ބ. ގޮއިދޫ

ބ. ގޮއިދޫ

ގޮއިދޫގައި ކެންސަރު ގިނަވާތީ ދަނޑުތަކުގެ ދިރާސާއެއް ހަދަނީ

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ގޮއިދޫގައި ކެންސަރު ބަލި އިތުރުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ރަށުގެ އާންމު ރައްޔިތަކު ވަނީ ހެލްތު މިނިސްޓަރަށް ސިޓީއެއް ފޮނުވާ، ކަންބޮޑުވުންތައް ހިއްސާކޮށްފައި

ބ. ގޮއިދޫގައި ކެންސަރު ބަލި ގިނަވާތީ އެ ރަށުގެ ދަނޑުތަކުގައި ބޭނުންކުރާ ޕެސްޓިސައިޑްސްގެ ދިރާސާތައް ކުރިއަށް ގެންގޮސް އެ ރަށުގައި ބަލި އިތުރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އެ ދިރާސާތައް ކުރިއަށް ގެންދަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަމަށާއި އެ އިދާރާއަށް އެގްރިކަލްޗާ މިނިސްޓްރީން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - "އިރާދަ ކުރެއްވިއްޔާ އަވަސް ހައްލެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ގޮއިދޫގައި ކެންސަރު ބަލި އިތުރުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ރަށުގެ އާންމު ރައްޔިތަކު ވަނީ ހެލްތު މިނިސްޓަރަށް ސިޓީއެއް ފޮނުވާ، ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އެގޮތުން އެ ރަށަކީ އާބާދީ ކުޑަ ރަށެއް ނަމަވެސް ދިރިއުޅުމުގެ ވައްޓަފާލީގައި ސިއްހަތަށް ގެއްލުން ހުރި އާދަތައް ގެންގުޅޭ މީހުން ގިނަ ރަށެއްކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ރަށުގެ ދަނޑުބިންތަކުގެ %95 ބިދޭސިންގެ އަތްމައްޗަށް ދޫކޮށްލާފައިކަަމަށާއި އެ ތަންތަނުގައި ހައްދާ ތަރުކާރީ އާއި މޭވާއަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާ މިންވަރަކަށް ޕެސްޓިސައިޑްސް ބޭނުންކޮށްގެން ހައްދާ ތަކެތި ކަމަށް ބުނެފައިވެ އެވެ.

އެ ސިޓީގައި، ގޮއިދޫގެ ދަނޑުތަކުގައި ޕެސްޓިސައިޑްސް ބޭނުންކުރާ ގޮތުގެ އިންސްޕެކްޝަނެއް ހަދައިދިނުމަށް ވެސް އެދިފައިވެ އެވެ.

އެގްރިކަލްޗާ މިނިސްޓަރު ވިދާޅުވީ ޕެސްޓިސައިޑްސް ގާނޫނެއް އޮތްނަމަވެސް އެކަމާ ގުޅޭ ޕޮލިސީއެއް މިހާތަނަށް ނެތް ކަމަށާއި ޕެސްޓިސައިޑްސްއާ ގުޅޭ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާ، ވަރަށް އަވަހަށް އެ ޕޮލިސީ ވެސް ތަންފީޒު ކުރެވެން ފަށާނެ ކަމަށެވެ.

ކޮމެންޓް (2)

ޢަލިބެ

3 މާރިޗު 2026
ކެނސަރ ސިސައިޓީގައި އަހާލަނވީނު، ހުރިހާ މައުލޫމާތެއް ލިބޭނެ.
0 0

ނޯލައިން

5 މާރިޗު 2026
@ޢަލިބެ ކެންސަރ ސޮސައިޓީއަށް އެނގޭނީ މިހާރުވެސ އެނގޭ އެއްޗެއް، މިނިސްޓަރު އެބުނަނީ މުޅިން އެހެން ރިސަރޗް އެއްގެ ވާހަކަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް