ދަރިވަރުންގެ ގްރެޖުއޭޝަން ރަސްމިއްޔާތެއްގެ ތެރެއިން: މަތީ ތައުލީމުގެ ލޯނަށް ފަސޭހަތަކެއް މިހާރު ވަނީ ގެނެސްފައި (ދައުރު ފޮޓޯ)

މަތީ ތައުލީމު

މުޅި އަހަރު ލޯނަށް ހުށަހެޅޭ ގޮތަށް ސްޓޫޑެންޓް ލޯނު ހުޅުވާލަނީ

ދަރިވަރުން ލޯނަށް ހުށަހަޅަން ޖެހޭއިރު ހުށަހަޅަން ޖެހޭ ލިޔުންތަކަށް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފައި

އެންމެ ލަސް މުއްދަތު ނުވަތަ ޑެޑްލައިނެއް ނެތް ގޮތަށް، މުޅި އަހަރު ވެސް ލޯނަށް ހުށަހެޅޭ ގޮތަށް ސްޓޫޑެންޓް ލޯނު ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން މިހާތަނަށް ކޮންމެ އަހަރަކު ވެސް މި ލޯނު ދެނީ ޑެޑްލައިނަކާ އެކު އެވެ. މުއްދަތު ހަމަވާ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ބަލައެއް ނުގަނެ އެވެ. އެކަމަކު މި އުސޫލު ބަދަލުކުރާ ގޮތަށް ނިންމާފައިވާކަން ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ޑެޑްލައިނެއް ކަނޑައަޅާފައިވާތީ، އެ މުއްދަތުގައި ބައެއް ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅޭ ގޮތް ނުވެ، ލޯނު ލިބޭގޮތް ނުވާ ކަމަށެވެ. އެހެންވެ، އެކަން ހައްލު ކުރުމުގެ ގޮތުން މިއަހަރުން ފެށިގެން ދެން ލޯނު ދޫކުރާނީ ޑެޑްލައިނެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އީދު ބަންދުގެ ފަހުން ލޯނަށް ހުޅުވާލާނެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އާ ބަދަލާ އެކު، ލޯނަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް ވެސް މިހާރު ތަފާތެވެ. އެގޮތުން:

  • އަވަހަށް ކިޔައިދޭން ފެށުން ނުވަތަ ކުރު މުއްދަތެއްގެ ތެރޭގައި ކިޔެވުން ފެށުމަށް ކިޔަވައިދޭ މަރުކަޒަކުން ދޫކޮށްފައި އޮންނަ ޕްލޭސްމެންޓް ލެޓާ

  • ކޯހުގެ ފީގެ މައުލޫމާތު؛ މީގެ ތެރޭގައި ލޯނު ސްކީމުގައި ނުހިމެނޭ ގައުމެއް ނަމަވެސް އެ އިންސްޓިޓިއުޓެއްގައި ކޯހުގެ ފީ ސްޓްރަކްޗަށް ހުށަހަޅަން ޖެހޭނެ

  • ކޯހުގެ ސައްހަކަން ދެނެގަތުމަށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޭ 'އިންޓެންޑެޑް ޕްރޮގްރާމް ރެކޮގްނިޝަން ލެޓާ' 

މިނިސްޓަރު ވިދާޅުވީ މި ގެނައި ބަދަލުތަކުގެ ސަބަބުން ދަރިވަރުންނަށް ލޯނު ލިބުމުގައި އަވަސްވެ، ފަސޭހަވާނެ ކަމަށެވެ.

އެނގުން މުހިއްމު - ދަރިވަރުންގެ މަތީ ތައުލީމަށް، ސަރުކާރުން ކޮންމެ އަހަރު ވެސް ބޮޑު ހަރަދެއް ކުރެ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް، އެކި ސްކޮލަޝިޕްތަކުގައި ކިޔެވުމަށް 222 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 2024 އިން 2025އާ ހަމައަށް: 

  • ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް 471 މިލިއަން ރުފިޔާ ދޫކުރި

  • މިދިޔަ އަހަރު އެކަނި ވެސް ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް 222 މިލިއަން ރުފިޔާ ދޫކޮށްފައިވޭ

  • ލޯނު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް 1.2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައި

  • މިދިޔަ އަހަރު އެކަނި ވެސް 548 މިލިއަން ރުފިޔާ ލޯނު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް