަ، މި ލިބޭ ހަ މަސްދުވަހުގެ މުއްދަތުގައި އެ އަންނަ ހުރަސްތަކެއް ތައްޔާރުވެ، އެކަށީގެންވާ އަވަސް ފިޔަވަޅުތައް އެޅުމަށް އޭނާ ގޮވާލެއްވި އެވެ. އަދި މިވާ ގޮތާއި ސަރުކާރުގެ ޕްލޭނަކީ ކޮބައިކަން ސާފުކޮށް ފޮރުވުމެއް ނެތި އާންމުނަަށް ކިޔައިދެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި އިގްތިސާދުތައް ހުރި ގައުމުތަކުން މިިހާރު ވެސް ފިޔަވަޅުތައް އަޅަން ފަށާފައިވާކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ، ރާއްޖެއިން އެކަން ކުރާ ތަން އަދި ނުފެންނަ ކަމަށެވެ. އެއީ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް (2)

ދޯސް ޑޭސް އާ ގޯން

12 މާރިޗު 2026
ނާސިރަށްފަހު ޑައިވާސް އިކޮނޮމީއެއް އުފައްދަން އެނގުނު އެއްވެސް ވެރިއެއް މިގައުމަށް ނާދޭ. އެއްމެންވެސް ކުރި ކަމަކީ ނާސިރު އުފެއްދި ޓުއަރިޒަމް އިންޑަސްޓްރީއަށް އެކަނި ބަރޯސާވެ އިގްތިސާދު ކުރިއަރުވަނީއޭ ކިޔާފަ ހެސްކިޔާފަ ފުލުފުލުގަ ރަށްތައް ދިނީ، އިތުރު އެއްވެސް ކަމެއް ނުކުރޭ އިގްތިސާދު ކުރިއަރުވަން. ނުވިތާކަށް އޭނަ ފެށި އެހެންކަންތައް ފުނޑާލީ ގަސްދުގަ ނޫނީ ކުރިއަރުވަން ނޭނގިގެން. ޝިޕިން ފުނޑާލީ، ފެލިވަރު އެއޮތް ގޮތަށް އޮވެ އެ ފުނޑެނީ.
1 0

ހޯގުޅާ

11 މާރިޗު 2026
މިދެން މާމޮޅު އިކޮނޮމިސްޓެއް. ފެއިލް ވެފަ ތިބި މީހުން ތީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް