ކުރީގެ ރައީސް ނަޝީދު
ހަނގުރާމައިގެ އަސަރު އިންޑިއާ ކަނޑަށް ކުރާތީ ކަންބޮޑުވޭ: ނަޝީދު
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު އިންޑިއާ ކަނޑަށް ވެސް ކުރަމުންދާ ކަމަށާއި އުއްމީދަކީ އެ ހަނގުރާމައިގެ ތެރެއަށް މި ސަރަހައްދު ނުވެއްދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެދުއިރުމަތީގެ ހަަމަނުޖެހުންތަކާއި ހަނގުރާމައާ ގުޅޭ ގޮތުން އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގަައި ނަޝީދު ވިދާޅުވީ މެދުއިރުމަތީގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ހަމަނުޖެހުންތަކުގެ ގެއްލުމާއި އަސަރު ކުރާ ގިނަ ގައުމުތަކުން އެ ހަމަނުޖެހުންތަކުގެ ތެރެއަށް ވަންނަން ވެސް ބޭނުން ނުވާ ކަމަށެވެ.
ތަފްސީލް - ސްރީ ލަންކާ ކައިރިން، އެމެރިކާގެ ސަބްމެރިންއަކުން ދިން ހަމަލާއެއްގައި އީރާނުގެ 'އައިއާރުއައިއެސް ދޭނާ' މަނަވަރު ފައްތާލާފައި ވަނިކޮށް ނަޝީދު ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު އިންޑިއާ ކަނޑަށް ވެސް ކުރާ ތަން ފެންނަން ފަށާފައިވާ ކަމަށެވެ.
"މިއީ ވަރަށް ކަންބޮޑުވާ ކަމެއް. މި ސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓާ އެންމެ ބޮޑު ގައުމުގެ ހައިސިއްޔަތުން އިންޑިއާ އިން އެ ކަމަށް ސަމާލުވާނެކަން ޔަގީން. މީގެ އިތުރުން، ހާލުގައި ޖެހުނު މަނަވަރުތަކަށް ލަންކާ އިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ހިތްހަމަޖެހުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ހަމަނުޖެހުންތަކުގެ ތެރެއިން އިންޑިއާ ކަނޑގެ ގައުމުތައް ނުވެއްދުމަކީ އުއްމީދު ކަމަށެވެ. މިއީ އުނދަގޫ ދަނޑިވަޅެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މިއީ އިޒްރޭލުން ފެށި ހަނގުރާމައެއް ކަމަށާއި މި ހަނގުރާމައިގެ ތެރެއަށް އެހެން ގައުމުތައް ވައްދަނީ ވެސް އިޒްރޭލުން ކަމަށެވެ.
"މިކަން މިގޮތަށް ހިނގާ ތަން ބަލާކަން ބޭނުމެއް ނޫން. އުއްމީދަކީ އިޒްރޭލަށް އަދި އެކެރިކއަށް ވެސް ވިސްނޭނެ ކަމަށް. އަދި މި ސަރަހައްދުގެ ގައުމުތައް މިކަމުގެ ތެރެއަށް ނުވައްދާނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
We don’t want the war spilling over into our waters. I think it’s worrying that this war is coming home for us. India is the net security provider in the region and we are confident that India will rise to the occasion. pic.twitter.com/P1cYQotDIg
— Mohamed Nasheed (@MohamedNasheed) March 6, 2026
މި މައްސަލާގައި އިންޑިއާގެ ޕީޓީއައިއާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މި ހަނގުރާމައަކީ އިންޑިއާ ކަނޑުގެ ހަނގުރާމައެއް ނޫން ކަމަށާއި މި ހަނގުރާމައިގެ ހަމަނުޖެހުންތައް މި ސަރަހައްދުގައި ވެސް ކުރިއަށް ގެންދިއުން ބަލައިނުގަނެވޭ ކަމަށެވެ.
އީރާނުގެ މަނަވަރަކަށް އެމެރިކާ އިން ހަމަލާދީ ފައްތާލާފައިވާއިރު، އިތުރު މަނަވަރެއް ލަންކާގައި މިހާރު އޮތީ ބަނދަރުކޮށްފަ އެވެ. އެ ދެ މަނަވަރަށް ވެސް ލަންކާ އިން އެހީތެރިކަން ފޯރުކޮށްދިނެވެ.
ނަޝީދު ވިދާޅުވީ ލަންކާ އާއި ރާއްޖެ އަދި އިންޑިއާއަކީ ވެސް ހުރިހާ ގައުމަކާ އެކު ގުޅުން ބަދަހިކުރާ ގައުމުތައް ކަމަށާއި ވަކި ގައުމަކާ ދެކޮޅަށް ތެދުވަން މި ގައުމުތަކުން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނާ މިކަންތައް ނުބައްސާ ދޫކޮށްލާ. އިންޑިއާ ކަނޑުގައި ހަމަނުޖެހުންތައް ނުހިންގާ،" ނަޝީދު ގޮވާލެއްވި އެވެ.
It's possible to build peaceful and democratic political structures, especially political parties that can transfer power through the ballot. We don't need wars to do that. pic.twitter.com/aAUEldq532
— Mohamed Nasheed (@MohamedNasheed) March 6, 2026