ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތަކުން ވެއްޓުނު ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކުގައި މަރުވި ރައުޝަން ޖިއާން: ޖިއާންގެ އާއިލާއަށް ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ނަގައިދޭން ސިވިލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައި، (ފޮޓޯ/ ފަރުޒާނާ ހުސައިން، ފޭސްބުކް)

ޖިއާންގެ މަރު

ޖިއާންގެ އާއިލާއަށް ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ނަގައިދޭން ހުކުމްކޮށްފި

އާއިލާއިން އެދުނީ 17.4 މިލިއަންގެ ބަދަލަކަށް. ކޯޓުން ބުނީ އެވަރު ނަގައިނުދެވޭނެ ކަމަށް.
31 އޯގަސްޓު 2021

ދުވާރުމަތިން ހިނގާފައި ދަނިކޮށް، އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، އުމުރުން އަށް އަހަރުގެ ރައުޝަން ޖިއާން މަރުވެ އޭނާގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން 4.5 މިލިއަން ރުފިޔާ ނަގައިދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.  

ވީ ކިހިނެއް؟ - ބަންގްލަދޭޝަށް ނިސްބަތްވާ ޖިއާން މަރުވި ހާދިސާ ހިނގި މަންޒަރު ލޮލަށް ފެނުނު އޭނާގެ މައިންބަފައިންނަށް ލިބިފައިވާ، ލިބެމުންދާ އަދި ލިބޭނެ މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު، ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2019 ގަ އެވެ.

ތަފްސީލް - ޖިއާންގެ މައިންބަފައިންގެ ފަރާތުން ކޯޓުގައި އެދުނީ، އެ ހާދިސާގެ ސަބަބުން އެ ދެމަފިރިންނަށް ލިބުނު މާލީ އަދި ނަފްސާނީ ގެއްލުންތަކުގެ ބަދަލަށް، ޖުމްލަ 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. އެގޮތުން ހޯދުމަށް އެދިފައިވަނީ:

  • 1-

    ޖިއާންގެ ބޭސްފަރުވާއަށް ހިނގި ހަރަދު 

  • 2-

    އާމްދަނީ ގެއްލުމުގެ ބަދަލު 

  • 3-

    ޖިއާންގެ މައިންބަފައިންގެ ފަރުވާއަށް ހިނގި ހަރަދު

  • 4-

    ނަފްސާނީ ގެއްލުން

  • 5-

    ޖިއާންގެ މަރުގެ ސަބަބުން ދެމަފިރިންނަށް ލިބެމުންދިޔަ ލޯބިން މަހްރޫމުވުމުގެ ބަދަލު

ބުނީ ކީކޭ؟ - ދައުވާއަށް ޖަވާބުދެމުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ބުނީ، ޖިއާންގެ މައިންބަފައިންގެ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލަކީ ނަގައިދެވޭނެ ބަދަލެއް ނޫން ކަމަށެވެ. އަދި ޖިއާންގެ މަރުގައި އެ ކުންފުނީގެ އިހުމާލެއް ނެތް ކަމަށެވެ.

ނަމަވެސް ޖިއާން މަރުވި ހާދިސާގައި އެ ކުންފުނީގެ މުވައްޒަފުންގެ އިހުމާލު އޮތްކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ސިވިލް ކޯޓުން ބުނީ، އެ ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު، ޖިއާންގެ މަރުވުމުގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ނަފްސާނީ ގޮތުންނާއި މާލީގޮތުން ގެއްލުން ލިބިފައިވާކަން އެނގޭ ކަމަށެވެ. އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންގެ އަމަލުތަކުގެ ސަބަބުން ޖިއާން މަރުވެފައިވާތީ އެކަމުގެ މަސްއޫލިއްޔަތު އެކުންފުނިން އުފުލަންޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންގެ އިހުމާލުން ޖިއާނަށް ލިބުނު އަނިޔާއަށް ފަރުވާ ކުރުމަށް 42،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ހިނގިކަން އައިޖީއެމްއެޗް އިން ފޮނުވި އިންވޮއިސްތަކުން އެނގޭ ކަމަށާއި އަދި އެއީ އެކުންފުނީގެ ފަރާތުން ނަގައިދެވޭނެ ބަދަލެއް ކަމަށެވެ.

ހަމައެއާ އެކު، ޖިއާންގެ މަންމަގެ އާމްދަނީއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދެވިދާނެ ކަމަށާއި ނަމަވެސް ޖިއާންގެ މަރުގެ ސަބަބުން، އޭނާގެ ބައްޕަ ރާއްޖޭގައި ހުންނަންޖެހި، އޭނާ ބަންގްލަދޭޝްގައި ހިންގާ ވިޔަފާރިއަށް ގެއްލުންވި ކަމަށް ސާބިތު ނުވާކަމަށް ހުކުމްގައިވެ އެވެ.

ފިލިއަލް ކޮންސޯޓިއަމް ނުވަތަ ޖިއާންގެ މަރުގެ ސަބަބުން ދެމަފިރިންނަށް ލިބެމުންދިޔަ ލޯބިން މަހްރޫމުވުމުގެ ބަދަލުގެ ގޮތުގައި 3 މިލިއަން ރުފިޔާ ހޯދަން ދެމަފިރިން އެދުނު ނަމަވެސް އެ މިންވަރަށް ބަދަލުނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އެދިފައިވާ އަދަދުގެ ތިންބައިކުޅަ އެއްބަޔަށްވާ، 1 މިލިއަން ރުފިޔާއަކީ ބަދަލުގެ ގޮތުގައި ނަގައިދެވިދާނެ މުނާސަބު އަދަދެއް ކަމަށް ކޯޓުން ބުންޏެވެ.

ޖިއާންގެ މައިންބަފައިންގެ ސައިކޯތެރަޕީއަށް ހަރަދުވި ފައިސާގެ ގޮތުގައި 65،000 ރުފިޔާ ހޯދަން އެދުނު ނަމަވެސް، ފަރުވާ ހޯދިކަން ސާބިތުވާނެ ހެކި ހުށަހަޅާފައި ނުވާތީ އެ ފައިސާ ނަގައިދެވެން ނެތްކަމަށް ކޯޓުން ބުންޏެވެ. އޭގެ އިތުރުން ޖިއާންގެ މަރުގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ލިބިފައިވާ ހިތްދަތިކަމާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.1 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދެވިދާނެ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެހެންކަމުން، ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންގެ ސަބަބުން ޖިއާން މަރުވެ، އޭނާގެ މައިންބަފައިންނަށް ލިބިފައިވާ މާލީ އަދި ނަފްސާނީ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު އެ ކުންފުނިން އުފުލަންޖެހޭނެ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ، ދެ މަސް ދުވަހުގެ ތެރޭގައި ޖިއާންގެ އާއިލާއަށް ދައްކައި ހަލާސްކުރުމަށް ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗައް ވަނީ އަމުރުކޮށްފަ އެވެ.

މައްސަލައިގެ ފުނަށް - ޖިއާން 16 ޑިސެމްބަރު 2018ގައި މަރުވީ، ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ މ. ނަލަހިޔާމަންޒިލުން ދުވާރު މައްޗަށް ވާގޮތަށް ވެއްޓުނު ބަސްތާއަކުން ޖެހުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާހޯދަމުން ދަނިކޮށް، އޭގެ މަސް ދުވަސް ފަހުންނެވެ. 

ހާދިސާ ހިނގި ވަގުތު، އެ ކުންފުނިން މަސައްކަތް ކުރަމުން ދިޔައީ ގަވާއިދާ އެއްގޮތަށް ބަހައްޓަންޖެހޭ ބޯޑުތައް ނުބަހައްޓަ އެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި، އެ ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާގެ ހަތަރު ބިދޭސީންނަށާއި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށް ދައުވާކުރި އެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމްޑީ އާދަމް ޝަފީގު ފިޔަވައި އެހެން މީހުންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް