ރައީސް މުއިއްޒު ސެޕްޓެމްބަރު 2024ގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝައިހް އަބްދުﷲ ބިން ޒާއިދު އަލް ނަހްޔާނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އީރާނުން ދޭ ހަމަލާތައް ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

މިއީ އެމެރިކާ އަދި އިޒްރޭލުން އީރާނަށް ހަމަލާދީ، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ ހާމަނާއީ އަވަހަރާކޮށްލުމާ ގުޅިގެން އީރާނުން އެެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ސީދާ ގޮތެއްގައި ރާއްޖޭން ކުށްވެރިކުރި ފުރަތަމަ ފަހަރު
2 މާރިޗު 2026

ޔޫއޭއީ އާއި ބައެއް އެހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް، ރައީސް މުހައްމަދު މުއިއްޒު އިއްޔެ ކުށްވެރިކުރައްވައިފި އެވެ.

އެނގުން މުހިންމު - މިއީ އެމެރިކާ އަދި އިޒްރޭލުން އީރާނަށް ހަމަލާދީ، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ ހާމަނާއީ އަވަހަރާކޮށްލުމާ ގުޅިގެން އީރާނުން އެެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ސީދާ ގޮތެއްގައި ރާއްޖޭން ކުށްވެރިކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން، މި ހަމަލާތަކާ ގުޅިގެން އެއްވެސް ގައުމެއްގެ ނަން ނުގެނެސް ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ވީ ކިހިނެއް؟ - ރައީސް މިކަން ހާމަކުރެއްވީ، ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އާލް ނަހްޔާނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ވަކި އެއްޗެއް ނުބުންޏަސް، ޔޫއޭއީގެ ރައީސްގެ އޮފީހުން ވަނީ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައިވާ ގޮތުން، މި ފޯން ކޯލުގައި ރައީސް މުއިއްޒު ވަނީ އީރާނުން ދިން ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. އަދި މި ދަނޑިވަޅުގައި ރާއްޖެ އޮތީ ޔޫއޭއީއާ އެކު ސާބިތުކަމާ އެކުކަން އެ މަނިކުފާނު ޔަގީންކޮށްދެއްވި އެވެ.

ޔޫއޭއީގެ ރައީސް ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިކަމުން ދޭހަވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަދި ބަދަހި ގުޅުންކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މި މަޝްވަރާގައި ދެ ގައުމުގެ ލީޑަރުން ވަނީ ސަރަހައްދީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި އޭގެ ސަބަބުން ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން ބާރުއެޅުއްވި އެވެ.

މީގެ އިތުރުން، ސަރަހައްދީ ސުލްހަ މަސްލަހަތު ގާއިމުކުރުމަށްޓަކައި ޑިޕްލޮމެޓިކް އުސޫލުތަކާއި ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ މުހިންމުކަން ދެ ގައުމުގެ ލީޑަރުން ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް