ރައީސް މުހައްމަދު މުއިއްަޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު އުވާލުން އަދި ދަނީ ދިރާސާކުރަމުން: ރައީސް

ކައުންސިލް އިންތިހާބާ އެކު މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓު ގެންދަން ނިންމި އިރު، މީގެ ކުރިން ސަރުކާރުން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާއި ރިޔާސީ ދައުރު ފެށޭ ތާރީހު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވާހަކަ ދައްކާފައި

ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރު އުވާލުމުގެ މަސައްކަތް އަދި ދަނީ ދިރާސާކުރަމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ފާސްކޮށްފަ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އެ ގޮތުން:

  • މިދިޔަ މަހު 16ގައި ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށް

  • ފެންނަ ނުފެންނަ ވޯޓު ނަގާ ދުވަހަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަސް

މީގެ ކުރީގައި ސަރުކާރުން ބުނަމުން ދިޔައީ އެ ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާއި ރިޔާސީ ދައުރު ކުރިން އޮތް ގޮތަށް 11 ނޮވެމްބަރަށް ބަދަލުކުރުމާ ގުޅޭ ގޮތުން ވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ބޭނުންވާ ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމުގެ މަސައްކަތެއް ފަހުން ނުފެންނާތީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ދެން ހުރި ބަދަލުތަކާ ގުޅިގެން އެ ކަމުގެ ދިރާސާތައް ކުރެވެމުންދާ ކަމަށެވެ. ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ބަދަލެއް ގެންނަ ނަމަ އެ ކަމުގެ މައުލޫމާތު ވެސް ކުރިއަށް އޮތް ތަނުގައި ހިއްސާކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ދިރާސާ ކުރެވެމުން ދަނީ ހަމަ. އެ ދިރާސާކުރެވުމަށް ފަހު ހަމަ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ހަމަ ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ނިންމުން ނިންމުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ގޮތަކަށް ނިޒާމު ބައްޓަން ކުރަން ވެގެން ކަމަށެވެ.

ރިޔާސީ އިންތިހާބުތަކުގައި ވޯޓު ދޭ ނިސްބަތް %90އަށް ވުރެ މަތިން އުޅުނު ނަމަވެސް މަޖިލިސް އިންތިހާބުތަކުގައި ވޯޓު ދޭ ނިސްބަތް %80އަށް ވެސް ނާރާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"މައިގަނޑު ބޭނުމަކީ ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުން އެ ރައްޔިތުން ތަމްސީލްކުރާ މަޖިލިސް މެންބަރުން ހޮވުމަށްޓަކައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، މިދިޔަ ތިން ފަހަރު ވެސް ރައްޔިތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ނެރެދީފައިވަނީ އެއް ނަތީޖާއެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. މަޖިލިސް އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ޕާޓީން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޑިމޮކްރެސީއަށް ލިބޭ އިތުރު ކުރިއެރުމެއް، އާރޯކަމެއް އަންނާނެ ގޮތް މިއީ. ރައްޔިތުން މިހާތަނަށް އަމަލީ ގޮތުން މިކަން ތަންފީޒުކޮށްފައިވާ ގޮތް އެއީ. ރިޔާސީ އިންތިހާބުގައި ނިންމާ ގޮތް ރިޕީޓްކޮށްފައިވަނީ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަ:

އިތުރު އާޓިކަލް

އިތުރު އާޓިކަލް