މަޑަވެލީގެ ބިން ހިއްކުމުގެ މަޝްރޫއޫގެ ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ އެމްޓީސީސީ)

ގދ. މަޑަވެލި

މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރަން 175 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މި މަޝްރޫއޫގެ ދަށުން 19.17 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނޭ

ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފޭސް 2ގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޖުމްލަ 400 ދުވަސް ތެރޭ ނިންމުމަށް މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގަ އެވެ.

ތަފްސީލު - މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:

  • މަޝްރޫއޫގެ އަގަކީ 175 މިލިއަން ރުފިޔާ

  • ޖުމްލަ 19.17 ހެކްޓަރުގެ ބިން ހިއްކާނެ

  • 1،645 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭ

  • 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ

ގާތްގަނޑަކަށް 2،000އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަޑަވެއްޔަކީ ޒާމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށެއް ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މި މަޝްރޫއު ނިމުމާ އެކު، ރަށުގެ ބިން އިތުރުވެ، ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީން ބުންޏެވެ.

އޭގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާ އެކު، އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް